މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 46 ޕަސެންޓާއެކު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕަސެންޓާއެކު ކުރި ހޯދައިފިއެވެ.

ވަގުތީ ނަތީޖާއިން ދައްކާގޮތުގައި މުއިއްޒުއަށް 101،180 (46.02 ޕަސެންޓު) ވޯޓު ލިބިވަަަޑައިގެންފައި ވާއިރު ރައީސް ސޯލިހްއަށް ލިބިވަޑައިގެންފައި ވަނީ 85،935 (39.09 ޕަސެންޓު) ވޯޓެވެ. މި ދެ ކެންޑިޑޭޓުންނާ ކައިރިން ވާދަ ކުރެވޭ އެހެން ކެންޑިޑޭޓެއް ނެތް އިރު 3 ވަނައިގައި އޮތީ 15،600 (7.10 ޕަސެންޓު) ވޯޓާއެކު ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބެވެ. ހަތަރު ވަނަގައި އޮތީ އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރެވެ.

ރައީސް ސޯލިހް އަދި މުއިއްޒު ވެސް ވަނީ މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 20،270 ޒުވާނުން ހިމެނެއެވެ.

މި އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮއްޓެއް ބަހައްޓާފައި ވާއިރު އޭގެ ތެރޭގައި 142 ފޮށި ބަހައްޓާފައި ވަނީ މާލޭގައެވެ. އެ ފޮށިތަކުގެ ތެރެއިން 61 ފޮއްޓަކީ މާލޭގެ ރައްޔިތުންނަށް ހާއްސަަ ކުރެވިފައިވާ ފޮށިތަކެވެ. އަދި ބާކީ 81 ފޮއްޓަކީ އަތޮޅު ތެރޭގެ މީހުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންނަށް ހާއްސަ ކުރެވިފައިވާ ފޮށިތަކެވެ.

21 ފޮއްޓެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބައްޓާފައި ވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ވަނީ 6 ފޮއްޓެވެ. ވިލިމާލޭގައި 7 ފޮށި ވަނީ ބަހައްޓާފައެވެ. އަދި ޖަލުތަކުގައި 5 ފޮށި ބަހައްޓާފައި ވާއިރު ހުޅުލޭގައި ބަހައްޓާފައި ވަނީ 1 ފޮއްޓެކެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި 8 ފޮއްޓެއް ބަހައްޓާފައިވާއިރު އެ ފޮށިތައް ބަހައްޓާފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަމްޕޫރާއި އިނގިރޭސިވިލާތުގެ ލަންޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ ގައެވެ.