ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ތިން އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ދަށު ކޯޓަކުން ހުކުން ކޮށްފިއެވެ.

އިމްރާންގެ މައްޗަށް އުފުލާފައި ވަނީ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އޭނާގެ ބޮޑުވަޒީރުކަމުގެ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ޕާކިސްތާނުން ބޭރަށް ކުރެއްވި ދަތުރުތަކުގައި ލިބިވަޑައިގެންނެވި ހަދިޔާތަކާ އަދި 140 މިލިއަން ޕާކިސްތާން ރުޕީސްއަށް ވުރެ އަގުބޮޑު ހަދިޔާތަކެއް ދައުލަތުގެ ނަމުގައި ބައްލަވައިގަނެ ވިއްކެވުމުގެ ތުހުމަތެވެ.

އިމްރާންގެ މައްޗަށް ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވެ ވަޑައިގެން ގާނޫނާ ހިލާފަށް ދައުލަތުގެ ހަދިޔާ ވިއްކެވުމުގެ މައްސަލައާއި ގުޅިގެން ލާހޯރުން އޭނާ ވަނީ ހައްޔަރު ކޮށްފައެވެ.

އެހެންނަމަވެސް މި މައްސަލައިގެ އަޑުއެހުމަށް އޭނާ ހާޒިރުކޮށްފައި ނުވާއިރު އިމްރާންގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން ކުރި ހުކުން ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އޭނާގެ ވަކީލުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު މަގާމުން ދުރުކުރި ފަހުން އޭނާގެ މައްޗަށް 150 އަށް ވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައެވެ.