މިއަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވުނީ ތަންކޮޅެއް "އޯވާ ކޮންފިޑެންޓް" ވުމުންކަމަށް މި ސަރުކާރުގެ ހޯމް މިނިސްޓަރު އަދި އަދާލަތުޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ "ދަޑިކޮށި ޖަގަހަ" ގައި ބޭއްވި ޖަލްސާގައި ރޭ އިމްރާން ވިދާޅުވީ ރިޔާސީ އިންތިހާބުގައި އުއްމީދުކުރި ނަތީޖާ ނުލިބުނީ މޮޅުވާނެ ކަމަށް ކުރެވުނު އުއްމީދު ބޮޑުކަމުން ކަމަށާ އެގޮތުން ބައެއް ކަންކަން މާ ފަސޭހަކޮށްލެވުމުން ކަމަށް އިމްރާން ވިދާޅުވިއެެވެ. އެކަމަކު މިހާރު މި ދާ ދުވެލީގައި ގޮސްފިނަމަ ދެން އަތުނުވާނެކަމަށް އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ މި މަސައްކަތުގައި އަދާލަތު ޕާޓީ އާއި އެމްޑީއޭގެ މެންބަރުން ތަންކޮޅެއް ސީރިޔަސްކޮށް އުޅެންޖެހޭކަމަށާ އެ ބޭފުޅުން ނުކުމެ ތިބީ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެން ޖަލުގެ ގޮޅިތަކުގެ ފަހަތަށް ނުދާނެ ގޮތެއް ހޯދުމަށް ކަމަށެވެ.
މުއިއްޒުއަށް ވެރިކަން ލިބިއްޖެ ނަމަ މާލޭ ރައްޔިތުންނަށް ދިން ގޯތިތަކާއި ފްލެޓްތައް އަތުލާނެކަން ފާހަގަކުރަމުން އިމްރާން ވިދާޅުވީ ކުދި ރަށްރަށުގައި މިހާރު ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ވެސް ހުއްޓާލާނެކަމަށެވެ.
މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުގައި އެމްޑީޕީ އިން އުއްމީދުކުރި ފަދަ ނަތީޖާއެއް ނެރެވިފައިނުވާއިރު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 56 ޕަސަންޓް ލިބޭނެ ކަމަށް ބުނެވުމުން، މޮޅުވާނެ ކަމަށް ބަލައި ގިނަ ބަޔަކު ވޯޓުލާން ނުކުމެފައިނުވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ވާހަކަތަކާ ގުޅިގެން ފައްޔާޒު ވަނީ މައާފަށް އެދިވަޑައިގެންފައެވެ.