ރާއްޖެ އޮންނަ އިންޑިއާ ކަނޑުގެ ސްޕާ ޕަވަރަކީ އިންޑިއާއެވެ. އާބާދީގެ ގޮތުން ބެލިޔަސް ޗައިނާ ފަހަތަށް ޖައްސާ މިއަދު ދުނިޔޭގެ 1 ވަނަ މަގާމުވެސް އޮތީ އިންޑިއާ އަށެވެ. އުފެންދުންތެރިކަމާއި ކާބޯތަކެއްޗާއި ވިޔަފާރިއާއި މުއްސަނދި ކަމަށް ބެލިޔަސް އެއީ މި ކަނޑުގެ އެއްވަނައެވެ. އަސްކަރީ ބާރާއި ނިއުކްލިއާ ގާބިލުކަމަށް ބެލިޔަސް ޒަމާންވީ ހަތުރު، ޕާކިސްތާނަށް ވުރެ ވެސް ކުރީގައި އޮތީ އިންޑިއާއެވެ. ހަންފެތުރުމާއި ސަރަހައްދީ ބާރެއްގެ ގޮތުގައި ދެމި އޮތުމުގައިވެސް ކުރި ހޯދާފައި ވަނީ އިންޑިއާއެވެ. މާލީ އެހީތެރިކަމާއި އަސްކަރީ އެހީތެރިކަމާއި، އުމްރާނީ ވަސީލަތް ބިނާ ކުރުމާއި ތައުލީމާއި ތަމްރީނުގެ އިތުރުން އެތައް ރޮނގަކުން 'ސަރަހައްދީ ގައުމުތަކުގެ މައްޗަށް އަތްތިލަ ފަތުރާލައިގެން އޮތް' ގައުމަކީވެސް އިންޑިއާއެވެ.
ރާއްޖެ އޮންނަނީ ދުނިޔޭގެ 4 ބިތަށް މުހިންމު އިސްތިރާޖީ ލޮކޭޝަނެއްގައި ކަމަށް ވުމީ ދިވެހިންގެ ނަސީބެވެ. ކާބަފައިންގެ ޒަމާނުގައި ވެސް އެކިއެކި ބާރުތަކުން ރާއްޖެއާ ތޮޅެން އައި ކަމާއި ތޮޅުނު ކަމާއި ރާއްޖެ ހިފައިގެން ތިބިކަން ލިޔެކިޔުންތަކުންނާއި އާސާރުތަކުން ފެންނަން އެބަހުއްޓެވެ. އޭރު އެކަން ކުރީ، ކަނޑި ބަޑިއާއި ލޮންސި އަދި އުންޑަ ބޯޅަ ޖަހާ ބަޑީގެ ބާރުގެ ބޭނުން ކޮށްގެންނެވެ.
އެތެރެއާއި ބޭރުން ސިޔާސީ މަދަދު އޭރުވެސް އެ ފަރާތްތަކަށް ދެމުން ދިޔަ ކަމާއި، އަމިއްލަ އެދުމާއި އާރާއި ބާރު މަތިވެރިކުރުމުގެ ބޭނުމުގައި އެފަދަ ފަރާތްތަކާއި ދިވެހިން ބައިވެރިވިކަން ވެސް ތާރީހުން ފެންނަން އެބައޮތެވެ.
ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން، އުތުރާއި ދެކުނަށް އަދި އިރާއި ހުޅަނގަށް ދަތުރު ކުރާ މަގުތަކަކީ، އަހަރެއްގެ މައްޗަށް ބިލިއަން ބިލިއަން ޑޮލަރުގެ ފިޔަފާރީގެ މުއާމަލާތްތައް ހިންގާ މަގުތަކެވެ. ދުނިޔޭގެ ކޮންމެ ބިތަކަށް ވެސް ފަސޭހައިން ގުޅާލަދޭ ދޮރާއްޓެއް ފަދަ މި ރާއްޖޭގެ ދެވަނަ ނަސީބަކީ ގުދުރަތީ ރީތިކަމާއި ފުންމިން ނޭނގޭ ކަނޑުތަކުގެ ގުދުރަތީ މުއްސަނދިކަމެވެ.
މި މުއްސަނދިކަމާއި އިސްތިރާޖީ ދަރަޖައިގެ ފަސޭހަކަމާއެކު ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ލޯ އެއް އިރެއްގައި ވެސް ރާއްޖެމަތިން ކައްސާލައިގެން ނުދެއެވެ. އިނގިރޭސީންގެ އިސްތިއުމާރުގެ ފަހުން އައި ހުރިހާ ބާރުތަކަކުން ވެސް ރާއްޖެއަށް ކަޅިއެޅިއެވެ. 19 ވަނަ ގަރުނުގެ ފަހުން އުފެދެމުން އައި ބޮޑެތި ބާރުތައް ކަމަށް ވާ، ޗައިނާ އެމެރިކާ، ޔޫރަޕާއި ރަޝިއާ އަދި ފަހުން އިންޑިއާ ފަދަ ބާރުތަކުގެ މެދުގައި ވާދަ ވެރިކަން ބޮޑުވެ، އެބައެއްގެ ބާރާއި ނުފޫޒުގެ ދަށަށް ފަސޭހައިން އަތްފޯރާ ފަށުގައި އޮންނަ ގައުމުތަކާއި ތަންތަނާއި ސަރަހައްދުތައް ގެންދަން މަސައްކަތް ކުރިއެވެ. އަދިވެސް ކުރެއެވެ.
ރާއްޖޭގެ މައްޗަށް އިންޑިއާގެ ނުފޫޒު
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާގެ ހަތުރު ޗައިނާ އާ "މާ ގާތް ގުޅުމެއް" އުފެއްދުން ވެގެން ދިޔައީ، އިންޑިއާއިން ދަމަހައްޓަމުން އައި "މަޑުން ތިބުމުގެ ސިޔާސަތު" ބަދަލުކޮށް ފުނަށް އަދި އަޑިއަށް ވަނުމަށް މަގުފަހިވެގެން ދިޔަ ކަމަކަށެވެ.
އަދި ޔާމީންގެ ވެރިކަމަށް ފަހު އުފެދިގެން އައި އެމްޑީޕީގެ ސަރުކާރާއި އެ ސަރުކާރުގެ ވެރިންނަކީ ކުރީންސުރެ އިންޑިއާ އާ ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ފަރާތްތަކަކަށް ވުމުގެ ފަހިކަން އިންޑިއާ އަށް ލިބިގެން ދިޔައެވެ.
ހައި އިމްޕެކްޓް ޕްރޮޖެކްޓް ތަކުގެ ނަމުގައި އިންޑިއާގެ އެގްޒިމް ބޭންކުން 800 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީ ހަމަޖައްސައި ދިނުމާއި، ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް ތަމްރީނާއި ހުނަރު ޕްރޮގްރާމުތައް ހިންގައި ދިނުމާއި، ފެމިލިއަރައިޒޭޝަން ޓްރިޕް [އިންޑިއާ ދައްކާލުމުގެ ދަތުރުތައް] ރާވާ، ރާއްޖޭގެ އެކިއެކި މުއަސަސާތަކުގެ ގިނަ އަދަދެއްގެ ބަޔަކު ގެންދިޔުން ފަދަ ކަންކަމުން ގުޅުންތައް ވަރުގަދަ ކޮށް ރާއްޖޭގެ ހަފޮޅުން "ރަނގަޅަށް އެތެރެ ވެ ވަކި ހިއްޕާލި' އެވެ.
އިންޑިއާގެ އެހީގައި ހިންގާ އެކިއެކި މަޝްރޫއުތަކާއި، އިންޑިއާއިން ހަދިޔާކޮށްފައި އޮންނަ 2 ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބެލެހެއްޓުމާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ނަމުގައި 75 އަކަށް ވުރެ ގިނަ ސިފައިން ގާއިމު ކުރިއެވެ. 75 އަކީ އޮފިޝަލުން ހާމަކޮށްފައި ވާ އަދަދުތަކެވެ. ނަމަވެސް އޭގެ ބޭރުން ޑޮކްޓަރުންގެ ގޮތުގައި އާއި ޖާސޫސީ މަސައްކަތްތަކުގައި ވެސް އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރި ވެއެވެ.
ނިމެނުންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ އެހީ އާއި މަދަދު ހޯދަމުން، ފުޅާކުރަމުން ދިޔުމުގެ ނަތީޖާ އަކީ، ކުރަމުން ދިޔަ މާލީ ހޭދަތައް މައްޗަށް ގޮސް ޒަރޫޒީ ކާ އެތިކޮޅާއި، މުވައްޒަފުންގެ އަސާސީ މުސާރަކޮޅު ދައްކަންވެސް އިންޑިއާ އިން މާލީ އެހީ ހޯދަން ޖެހުމެވެ.
ތަފާސް ހިސާބުތަކުން ފެންނަން އޮތް ނަންބަރުތަކުން އެނގެނީ، އިންޑިއާގެ ދަރަނި 40 ބިލިއަން ރުފިޔާ ހުރަސް ކޮށްފައި ވާކަމެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނެގި ދަރަނީގެ މިންވަރަކީ 21 ބިލިއަން ރުފިޔާއެވެ.
ދައްކަން ހުރި ދަަރަނި؛
- 2023: ޕްރިންސިޕް ޕޭމަންޓް 111 މިލިއަން ޑޮލަރު / އިންޓްރެސްޓް 94 މިލިއަން ޑޮލަރު
- 2024: ޕްރިންސިޕް ޕޭމަންޓް 117 މިލިއަން ޑޮލަރު / އިންޓްރެސްޓް 94 މިލިއަން ޑޮލަރު
- 2025: ޕްރިންސިޕް ޕޭމަންޓް 225 މިލިއަން ޑޮލަރު / އިންޓްރެސްޓް 90 މިލިއަން ޑޮލަރު
ޗައިނާގެ ސިޔާސަތަކީ ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުމުގެ ސިޔާސަތެއް ނަމަވެސް ރާއްޖޭގައި ކޮށްފައި ވާ އިންވެސްޓްމަންޓް ތަކަށް އިންޑިއާއިން ދީފައިވާ މާލީ އެހީތެރިކަމާއި، އެއްބަސްވެފައި ވާ އުސޫލުތަކުގެ ދަށުން، އެގްޒިމް ބޭންކުގެ ޕްރޮޖެޓްތައް ހިންގަނީ އިންޑިއާގެ ކުންފުނިތަކުން ކަމަށް ވުމާއެކު، ރާއްޖެ ދޫކޮށްލުމަކީ އިންޑިއާ އަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.
ރާއީސް ޔާމީންގެ ވެރިކަމުގައި ބަދަލު ދީ އިންޑިއާގެ ޖީއެމްއާރު ބޭރު ކޮށްލި އިރު އޮތް ހާލަތަށް ވުރެ މިހާރު އޮތް މާލީ އަޅުވެތިކަން ބިލިއަނުން ބިލިއަނުން މައްޗެވެ. ބަދަލު ދޭން ބެލިޔަސް އެއީ ރާއްޖޭގެ ތިޖޫރީތަކަށް އުފުލާލެވޭ ވަރަށް ވުރެ ބޮޑު ބުރައެކެވެ. ހަމަ އެހެންމެ ރާއްޖޭގައި ހިންގާ އެ މަޝްރޫއުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އިންޑިއާގެ އެންމެ މަތީ މަސްލަހަތާ ގުޅިފައި އޮންނާނެ ކަމަކަށް ވާ އިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އެއް ދައުރަކީ އެއީ ކަމަށް ބަލައިފި ނަމަ އެމީހުންގެ ވިސްނުން ހުންނާނީ ރާއްޖޭގައި ދެމިތިބުމަށެވެ.
އިންތިހާބީ ރައީސްގެ ވަރުގަދަ ވައުދު
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގައި ވެވަޑައިގެންނެވި އެންމެ ވަރުގަދަ ހާރިޖީ އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލައްވާނެ ކަމުގެ ވައުދެވެ. ދިވެހިން ވޯޓު ދިން އެއް ސަބަބަކީވެސް އެއީ ކަމަށް ވާއިރު، އިންތިހާބަށް ފަހު އެވާހަކަ ތަކުރާރު ކުރައްވައި މުއިއްޒު ވިދާޅުވެފައި ވަނީ ރައްޔިތުން ގޮތް ނިންމައިފި ކަމަށާއި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބެއް ރައްޔިތުން ދެކޮޅު ކަމަށެވެ.
އެއާއެކު އޭނާ ވިދާޅުވީ، އިންތިހާބަށް ފަހު އިންޑިއާގެ ހައިކޮމިޝަނަރު އޭނާގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައިވެސް، އެވާހަކަ ދަންނަވާފައި ވާނެ ކަމަށާއި، ސުލްހަވެރި ކަމާއެކު އެކަން ހައްލުކޮށްދެއްވާނެ ކަމަށް ސަފީރު އެއްބަސް ވެވަޑައިގެންފައި ވާ ކަމަށެވެ.
އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ވެސް މުއިއްޒު ވަނީ އޭނާގެ އެ ވައުދު އާ ކުރައްވައި "ވެރިކަމުގެ ފުރަތަމަ ދުވަހުވެސް އަޅުގަނޑު އެ މަސައްކަތް ފަށާނަން،" ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން 'ދަ ޕްރެސް' އަށް މުއިއްޒު ދެއްވި ހާއްސަ އިންޓަވިއުއެއްގަައި ވެސް އޭނާ ވަނީ އެ ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުގެ ތެރެއިން ފެންނަނީ 'އަޅުވެތިކަމު'ގެ މަންޒަރު ކަމަށާއި، ހދ. ހަނިމާދޫގައި އިންޑިއާ ސިފައިން ތިބެ، އެ ރަށުގެ ރައްޔިތުންގެ ކުރިމަތީގައި މިދިޔަ ރޯދަ މަހު ދުވާލުގެ ވަގުތުގައި ކައިބޮއެ ހެދި ކަމުގެ ޝަކުވާވެސް ލިބިވަޑައިގެންނެވި ކަމަށެވެ.
"މިހާރު މި ފެންނަނީ ބޭރު ގައުމެއްގެ އެހީތެރިކަން ރާއްޖެ އަށް ބަލައިގަތުމުގަ ވެސް ބޭރު ގައުމެއްގެ ހުއްދަ ހޯދަން ޖެހޭކަން، އެ ހިސާބަށް ކަންތައްތައް ގޮއްސަ މި އޮތީ އިނގޭތޯ،" ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމް ޕާކިސްތާނަށް މީގެ ކުރިން ދާން ލިބުނު ފުރުސަތު ކެންސަލް ކުރަން ޖެހުނުކަން މިސާލެއްގެ ގޮތުގައި ނަންގަވައި، އަވަށްޓެރި އިންޑިއާ އަށް ސަރުކާރުން ބަރޯސާވެފައި އޮންނަ އޮތުން ފާހަގަ ކުރައްވައި އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ބޭއްވި ބަހުސްގައި، އަސްކަރީ ބޭނުމެއްގައި އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމް ވެފައި ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ވާހަކަފުޅަށް ވެސް މުއިއްޒު އިޝާރާތް ކުރެއްވިއެވެ.
މި މަހުގެ ދެވަނަ ދުވަހު ބޭއްވި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަސްކަރީ ބޭނުމުގައި ތިބޭ ބޭރު ގައުމުތަކުގެ ސިފައިންނަކީ ރާއްޖޭގައި ގާއިމްވެ ތިބޭ ސިފައިން ނޫން ކަމަށެވެ. ނަމަވެސް އިންޑިއާގެ ސިފައިން ނެތް ކަމަށް އެމަނިކުފާނު ސީދާ ވިދާޅެއް ނުވެއެވެ. ރާއްޖޭގެ މައްޗަށް އިންޑިއާގެ ނުފޫޒު އޮންނަ ކަމަށާއި، އަދި ހަމައެހެންމެ އެ ގައުމުގެ ސިފައިން ހަތިޔާރާ އެކު ތިބޭކަމަށް ކުރާ ތުހުމަތުތައް ރައީސް ތަކުރާރުކޮށް ދޮގުކުރައްވާފައި ވެއެވެ.
މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިގަންނަވާނެތަ؟
މުއިއްޒު ވިދާޅުވީ، "އަޅުގަޑުމެންގެ މިނިވަންކަން ޔަގީންކޮށްދޭހާ ހިނދަކު ކޮންމެ ގައުމަކީ ވެސް އަޅުގަނޑުމެންގެ ރަހުމަތްތެރި ގައުމެއް، އެއީ އެންމެ ކުޑަ ގައުމު ކަމަށް ވިޔަސް، އެންމެ ކައިރީގައި އޮތް ގައުމު ކަމުގައި ވިޔަސް، އެންމެ ދުރުގައި އޮތް ގައުމަށް ވިޔަސް، އެންމެ ބޮޑު ގައުމަށް ވިޔަސް،" އެވެ.
އިންޑިއާ އާއެކު ވެސް ގުޅިގެން މަސައްކަތް ކުރެއްވުމަކީ މުއިއްޒުގެ ސިޔާސަތަކަށް ވާއިރު، އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިައްޔާތަށް ބޭރު ގައުމުތަކުގެ ވެރިންނާއި އެކި ފެންވަރުގެ ޑިޕްލޮމޭޓުން ވަޑައިގަންނަވާނެއެވެ. އަދި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި އެކިއެކި ފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ އިރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލީހުން ގެންދަނީ ކުރަމުންނެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ ބޭބޭފުޅުންގެ ލިސްޓު މިހާތަނަށް އަދި ހާމަ ކޮށްފައި ނުވި ނަމަވެސް، މިވަގުތަށް އުފެދޭ ސުވާލަކީ، ރާއްޖެ އަކީ އިންޑިއާ އަށް މުހިންމު މަންޒިލަކަށް ވުމާއި ރާއްޖޭގައި އިންޑިއާގެ މަސްލަހަތުތަކެއް ހުރުމާއި ރާއްޖެއާ އެކު އޮތް ގުޅުން ދަމަހައްޓަން އިސްކަން ދޭނީ ކިހާ މިންވަރަކަށް ތޯއެވެ.
2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމަށްޓަކައި ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތަށް ވަޑައިގަތީ ސީދާ އިންޑިއާގެ ބޯޑުވަޒީރު ނަރެންދްރަ މޯދީއެވެ.
ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައި ނުގަންނަވާނަމަ، މުއިއްޒުގެ ސަރުކާރާ މެދު އިންޑިއާގެ ތަސައްވުރު ވަޒަން ކޮށްލަން އެނގޭނެއެވެ.