ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކްޝަންސް ގުޅިގެން އުފައްދާފައިވާ ދިވެހި ފިލްމު "ޖޯކަރު" އަންގާރަ ދުވަހުގެ ރޭ ވަނީ އޮލިމްޕަހުގައި ޕްރިމިއާކޮށްފައެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިސްމާއިލް ޝަފީގު އަދި އަލީ ޝާނީޒް ޕްރޮޑިއުސްކޮށް ގެނެސްދީފައިވާ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާ ބެލި ފުރަތަމަ ދުވަހުވެސް މި ފިލްމަކީ މަޖާ ވާނެ ފިލްމެއްކަން އެނގުނެވެ. ބޮޑު ކާސްޓަކާއެކު މި ފިލްމު ޔޫއްޕެ ގެނެސްދީފައިވާއިރު ކޮންމެ ތަރިއެއްވެސް ވަނީ އެ ތަރިއަކަށް ކުޅެން ލިބުނު ކެރެކްޓާ ވަރަށް ފުރިހަމައަށް އަދާކުރުމަށް މަސައްކަތްކޮށްދީފައެވެ. ފިލްމު ބަލަން އޮލިމްޕަހަށް ދިޔައިރު ވެސް މި ފިލްމަކީ ހީހީ ގޮސް ބަނޑުގައި ރިއްސާވަރު ފިލްމެއް ކަން އެނގެއެވެ. ފިލްމުގެ އިންޓަމިޝަން އަށް ލިބުނު 10 މިނެޓު ތެރޭގައި ވެސް ދުއްވައިގަންނަން ޖެހުނީ ފާހާނާ އަށެވެ. ހީހީ ގޮސް ކެތްނުވީއެވެ.

ރެޑް ކާޕެޓް ހަފްލާއަކާ އެކު އަންގާރަ ދުވަހުގެ ރޭ ޕްރިމިއާކުރި "ޖޯކަރު" ފިލްމަކީ އެތައް ގޮތަކުން ހާއްސަ ފިލްމެއް ކަމަށް ޑައިރެކްޓަރު ޔޫއްޕެ ބުންޏެވެ. ސަބަބަކީ މީގެ އަހަރުތަކެއް ކުރިން ސަޅިބައިސާ ކުޅުނު ތަރި އަހްމަދު ނިމާލް، ސަޅިބައިސާގެ ކެރެކްޓާ އިން ފެނިގެންދިޔުމެވެ. ހަމައެއާއެކު ފިލްމުގެ ލަވަ "ވަގުންގެ ޖަގަޑާ" ގައި ޔޫއްޕެގެ ފަރި ނެށުމުގެ ހަރަކާތްތަކެއް ފެނިގެންދިޔައެވެ. ޔޫއްޕެ އެކަންޏެއް ނޫނެވެ. ފިލްމު/ލަވަ އެއް ނުކުޅު ހުރުމަށްފަހު ބަތަލާ ފާތިމަތު ފަރީލާ (ފަރީ) ވެސް ޔޫއްޕެ އާއެކު ފެނިގެންދިޔުމަކީ ބެލުންތެރިންނަށް ލިބުނު ވަރަށް ބޮޑު ސަޕްރައިޒެކެވެ.

މާލެ އޭރިއާގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ޝިވާޒް އަބްދުﷲ (މާސްކޭ) ކެމެރާ ކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ބެކް މިއުޒިކް ހަދާފައިވަނީ އައްޔުމަން ޝަރީފެވެ. ޝައި ޕްރޮޑަކްޝަން ކުންފުނީގެ ފިލްމުތަކަކީ އާންމުކޮށް ވަރަށް ވަރުގަދަ ޓެގްލައިން ތަކާއެކު ޓްރެއިލާ ދައްކާލާ ފިލްމުތަކެކެވެ. އެގޮތުން މިފަހަރު އެމީހުން ގެނެސްދޭ "ޖޯކަރު" ގެ ޓެގްލައިން އަކީ "ލާފް މޯ، ވޮރީ ލެސް" އެވެ. ހަމަގައިމުވެސް އެމީހުންގެ ވާސިލަށް އަމާޒުވެއްޖެއެވެ.

  • ތަރިން

އަހްމަދު ނިމާލު (ސަރުދާރު) ޝިލާ ނަޖީބް (ބަރީކާ) ( އަލީ އާޒިމް (ދޮން އައްޔަ) (ޖޯހަރު)، ނާޝިދާ މުހައްމަދު (ނާއްކޮ) (މާހިރާ)، އަހްމަދު ސަޢީދު (ކަދީރު)، ހަމްދާން ފާރޫގު (ހާރިސް)، އިބްރާހިމް ރަޝީދު މޫސާ (ބުރޯ) (ސާދް)، މުހައްމަދު އީމާއު (ހަބޭސް އީމާއު) (ރުހުލް)، މުހައްމަދު ރިފްޝާން (އާފް)، މޫސާ އަލީފް (އަފްރީން)، ޝަހީދާ (ދުހާ) އަދި ހުސައިން ނަދުވީ (މާޒް)އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ފިލްމުގައި ޖޯކަރު މި ލަފްޒު ބޭނުންކޮށްފައިވަނީ އެކު އެކީ އުޅެ ބޮޑުވި ސަރުދާރުގެ ބެލުމުގެ ދަށުގައި ގެންގުޅޭ ތިން މީހުންނަށެވެ. އެއީ ޖޯހަރު، ކަދީރު އަދި ރުހުލް އަށެވެ. ފިލްމުގައި ސަރުދާރު އަކީ ވަރަށް ގޭންގު ހެދިފައި އުޅޭ މީހެކެވެ. އޭނާގެ ގޭންގު ޕާޓްނަރުންނަކީ މިބުނާ "ޖޯކަރު"ންނެވެ. ފިލްމު ފެށިގެން އަންނަނީ އަފްރީން ގެ އަމިއްލަ ބޭނުމަކަށް ގޭންގުގެ އެހީތެރިކަން ހޯދަން އަންނަ ހިސާބުންނެވެ. ޖޯކަރު ގޭންގު އާ އަފްރީން ހަވާލުކުރަނީ ވަރަށް ކުޑަ މަސައްކަތެެކެވެ. އެއީ "ލާރި ފޮށްޓެއް" ހޯދުމަށެވެ. އެ ފޮށީގެ ހުރިހާ ތަފްސީލެއް އަފްރީން އެމީހުންނަށް ދިނުމުން ޖެހިގެން އައި އަންގާރަ ދުވަހު އެމީހުންގެ މިސްރާބު ޖެހީ އެކުވެނި ދުވާ ޓްރެކް ކުރިމަތީ ހަދާފައި އޮންނަ ބަނދަރަށެވެ. ބަނދަރު ކައިރީ ފާރައަށް ހުއްޓައި ހާރިސް އެ ފޮށި ހިފައިގެން ލޯންޗުން ފޭބި މަންޒަރު ފެނުނެވެ. އެއާއެކު އެތަނުގައި މަޑުކޮށްފައި އޮތް ކާރަކަށް ހާރިސް އަރައެވެ. ކާރުގެ ޑްރައިވަރަކީ ޖޯހަރު އެވެ. ހުޅުމާލެ ފޭސް 2 އަށް ދަތުރުގެ މިސްރާބު ހުރި އިރު ދަތުރުގެ ވަކި ހިސާބަކުން ރުހުމް އާއި ކަދީރު ކާރު ތެރެއަށް ވަދެގަނެއެވެ. ކާރުގައި ކުޑަވަރެއްގެ ހައިޖާނުގަނޑެއް ހެދުމަށްފަހު އެއްކަލަ ފޮށި "ޖޯކަރު"ންގެ ބާރުގެ ދަށަށް ގެނެއެވެ. ނަމަވެސް ފޮށި އެމީހުންގެ ބާރުގެ ދަށަށް އައި އިރު ކާރުގައި އިނީ ޖޯހަރު އެކަންޏެވެ. "ލާރި ފޮށި" ފޮރުވަން ޖޯހަރު އަވަސްވެގަތީ އެމީހުންގެ ގުދަނަށް ދިޔުމަށެވެ. ނަމަވެސް އެ ކާރު ދަތުރު ވެގެންދިޔައީ ފިލްމުގެ މުޅި ޖޯހަރުގެ ދިރިއުޅުން އެހެން މިސްރާބަކަށް ބަދަލުކޮށްލި ދަތުރަކަށެވެ. ފޮށި ފޮރުވަން އުޅުމުގެ ތެރޭގައި ޖޯހަރުގެ ބޮލަށް އަނިޔާ ލިބި އޭނާގެ ހަނދާންތައް އެއްކޮށް ފޮހެވެއެވެ.

ކެތްތެރިކަމާއެކު އަފްރީން އިންތިޒާރުކުރަމުން އައީ އޭނާއަށް "ލާރި ފޮށި" ލިބޭނެ އިރަކަށެވެ. ނަމަވެސް އެ ކަންތައް ދިގުލައިގެން ދިޔައީ ޖޯހަރަށް ދިމާވި ހާދިސާއިންނެވެ. އަފްރީން، ޖޯހަރު އަށް ޝައްކުކުރެއެވެ. ލާރިގަނޑު އެކަނި މާކަނި ބޭނުންކުރުމަށް، ހަނދާން ނެތިފައި ހުރި މީހެއް ކަމަށް ހެދެނީ ކަމަށް އަފްރީން ޝައްކުކުރެއެވެ. ޖޯހަރު ދިރިއުޅުނީ އޭނާގެ "އަނބިމީހާ" ބަރީކާ އާއެކުގައެވެ. ދުވަސްތަކެއް ފާއިތުވެގެންދިޔައިރުވެސް އަފްރީން ހަވާލުކުރި މަސައްކަތެއް ސަރުދާރުގެ ގޭންގަކަށް ނުވިއެވެ. އެ ގޭންގަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމާއެކު އެ މަސައްކަތް ކުރުމަށް އެހެން ބަޔަކާ ހަވާލުކުރިއެވެ.

ފިލްމު ޖޯކަރު އިން ފެނިގެން ދިޔަ ބައެއް ތަރިން---

އެ ގްރޫޕުން އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ ޖޯހަރު ކިޑްނެޕް ކުރުމެވެ. އަދި އެ "ލާރި ފޮށި" އޭނާ ފޮރުވީ ކޮންތާކުކަން ހަނދާން ކުރުމަށް ހަފްތާގެ މުހުލަތެއް ދިނެވެ. ހަނދާންތައް އާނުވެގެން އުޅުމުގެ ތެރެއިން ޖޯހަރު އަށް އަނެއްކާވެސް ލިބެނީ ސިހުމެކެވެ. އޭނާގެ ދެވަނަ "އަނބިމީހާ" ގެއަށް އަންނަ ހިސާބުން މުޅި ގޭތެރެ ހަލަބޮލިވެއެވެ. ދޮށީ އަނތްބާއި ހަގު އަނބީގެ ޒުވާބުތައް އަޑުއިވެން ފެށިއެވެ. އެންމެފަހުން ސިކުނޑިއަށް ބޮޑު ބުރައެއް ލިބުމުން ޖޯހަރު އެގެއިން ނުކުންނަށް މިސްރާބު ޖެހިއެވެ. އަވަސް މަންޒަރުތަކެއް ފެނިގެންދިޔަ މި ފިލްމު ގައި "ލާރި ފޮށި" ހޯދަން އެންމެން މަސައްކަތްކުރިއެވެ. އަދި އެ ފޮށި ފެނުނުއިރު އެ ހޯދަން އުޅުނު އެންމެންވެސް އެތަނުގައި ތިއްބެވެ. ޒުވާބަކަށްފަހު ޒުވާބެއް ކުރުމަށްފަހު އެންމެން އެއްބަސްވީ ހުރިހާ އެންމެންނަށް ރުފިޔާ ހަމަހަމައަށް ބެހުމަށެވެ. "ލާރި ފޮށި"ގެ ތަޅު ހުޅުވުމާއެކު ހުރިހާގެ ތަރިންގެ މޫނު މަތިން މާޔޫސްކަން ފެނިގެންދިޔައެވެ. އެ "ލާރި" ފޮށީގައި އޮތީ ކޯއްޗެއްތޯ ބެލުމަށް ފިލްމު ބަލާލާށެވެ. ފަހުން އެ ފޮށްޓަށް ވީގޮތް ބެލުމަށް ފިލްމު ބަލާލާށެވެ. ޖޯހަރުގެ ހަނދާންތައް އާވިތޯ ބެލުމަށް "ޖޯކަރު" ފިލްމު ބަލާލާށެވެ. ހަނގު އަނތްބާއި ދޮށީ އަނބީގެ ކޯޅުން ބެލުމަށް މި ފިލްމު ބަލާލާށެވެ. ހެއްވާ މަޖާ ކަންތައްތަކެއް ފިލްމުން ފެނިގެންދިޔައިރު ފިލްމު ފެށުނީއްސުރެ ނިމެންދެން އޮލިމްޕަސް ސިނަމާ ހޯލް އިން އިވިގެން ދިޔައީ ހުނުމުގެ އަޑެވެ. ކައިރި ސީޓުގައި އިން އަންހެން ކުއްޖާ ވެސް ހެމުން ގޮސް ލޮލުން ކަރުނަ އައިތަށް ދުށީމެވެ. ސްޓްރެސް ފިލުވައިލާ ރަހުމަތްތެރިންނާއެކު މަޖާކޮށްލަން މިއީ ރަނުގެ ފުރުސަތެކެވެ.

އަހްމަދު ނިމާލު ވަރެއް ނެތް!

ނިމާލު ކުޅޭ ފިލްމެއް ނަމަ ސުވާލު އުފެއްދޭނެ ޖާގަ އެއް ނޯންނާނެއެވެ. އަނެއްކާ ނިމާލު ފެނިގެންދިޔައީ ތާރީހީ ކެރެކްޓާއަކުންނެވެ. އެ ކެރެކްޓާގެ މޮޅު ވާހަކަ ބުނެލުމަކުން ނުފުދޭނެއެވެ. ކުއްލި ކުއްލި އަށް ސަރުދާރު ގެ ގައި ތެރެއަށް ވަންނަ "ޖިންނި" ބައި ކުޅޭއިރު ވެސް ހީހީ ހަލާކުވެއެވެ. ސަރުދާރު ބުނެލާ ކޮންމެ ޖުމުލައަކުން ބެލުންތެރިންނަށް ހެވެއެވެ. މީގެ 34 އަހަރު ކުރީން އުފެއްދި "ސަޅިބައިސާ" ގައި ނިމާލް ފެނުނު "ބިރުކުޑަ އަލީ" ކެރެކްޓާ އަކީ އަދިވެސް ހިތުން ނުފިލާ ކެރެކްޓާ އެކެވެ. "ޖޯކަރު" ގައި ނިމާލް ފެންނަނީ އެ ކެރެކްޓާ އިންނެވެ. ހަމަ ގައިމުވެސް އެ ކެރެކްޓާ އިން ދިވެހިން މާޒީގެ ތެރެއަށް ދިޔައެވެ. ނިމާލްގެ ކެރެކްޓާ އޭނާ ވަރަށް ފުރިހަމަ އަށް އަދާކޮށްފިއެވެ.

އާ ތަރިއެއް ނަމަވެސް އަލީފަށް އެއްވަނަ!

މިއުޒިކަލީ ރާއްޖެ އަށް ތައާރަފްވެ މިއުޒިކަލީ އިން ފުރަތަމަ ފެންނަން ފެށި އަލީފްގެ ދެވަނަ މިސްރާބަކަށްވީ ޓިކްޓޮކްއެވެ. ޓިކްޓޮކް އިން އާންމުންގެ މެދުގައި މަޝްހޫރުކަން ހޯދާ މޫސާ އަލީފް ގެ އެކްޓިން ގިނަ ބަޔަކަށް ކަމުގޮސް އިޝްތިހާރުތަކުން އޭނާ އަށް އެންމެ ފުރަތަމަ ޖާގަ ލިބެން ފެށިއެވެ. އޭގެ ފަހުން ސީރީޒްއަކުން ވެސް ޖާގަ ލިބި، ޕްރޮޑިއުސަރު ޝަފީގު އަދި ޔޫއްޕެ އަށް ވެސް އަލީފްގެ ހުނަރު ފާހަގަވެ މި ފިލްމު ކުޅެން އޭނާ އަށް ހުށައެޅިއެވެ. ހަމަގައިމުވެސް މި ފިލްމަކީ އޭނާގެ ފުރަތަމަ ފީޗާ ފިލްމު ނަމަވެސް އަލީފް އަކީ ނުދަންނަ މޫނެއް ނޫނެވެ. އޭނާގެ އެކްޓިންވެސް އަލެއް ނުވާނެއެވެ. ހަމަގައިމުވެސް ނިމާލްގެ ތާރީހީ ކެރެކްޓާ ނެގުމަށްފަހު އަހަރެންނަށް އެންމެ ކަމުދިޔައީ އަލީފްގެ "އަފްރީން" ކެރެކްޓަރެވެ. އަފްރީންގެ ކެރެކްޓާ އަލީފް ޑެލިވާ ކޮށްދިނީ ވަރަށް ފުރިހަމައަށެވެ. މިއީ އޭނާގެ ފުރަތަމަ ފީޗާ ފިލްމޭ ބުނެވޭ ޖާގައެއްވެސް ނެތެވެ. އަފްރީން ސާބިތުކޮށްދިނީ އޭނާއަށް ވެސް މޮޅަށް އެކްޓްކުރެވޭނެ ކަމަށެވެ.

ދުހާ އަދި އީމާއު ގެ އެކްޓިންވެސް މޮޅު!

ހަބޭސް އީމާއު އަކީ އާންމުން ނުދަންނަ މޫނެއް ނޫނެވެ. ހަބޭސް ބޮޑުބެރު ގްރޫޕުން ފެނިގެންދާ އީމާއު މި ފިލްމުގައި ކުޅުނީ ރުހުލް ކެރެކްޓާއެވެ. މަޖާ ކެރެކްޓާއެކެވެ. އޭނާ އަކީ ވެސް އެކްޓަރެއްކަން މި ފިލްމުން ސާބިތުކޮށްދިނެވެ. ރުހުލްގެ ޑައިލޮގްތަކަކީ ފިލްމުގައި އެންމެ ފާހަގަކޮށްލެވުނު ކަމެވެ. މަޖާ ކަމުންނެވެ. ކަމުނުދިޔައީ އެންމެ ކަމެކެވެ. އީމާއު ކުޅުނު ރުހުލްގެ ކެރެކްޓާ އަށް އަޑު އެޅީ އޭނާ ނޫންވީމައެވެ. އޭނާގެ އަސްލު އަޑު އެ ކެރެކްޓާ އަށް އެޅިނަމަ މާ ފުރިހަމަވާނެއެވެ. ޝަހީދާ ކުޅުނު ކެރެކްޓަރު ދުހާ އަކީ ޖޯހަރުގެ "ދެވަނަ އަނބި" ކެރެކްޓާއެވެ. ޒީލަދަގަ މި ކެރެކްޓާ ޝަހީދާ ޑެލިވާކޮށްދީފައިވަނީ ވަރަށް ރަނގަޅަށެވެ. އެކްޓިން ހުނަރު އޭނާގެ ގައިގައި ވެސް އެބަހުއްޓެވެ. ގިނަ ފިލްމުތަކުން ފުރުސަތު ލިބިއްޖެނަމަ މި ފިލްމުން ފެނިގެންދިޔަ އާ ތަރިންތައް ވެސް މިވަގުތު އެންމެ ޑިމާންޑިން ތަރިންނާ އެއް ހަމަކޮށްލާނެ ކަން ގައިމެވެ.

ދޮން އައްޔަގެ ވާހަކަ ދައްކާ ނުލައި ނިންމައެއް ނުލެވޭނެ!

ދޮން އައްޔަ އަކީ އަބަދުވެސް އޭނާ އަށް ކުޅެން ލިބޭ ކެރެކްޓާ އެއްގެ ތެރެއަށް ވަދެ ގޮސް އެ ކެރެކްޓާ ކުޅެލާ ނިންމާލާ ތަރިއެކެވެ. ކުޅޭ ކޮންމެ ކެރެކްޓާއެއް ވެސް ބެލުންތެރިންގެ ޖާދޫގައި ޖައްސާލުމުގެ ހުނަރު ދޮން އައްޔަ އަތުގައި އޮވެއެވެ. މި ފިލްމުގައި ޖޯހަރު ކެރެކްޓާ އިން ފެނިގެންދިޔަ ދޮން އައްޔަގެ އެކްޓިން އަށް ހަމަ ސަތޭކައެވެ. އުޅޭ ގޮތުންނާއި ބުނެލާ މޮޅެތި ވާހަކަތަކުން ހީހީ ލޮލުން ކަރުނަ އަންނަހެން ވެސް ހީވާ ފަހަރު އައެވެ. ހަމަގައިމުވެސް ދޮން އައްޔައަކީ މިއަދު ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރުން ލާޒިމް ތަރިއެއްކަން އޭނާ ކުޅޭ ކޮންމެ ފިލްމަކުން ސާބިތުކޮށްދެއެވެ.

ފިލްމުގެ ހުރިހާ މަސައްތެއްވެސް ޖުމްލަކޮށް ރަނގަޅެވެ. ކެމެރާ ކުރުމުން ފެށިގެން ފިލްމުން ފެނިގެން ދިޔަ ލަވަތަކާ ހަމައަށް ކޮށްފައިވާ މަސައްކަތް ބަލައިގަންނަމެވެ. ކަމުނުދާ ކަމެއްވެސް ފާހަގަކޮށްލަން ވާނެތާއެވެ. ފިލްމުގެ ބައެއް މަންޒަރުތައް މާ ދިގުލައިގެން ދިޔަހެން ހީވިއެވެ. ފިލްމުގެ ފަށައިގެން މެދަކާ ހަމައަށް ދިޔައިރު ފިލްމު މާ ބޮޑަށް ދިގު ދެމިގެންދިޔަކަން އިހުސާސްކުރެވުނެވެ. ނަމަވެސް އެކަން އެހާ ބޮޑަށް ފާހަގަނުވީ ފިލްމު ބަލާފައި ހޭންޖެހުނު ވަރުންނެވެ. ބުރޯ، ރިފްޝާން އަދި ނަދުވީގެ ނިމުމެއްނުވާ ހިނިގަނޑުތަކުން ބައެއްފަހަރު ކަންފަތަށް އުނދަގޫވިއެވެ. ފަހަރުގައި ފިލްމު ބަލަން މާ ކުރީގައި އިނދެވުމުން ހީވިގޮތަކަށްވެސް ވެދާނެއެވެ. ޖުމްލަކޮށް ފިލްމުގެ ހުރިހާ މަސައްކަތެއްވެސް ރަނގަޅެވެ. ޝާނީޒް އަދި ޝަފީގުގެ މަސައްކަތް ފުރިހަމައެވެ. ފިލްމު ނިމިގެން ދިޔައިރު ޔޫއްޕެ އާއި ފަރީލާގެ ލަވައިން ހަށިގަނޑަށް ދިރުމެއް ލިބުނުހެން ވެސް ހީވިއެވެ. ޒަމާންތަކަކަށްފަހު އެ ޖޯޑު ބެލުންތެރިންނަށް އަލުން ދައްކާލީތީ ޔޫއްޕެ ޝުކުރުއަދާކުރަމެވެ. މިދުވަސްވަރު ރާއްޖޭގައި އޮތް ހަލަބޮލި ސިޔާސީ މަޝްރަހު އާ ގުޅޭގޮތަށް މި ފިލްމު ގެނެސްދީފައިވާއިރު ފިލްމުގެ ހުރިހާ ތަރިންނެއްވެސް އެ މީހުންގެ ކެރެކްޓާ ފުރިހަމައަށް ގެނެސްދީފިއެވެ. ޝީލާ، ނާއްކޮ އަދި ސައީދު އަކީ ދެގޮތެއްނުވާ ތިން ތަރިންނެވެ. އެ ތިން މީހުންގެ އެކްޓިންނަށް ވެސް ސާބަހެވެ. މިދުވަސްވަރު އޮތް ކެމްޕޭން ހަލަބޮލި ކަމުގެ ތެރެއިން ސިކުނޑި ހަމަޖައްސާލުމަށް އޮލިމްޕަހަށް ގޮސް "ޖޯކަރު" ބަލައިލާށެވެ. ހަމަގައިމުވެސް ނުހީ ނުނިކުމެވޭނެ ކަމުގެ ޔަގީންކަން ދެމެވެ. ފިލްމު ނިމިގެންދިޔައީ ބެލުންތެރިންގެ ތަރުހީބާއެކުގައެވެ. ފިލްމުގެ ޓީމަށް ސާބަހެވެ.