ނިޕާ ވައިރަސް އިންޑިއާގައި ފެތުރޭތީ ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މި ވައިރަސް ފެތުރުން އިތުރުވެފައިވާތީ ބޭސްފަރުވާ އާއި އެހެނިހެން ކަންތައްތަކުގައި އާންމުކޮށް ދިވެހިން ގޮސް އުޅޭ އިންޑިއާގެ ކެރަލާ ސަރަހައްދުގެ އިދާރާތައް ބަންދުކޮށް އެ ސަރަހައްދު މިހާރު ވަނީ ލޮކްޑައުން ކޮށްފައެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ، އެ ސްޓޭޓުގައި ދިވެހިން ދިރިއުޅޭ ސަރަހައްދުތަކުން ފެނިފައި ވަނީ މަދު ކޭސްތަކެއް ކަމަށާއި އެހެންކަމުން އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންނަށް އެ ބަލި ޖެހުން ދުރު ކަމަށެވެ.

މިއީ 2018 ގެ ފަހުން އިންޑިއާގައި މި ވައިރަސް ފެތުރޭކަން ފާހަގަވި 4 ވަނަ ފަހަރެވެ. ނިޕާ ވައިރަހަކީ ޖަނަވާރުގެ ފަރާތުން އިންސާނުންނަށް އަދި ވައިރަސް ފޯރާފައި ތިބޭ އިންސާނުންގެ ފަރާތުން އެހެން ޖަނަވާރުތަކަށް ވެސް އަރާ، ގައިންގަޔަށް އަރާ ވައިރަހެކެވެ. މީގެ އިތުރުން އެފަދަ ވައިރަހެއްގެ އަސަރު ހުރި ކާއެއްޗަކުން ނުވަތަ ތަނަކުންވެސް މި ވައިރަސް އެހެން މީހުންނާއި ޖަނަވާރުތަކަށް ފެތުރުމުގެ ފުރުސަތު ބޮޑެވެ.

އެމެރިކާގެ ސީޑީސީން ބުނީ، ނިޕާ ވައިރަހުގައި ބައެއް ފަހަރު އާދައިގެ ބޮލުގެ ރިހުމެއްގެ ގޮތަށް ފާހަގަ ވި ނަމަވެސް ބައެއް ފަހަރު ގަދަޔަށް ބޮލުގައި ރިއްސާ، ބޯ އަނބުރާގޮތް ވެ ދުވަސްކޮޅެއްގެ ތެރޭގައި ކޯމާއަކަށް ވެސް ހިނގައިދާނެ ކަމަށެވެ.

އަދި ނޭވާލާ ނިޒާމަށް އަސަރުކޮށް އެކަށީގެންވާ މިންވަރަށް އޮކްސިޖަން ނުލިބުމާއި ސިކުނޑި ދުޅަވުމަކީވެސް މި ވައިރަސްގައި ދިމާވާ ގޮތެކެވެ.

މި ވައިރަހަށް ވެކްސިނެއްވެސް އަދި ފަރުވާއެއް ވެސް ހޯދިފައި ނުވާ އިރު މި ބާވަތުގެ އެހެނިހެން ބަލިތަކަށް ދޭ ފަރުވާ ނުވަތަ ބޭހަށް ވެސް މި ވައިރަހެއް ނުގުޑައެވެ.

ހަބަރުތައް ބުނާގޮތުން މި ވައިރަހުގައި މަރުވި 2 މީހުންނާ ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 700 އެއްހާ މީހުން ދެނެގަނެވި ދަނީ ޓެސްޓުތައް ހަދަމުންނެވެ. އޭގެ ތެރެއިން 77 މީހުންނަކީ ހައި ރިސްކް މީހުން ކަމަށާއި އެމީހުން ވަކިން ގޭގައި ތިބެ ހާލަތު ބަލަމުން ދިޔުމަށް އިރުޝާދު ދީފައި ވާ ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ.

2018 ގައި އެ ސްޓޭޓުގައި ނިޕާ ވައިރަސް ފެތުރި 17 މީހަކު މަރުވިއެވެ. އޭގެ ފަހުން 2021 ގައި ވެސް އެ ސްޓޭޓުން އެ ވައިރަސް ފެނިގެން އެތައް ސަތޭކަ ބަޔަކު ޓެސްޓު ކުރިއެވެ. އެފަހަރު 12 އަހަރުގެ ކުޑަކުއްޖަކު މަރުވެފައި ވެއެވެ.

ނިޕާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ 1998 އާއި 1999 އާ ދެމެދު މެލޭޝިއާއިންނެވެ. އެފަހަރު 300 މީހަކަށް ވައިރަސް ޖެހި އޭގެ ތެރެއިން 100 މީހަކު ވަނީ މަރުވެފައެވެ.