ފިލްމު އުފައްދާ ކަރަން ޖޯހަރު ގެނެސްދޭ ޝޯ "ކޮފީ ވިތް ކަރަން"ގެ ސީޒަން 8 މި މަހު ޕްރިމިއާކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ބެލުންތެރިންގެ މެދުގައި ހިޓް ވެފައި ވާ ޝޯ، ކޮފީ ވިތު ކަރަން އަކީ މަޝްހޫރު އިންޑިއާގެ ސެލެެބްރިޓީން ބައިވެރިކޮށްގެން ގެނެސްދޭ ޝޯއެކެވެ. އެ ޝޯގައި އެމީހުންގެ ޒާތީ ވާހަކައާއި، ދިރިއުޅުމުގެ ވާހަކަތަކުގެ އިތުރުން ގޭމްތައް ވެސް ކުޅެއެވެ. މި މަހު 26 ވަނަ ދުވަހު ގެނެސްދޭން ހަމަޖެހިފައިވާ މި ޝޯގެ ޓީޒާ ވެސް ދައްކާލާފައި ވާއިރު ރިޕޯޓްތައް ބުނާގޮތުގައި ޝޯގެ ފުރަތަމަ މެހެމާނުންގެ ތެރެއިން އެކަކަކީ ޝާހްރުކް ހާން ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި ފަހަރުގެ ޝޯގެ އެޕިސޯޑުތަކުގައި ދެކުނު އިންޑިއާ ސިނަމާގެ އެކްޓަރުން ވެސް ފެނިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި އައްލޫ އަރުޖުން، ޔަޝް އަދި ރިޝަބް ޝެޓީ ހިމެނެއެވެ. ޝޯގެ ދެވަނަ އެޕިސޯޑުގައި އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނާއިރު ތިން ވަނަ އެޕިސޯޑުގައި ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންހް ބައިވެރިވާނެއެވެ. އޭގެ އިތުރުން ސިދާތް މަލްހަތްރާ އާއި ކިއާރާ އަދުވާނީގެ އިތުރުން ޝާހުގެ ދަރިފުޅު ސުހާނާ އާއެކު "ދަ އާޗީސް"ގެ ކާސްޓުން ފެނިގެންދާނެއެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ މި ޝޯ އަކީ 2004 ވަނަ އަހަރު ގެނެސްދޭން ފެށި ޝޯއެކެވެ. ހެއްވާ މަޖާ ކަންތައްތަކެއް އެކުލެވޭ މި ޝޯގައި އެކްޓަރުންގެ ކެރިއަރާ ގުޅޭ ސުވާލުކޮށް އެކްޓަރުންގެ ދިރިއުޅުމާއި ގުޅޭގޮތުންވެސް ކަރަން ސުވާލުކުރެއެވެ. އަދި މި ޝޯގައި އެކި ކަހަލަ ގޭމްތައް ކުޅެ މޮޅުވާ މީހަކަށް އަގުބޮޑެތި ހަދިޔާތަކެއް ކަރަން ދޫކުރެއެވެ.
މިދިޔަ ސީޒަންގައި މި ޝޯ އިން ފެނިގެންދިޔަ ބައެއް ތަރިންނަކީ ވިކީ ކޯޝަލް، ސިދާތު މަލްހަތްރާ، އަރުޖުން ކަޕޫރު، ސޯނަމް ކަޕޫރު، ކަރީނާ ކަޕޫރު ޚާން، އާމިރު ޚާން، އަނަންޔާ ޕާންޑޭ، ވިޖޭ ދެވަރަކޮންޑާ، ސާރާ އަލީ ޚާން، ޖާންވީ ކަޕޫރު، އަކްޝޭ ކުމާރު، ސަމަންތާ ރުތް ޕްރަބޫ، އާލިއާ ބަޓް، ރަންވީރު ސިންހް، ކިއާރާ އަދުވާނީ އަދި ޝާހިދު ކަޕޫރެވެ.