މިމަހުގެ 11 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ފެށި ސަނީ ޑިއޯލްގެ 'ގަދަރް-2' އަށް ހީކުރިވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
2001 ވަނަ އަހަރު ނެރުނު "ގަދަރް: އޭކް ޕްރޭމް ކަތާ" ގެ ސީކުއެލް އަކަށް އުފައްދާފައިވާ މި ފިލްމުގެ އެޑްވާންސް ޓިކެޓް ޖުލައި މަހުގެ 26 ވަނަ ދުވަހު ވިއްކަން ފަށާފައި ވާއިރު މި ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
"ގަދަރް: އޭކް ޕްރޭމް ކަތާ" އިން ފެނިގެން ގޮސްފައި ވަނީ 1971 ވަނަ އަހަރު އިންޑޯ-ޕާކިސްތާނީ ހަނގުރާމައިގެ ތެރޭގައި ހިނގާ ލޯބީގެ ހާދިސާއެކެވެ. މި ފިލްމުގައި ދައްކައި ދެނީ އަމްރިތުސަރަށް ނިސްބަތްވާ ޓްރަކް ޑްރައިވަރެއް ކަމުގައިވާ ސަނީ ޑިއޯލް (ތާރާ ސިންގް)، ޕާކިސްތާނުގެ ލާހޯރުގެ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ މުސްލިމް އަންހެންކުއްޖެއް ކަމަށްވާ އަމީޝާ (ސަކީނާ) އާ ދެމެދު ހިނގާ ލޯބީގެ ހާދިސާތަކެކެވެ. ސަނީ ޑިއޯލް، އަމީޝާ ޕަޓޭލް އަދި އެ ދެމީހުންގެ ކުޑަ ދަރިފުޅުގެ ގޮތުގައި ގަދަރްގެ ފުރަތަމަ ބައިން ފެނިގެންދާ އުޓްކަރްޝް ޝަރުމާގެ މި ފިލްމަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިފައި ވާއިރު މި ފިލްމަކީ ބޮކްސް އޮފީހުގެ ރިކޯޑްތައް މުގުރާލާނެ ފިލްމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ބައްޕައަކާ ދަރިއެއްގެ ގުޅުމާ، އިންޑިއާ ޕާކިސްތާނުގެ ސުލްހައަށް ކުރާ މަސައްކަތް
'ގަދަރް-2' ގައި ފެނިގެން ދަނީ ޕަންޖާބްގެ އިސް ލީޑަރަކު، އިންޑިއާ ބޯޑަރު ކައިރީގައި ތިބި ހަނގުރާމަވެރި ސިފައިންނަށް އެހީވުމަށް ތާރާ ސިންގްގެ ޓްރަކް މުދަލާއެކު ފޮނުވުމުން ދެން ކަންތައް ވެގެން ދާ ގޮތެވެ. ބޯޑަރު ކައިރީގައި ޕާކިސްތާނުގެ ސިފައިންނާއި އިންޑިއާ ސިފައިންގެ ކުރިމަތިލުމުގެ ތެރެއިން އިންޑިއާ ސިފައިންގެ 6 މީހުންނާއެކު ތާރާ ސިންގް ވީ ނުވީއެއް ނޭގި ގެއްލެއެވެ. އިންޑިއާއިން ޝައްކު ކުރަނީ ޕާކިސްތާނުގެ 40 ސިފައިންގެ މަރުގެ ބަދަލު ހިފުމަށް ޕާކިސްތާނުން އެމީހުން ހައްޔަރުކުރީ ކަމަށެވެ.
މިހާ ހިސާބުން ދެން ފެނިގެން ދަނީ ބައްޕައަކާއި ދަރިއަކާ ދެމެދު އުފެދިފައިވާ ވަރުގަދަ ލޯތްބާއެކު ސަކީނާ އާއި ތާރާގެ ދަރިފުޅު ޗަރަންޖީތުގެ (އުޓްކަރްޝް ޝަރުމާ)، އޭނާގެ ބައްޕަ ހޯދުމަށް ޕާކިސްތާނަށް ގޮސް އުޅުމުގެ ތެރޭގައި ހިނގާ ހާދިސާތަކެވެ. ޕާކިސްތާނުގައި ޗަރަންޖީތު ހޭދަކުރާ ދުވަސްވަރު އޭނައަށް މުސްކާން ކިޔާ ކުއްޖެއް ދެކެ ލޯބި ވެއެވެ. އަދި އެހުރިހާ ކަމެއްގެ ތެރޭގައި އުޅެމުން ދަނިކޮށް އޭނާ ވަރުގަދަ ދަންތުރައެއްގައި ހައްޔަރު ވެއެވެ.
ފިލްމުގެ ލީޑް ތަރި ތާރާ ސިންގް، އޭނާގެ ޒުވާން ދަރިފުޅަށް ދިމާވި ހާދިސާގެ ހަބަރު ލިބި އެ ދަރިފުޅު އަނބުރާ ގައުމަށް ގެންދިއުމަށް ޕާކިސްތާނުގައި ހޭދަކުރާ ދުވަސްތަކުގައި ދިމާވާ ހާދިސާތަކާ ކުރިމަތިލާން ޖެހޭ ކަންތައްތައް މި ފިލްމުގައި ވަރަށް ފުރިހަމައަށް ވަނީ ދައްކާދީފައެވެ. އިންޑިއާ އާއި ޕާކިސްތާނުގެ ހަމަނުޖެހުމާ ގުޅިގެން ތާރާ ސިންގް އަށް ޕާކިސްތާނުގައި ދިމާވާ ހިތާމަވެރި ހާދިސާތަކާ އޭނާ އަކީ ކުށެށް ނެތް މީހެއްކަން ސާބިތު ކުރުމަށް ކުރާ މަސައްކަތް ފެނިގެން ދެއެވެ.
ކޮވިޑް19 ގެ ޕެންޑެމިކް އަށް ފަހު ސިނަމާތަކުގައި ފިލްމު ބެލުމުގެ ފޯރި ކުޑަވެފައި ވާއިރު ފަހުގެ ތާރީހެއްގައިވެސް 'ފިލްމު ޕަތާން' ފިޔަވައި އެންމެ ބޮޑު ތަރުހީބެއް ލިބޭ އެއް ފިލްމަކީ ގަދަރް އެވެ.