ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން މައާފަށް އެދެން ޖެހޭނެ ކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ރައީސް އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާމެދު މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ބޮންޑޭ ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު، ކުރިން ހެއްދެވިފައި ހުރި ގޯސްތައް ރަނގަޅުކުރައްވާނެ ކަމަށް ވިދާޅުވެފައި ވާކަމަށެވެ. އެހެންކަމުން ފޯޅަވަހި ވިއްކައިލި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ބޮންޑޭ ވިދާޅުވިއެވެ.

މީގެ އިތުރުން ބޮންޑޭ ވަނީ ރައީސް ސޯލިހް އާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރުންނަކީ މޭ 6، 2021 ގައި ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ހުރަސްއެޅި ބޭފުޅުންކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މި ސަބަބާ ގުޅިގެން ރައީސް ނަޝީދުގެ ކިބައިން މައާފަށް އެދެން ޖެހޭނެކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދަން ނިންމައި، ވަކިކުރުމަށް ހުށަހެޅި ގަރާރުތަކުގައި ސޮއިކުރެއްވި މެންބަރުންގެ ތެރެއިން 33 މެންބަރެއްގެ ސޮއި އަނބުރާ ނެންގެވި ކަމުގެ ލިޔުން މަޖިލީހުގެ އިދާރާ އަށް ވަނީ ފޮނުވާފައެވެ.