ދިވެހި ފިލްމު އިންޑަސްޓްރީ ދުށް އެންމެ މޮޅު ފިލްމީ ތަރި ނިއުމާ މުހައްމަދު އޭނާގެ ދަރިފުޅު ޒޯޔާގެ ނަމުގައި ހަދާފައިވާ ކުންފުނި ނިއުޒޯ ފިލްމްސްއިން ގެނެސްދޭ ފިލްމު "ކަޅަކި" ރިލީޒްކުރާ ތާރީހް ހާމަކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ނިއުމާ ބުނީ "ކަޅަކި" ރިލީޒްކުރާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ކަމަށެވެ. ބަތަލާ ބުނީ ފިލްމުގެ ރަސްމީ ޓްރެއިލާ މި މަހު 18 ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށާއި، ފިލްމުގެ ޓިކެޓް ވިއްކަން މި މަހު 21 ގައި ވިއްކަން ފަށާނެ ކަމަށެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކުރާ އެ ފިލްމަކީ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. "ކަޅަކި" ފިލްމުގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، އައިމިނަތު ރިޝްފާ، މުހައްމަދު މަނިކް، ޔޫސުފް ޝަފީއުގެ އިތުރުން ލަހޫ އާއި ވާޝިޔާ ހިމެނެ އެވެ.

ސްރީލަންކާގެ ކޮލޮމްބޯ، ކެންޑީގެ އިތުރުން ނުވަރަލިޔާގެ ހިތްގައިމު މާހައުލުގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ބިރުވެރި ފިލްމެކެވެ. މި ފިލްމަކީ އެކުވެރި ގްރޫޕުގަނޑެއް މަޖާކޮށްލަން ޗުއްޓީ ދުވަސްވަރު ދާ މަންޒިލުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށެވެ. މިދަތުރުގައި އާދަޔާ ހިލާފު އެތައް ކަންތައްތަކެއް އެކުވެރިންނަށް ކުރިމަތިވެގެން ދާއިރު ސިއްރުން ފުރިގެންވާ ކަންތައްތަކެއްވެސް އެމީހުންނަށް އެނގިގެންދާނެ ފިލްމެކެވެ. ބިރުވެރި ތްރިލާ ޖޯންރާ އަށް ގެނެސްދޭ މި ފިލްމަކީ އެކުވެރިންތަކެއްގެ ޗުއްޓީ ހަރާބު ކޮށްލާނެ ފިލްމެކެވެ.

މިހާރު އޮލިމްޕަހުގައި އަޅުވާފައި އޮތީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު "ޖޯކަރު" އެވެ.