އިންޖީނު ގަންނަ ކަސްޓަމަރުންނަށް މާލީގޮތުން ލުއިފަސޭހަ ކޮށްދިނުމަށްޓަކައ،ި އެމްޓީސީސީން މޯލްޑިވްސް އިސްލާމިކް ބޭންކާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އެމްޓީސީސީން ބުނީ، މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން މިއަދުން ފެށިގެން މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޓީސީސީ އިން ވިއްކާ ޔަންމާ އަދި ސުޒުކީ ބްރޭންޑްގެ އިންޖީނު ގަންނަ ކަސްޓަމަރުންނަށް ދިގުމުއްދަތަށް ބަހާލައިގެން އިސްލާމީ އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން އިންޖީނަށް ފައިސާދައްކާ ހަލާސްކުރެވޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ.

މި އެމްއޯޔޫގެ ދަށުން ސުޒުކީ އައުޓްބޯޑު އިންޖީނުން (2.5 އެޗްޕީ އިން 325 އެޗްޕީ އާހަމައަށް) 8 ޕަސެންޓްގެ ޑިސްކައުންޓެއް އަދި ޔަންމާ (35 އެޗްޕީ އިން 1400 އެޗްޕީ އާހަމައަށް) އިންޖީނުން 5 ޕަސެންޓްގެ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބިގެންދާ ކަމަށް އެމްޓީސީސީން ބުނެއެވެ.

ކަސްޓަމަރުން ހޭލުންތެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް އެމްޓީސީސީއާއި މޯލްޑިވްސް އިސްލާމިކް ބޭންކް ގުޅިގެން ތަފާތު ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވާއިރު އޭގެ ތެރޭގައި މީޑިއާއާއި މީސް މީޑިއާގެ ޕްލެޓްފޯމްތަކާއ،ި އޮޑިވެރިންނާއި އޮޑިދޯނިފަހަރު ބަންނަ ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވައިގެން ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސިސީން ބުނީ، މި ޕްރޮމޯޝަންގެ މަގްސަދަކ،ީ އިންޖީނު ފައިނޭންސްކުރުމުގައި ކަސްޓަމަރުންނަށް ލުއިގޮތްތައް ހޯދައިދިނުމާއ،ި މަސްވެރިންނާއ،ި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއ،ި މޫދު ކުޅިވަރު ފަދަހަރަކާތްރަކުގައި ޝާމިލުވާއުޅޭ ފަރާތްތަކުން އިންޖީނަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށެވެ.

މި އެމްއޯޔޫގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއެކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ، އާދަމް އާޒިމްއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ސޮއެކުރެއްވީ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ހުމްރީއެވެ.