ދުރާލާ ވިސާ ނުނަގާ ދިވެހިންނަށް ސައުދީ އަރަބިއްޔާއަށް ދަތުރު ކުރެވޭނެ ގޮތް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިފިއެވެ.
ދުރާލާ ވިދާ ނެގުމަކާ ނުލައި ސައުދީ އަރަބިއްޔާއަށް ދަތުރުކުރެވޭނެ 8 ގައުމެއް، ސައުދީ ސަރުކާރުން އިއުލާނު ކޮށްފައި ވާއިރު އޭގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން އަލްބޭނިއާ، އަޒަރްބައިޖާން، ޖޯޖިއާ، ކިރިގިސްތާން، ސައުތް އެފްރިކާ، ތަޖިކިސްތާން އަދި އުޒްބަކިސްތާން ހިމެނެއެވެ.
އެ ގައުމުތަކަށް، ސައުދީން ޓޫރިސްޓުންނަށް ދޫކުރާ "ވިޒިޓާ ވިސާ" އޮންލައިންކޮށް އަދި އޮން-އެރައިވަލްގައި ވިސާގެ ދަށުން ހުއްދަވާ ކަންތައްތަކުގެ ތެރޭގައި ޓޫރިޒަމް އާ ގުޅޭ ކަންކަމާއި އުމްރާގެ އަޅުކަން ކުރުމާއި ވިޔަފާރި ކުރުމާއި އާއިލާ އާއި ރައްޓެހިންނަށް ޒިޔާރަތް ކުރުން ހިމެނެއެވެ.
އެ ވިސާގެ ދަށުން ހައްޖުގެ އަޅުކަން އަދާ ނުކުރެވޭނެއެވެ. އަދި ހައްޖުގެ ދުވަސްވަރު އުމްރާގެ އަޅުކަން ވެސް އަދާނުކުރެވޭނެއެވެ. އަދި އެއްވެސް ތަނެއްގައި އުޖޫރު ލިބޭ ގޮތަށް މަސައްކަތް ކުރުން ވެސް މަނާ ވާނެއެވެ.
ސައުދީގެ މި ނިންމުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ފަތުރުވެރިކަމަށާއި، އުމްރާކުރުމަށާއި، ވިޔަފާރީގެ ބޭނުންތަކަށް ނޫނީ އާއިލާ އާއި ރަހުމަތްތެރިންނަށް ޒިޔާރަތް ކުރުމަށް ސައުދީއަށް ދަތުރު ކުރާ ދިވެހިންނަށް އިލެކްޓްރޯނިކް ވިސާ ނުވަތަ އެއާޕޯޓުން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސާ ދެއްވުމަށް ސަރުކާރުން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
އަދި މިއީ ރައްޖެ އާއި ސައުދީ އާ ދެމެދު އޮތް ގާތް ގުޅުން ރަމްޒު ކޮށްދޭ އަލިގަދަ ހެއްކެއް ކަަމަށްވެސް ޝާހިދު ވިދާޅުވިއެެވެ.