2009 ވަނަ އަހަރުން ފެށިގެން ސްޓާޕްލަސް އިން ދައްކަމުން އަންނަ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަކީ އަދިވެސް ގިނަ ބައެއްގެ ފޭވަރިޓެކެވެ. މި ޑްރާމާ ދައްކަން ފެށިތާ 14 އަހަރުވެގެން ދިޔައިރު ޑްރާމާގެ މިހިސާބަށް އައި އިރު ވާނީ ޑްރާމާގެ ތިން ޖެނެރޭޝަނެއް ފެނިގެން ގޮއްސައެވެ. އެންމެ ފުރަތަމަ ޑްރާމާ ފެށިގެންދިޔައީ ހީނާ ހާން (އަކްޝަރާ) އާއި ކަރަން މެހެރާ (ނެތިކް) އާއެކުގައެވެ. އޭގެ ފަހުން ދެމީހުންގެ ދަރިފުޅު ޝިވާންގީ ޖޯޝީ (ނައިރާ) އާއި މޮހޮސިން ހާން (ކާތިކް) އާއެކު ޑްރާމާގެ ބޮޑުބައެއް ގެނެސްދިނެވެ. އޭގެފަހުން އެދެމީހުންނަށް ދަރިން ލިބި މިހާރު ޑްރާމާގެ ލީޑު ތަރިންނަކީ ނައިރާ އާއި މޮހޮސިންގެ ދަރިންނެވެ. އެއީ ޕްރަނާލީ ރާތޯޑު (އަކްޝަރާ) އާއި ކަރިޝްމާ ސާވަންތު (އަރޫހީ) އެވެ.

ޑްރާމާ ފެށުނީއްސުރެ އެންމެ ގިނަ ބަޔަކު ބަލަމުން އަންނަ އެއް ޑްރާމާ އެވެ. މި ޑްރާމާއަކީ ސްޓާޕްލަސް އިން މިވަގުތު ދައްކަމުން އަންނަ އެންމެ ދުވަސްވީ ޑްރާމާވެސްމެއެވެ. ޑްރާމާގައި މިހާރު ވަރުގަދަ ޓްވިސްޓްތަކެއް ފެންނަމުން އަންނައިރު މި ޑްރާމާ މިހާރު ގޮސްފައި އޮތީ ވަރަށް ޝައުގުވެރި ހިސާބަކަށެވެ.

ޑްރާމާގެ ލީޑު ކެރެކްޓާ އަކްޝަރާ ކޮއެންކާ، އަބީމަންޔޫ ބިރްލާ އާއި ކައިވެނި ކޮށްގެން އެގެއަށް ބަދަލުވެއެވެ. ހަމައެއާއެކު އަކްޝަރާގެ ކޮއްކޮ ރޫހީ ގޮއެންކާ، އަބީމަންޔޫގެ ކޮއްކޮ ނީލް ބިރްލާ އާއި ކައިވެނިކޮށްގެން އެގެއަށް ބަދަލުވެއެވެ. ޑްރާމާގައި އަކްޝަރާ އާއި އަބީމަންޔޫގެ ކައިވެންޏަށް ހިޔަނި އެޅެނީ އަކްޝަރާ އެއްމާބަނޑު ދެކުދިންނަށް ބަނޑުބޮޑުވެ އެކުދިން އެބޯޓްވާ ހިސާބުންނެވެ. އަދި ނީލް މަރުވި ހިސާބުންނެވެ. އެހިސާބުން އަކްޝަރާ އާއި އަބީމަންޔޫގެ ދިރިއުޅުމަށް ހިޔަނި އެޅެއެވެ. އަބީމަންޔޫ، އަކްޝަރާ ވަރިކުރެއެވެ. އަކްޝަރާ އަށް މަޖުބޫރުވީ ބިރްލާ ހައުސް އިން ނުކުތުމަށެވެ. މާފަހުން އަކްޝަރާ އަށް އެނގުނީ އޭނާގެ ބަނޑުގައި ކުއްޖަކު އޮތް ކަމަށެވެ. އެވާހަކަ ބުނަން އަބީމަންޔޫއަށް އަކްޝަރާ ގުޅުމުން ޖަވާބެއް ނުލިބުނެއެވެ. އަކްޝަރާގެ ހަޔާތަށް އެހެން ބައިވެރިއެއް އާދެއެވެ. އަބީނަވް އާއި އަކްޝަރާ ކައިވެނިކުރީ ދަރިފުޅު އަބީރްގެ އުފާތަކަށް ހުރަސް ނޭޅުމަށެވެ. އޭގެ ހައަހަރުފަހުން އަބީރު އަކީ އަބީމަންޔޫގެ ދަރިއެއްކަން އެންމެންނަށް ފަޅާއަރައެވެ. މަންޖަލީ، އަބީމަންޔޫގެ ބޮލަށް އެރިގެން އަބީރުގެ ކަސްޓަޑީ ހޯދިއެވެ.

ޑްރާމާގައި މިހާރު ކަންތައްވާގޮތް؟

ބޮޑު ތަޅާފޮޅުންގަނޑަކަށް ފަހު ކޯޓު މަރުހަލާ ކާމިޔާބުކުރީ އަބީމަންޔޫއެވެ. އަބީރު، އަބީމަންޔޫ އަށް ދިނުމަށް އަކްޝަރާ އަށް މަޖުބޫރުވިއެވެ. އަބިނަވް އާއި އަކްޝަރާގެ ދިރިއުޅުން އެފުށްމިފުށަށް ޖެހުނެވެ. އަބީރު އަށް އޭނާގެ ހަގީގީ ބައްޕަ އަކީ އަބީރުގެ ޑޮކްމޭން އަބީމަންޔޫކަން އެނގުނެވެ. ނަމަވެސް އަބީރު، އަބިމަންޔޫ ގާތަށް ދާން ބޭނުމެއް ނުވިއެވެ. އަކްޝަރާ އާއި އަބިނަވް އަށް މަޖުބޫރުވީ އަބީރް، އަބީމަންޔޫ ގެއަށް ފޮނުވާލުމަށެވެ. އެކަން ކާމިޔާބު ވެސް ކުރިއެވެ. ނަމަވެސް އެންމެ ފަހުން ކަންތައްތައް ވެގެން ދިޔައީ އެކަކުވެސް ހީކުރި ގޮތަކަށް ނޫނެވެ. އަބީރު އާ ދުވަހަކުވެސް ބައްދަލުނުކުރެވޭ ގޮތް އަކްޝަރާ އަށް ހަދައެވެ. އެއާއެކު އަކްޝަރާގެ ހަޔާތަށް ވަރުގަދަ ތޫފާނެއް އާދެއެވެ. އަބީނަވް އާއި އަކްޝަރާގެ ދިރިއުޅުން އަނެއްކާވެސް ކަސޯލީ އަށް ބަދަލުކުރެއެވެ. އެކަން އަބީރު އަށް ފަޅާއަރައެވެ. މަންމަ އަކްޝަރާ ގާތު ހުންނަން ބޭނުންވާތީ އަބީރު، ބިރްލާ ހައުސް އިން ފިލައެވެ. މަންމަ ހޯދުމަށް ފެށި ދަތުރުގައި އަބީރު ގެއްލެއެވެ. އެކަން އަބީމަންޔޫ އަށް އެނގި އަކްޝަރާ އަށް އަންގައެވެ. އަނެއްކާވެސް ދަރިފުޅުގެ ހައްގުގައި އަބީމަންޔޫ އާއި އަކްޝަރާ އެއްކޮށް ދަރިފުޅު ހޯދަން ފަށައެވެ. އަބީރު ފެނުމުން ބިރްލާ ހައުސް އަށް ދެއެވެ. އަބިމަންޔޫ ގާތު އަބީރު އެދުނީ އެންމެ ކަމަކަށެވެ. އެއީ މަންމަ އަކްޝަރާ އާއި ބައްޕަ އަބީނަވް އާއެކު ދިޔުމުގެ ހުއްދައަށެވެ. ހުރި ހަމައެކަނި ދަރިފުޅު ބޭނުންވާ ގޮތް އަބީމަންޔޫ ހަދަނީ އޭނާގެ ހިތާ ދެކޮޅަށެވެ. އަބީރު، އަކްޝަރާ އާއެކު ދެއެވެ. އަބިމަންޔޫ ދިރިއުޅުން މަތިން އެއްކޮށް ފޫހިވެގެން ދެއެވެ. ރެއާ ދުވާލު އަބީރު އާއި ދޭތެރޭ ވިސްނެއެވެ.

ޑްރާމާގައި ދެން ވާނީ ކިހިނެއް؟

މިހާރު ވަނީ މި ޑްރާމާގެ އާ ޕްރޮމޯއެއް ދައްކާލާފައެވެ. ޕްރޮމޯއިން ފެނިގެންދަނީ އުސް ފަރުބަދަތަކަކުން އަބީނަވް ވެއްޓޭ މަންޒަރެވެ. އަދި އޭނާގެ މަރު އަކްޝަރާ އާއި އޭނާގެ އާއިލާ އަބީމަންޔޫގެ ބޮލުގައި އަޅުވާ މަންޒަރެވެ. ޑްރާމާގައި ކަންތައްވެގެންދާނީ ވެސް މިހެންނެވެ. އަބީނަވް މަރުވެއެވެ. ނަމަވެސް އަބީމަންޔޫ އަތަކުން ނޫނެވެ. އެއީ ފަރުބަދަތަކުގައި ހިނގި ހާދިސާއެކެވެ. އަބިނަވް ވެއްޓެމުން ދިޔަ ދަނޑިވަޅުގައި އަބީނަވް ސަލާމަތްކުރުމަށް އަބީމަންޔޫ މަސައްކަތްކުރެއެވެ. ނަމަވެސް އޭނާގެ އަތުން އަބީނަވް ދޫވެގެން ގޮސް އޭނާ ވެއްޓެއެވެ. އެ މަންޒަރު އަކްޝަރާގެ ކާފަ، މަނީޝް އަށް ފެނުމުން އޭނާ ހީކުރަނީ އަބީމަންޔޫ، އަބީނަވް ކޮއްޕާ ވައްޓާލީކަމަށެވެ. ކޮންމެއަކަސް ޑްރާމާގެ ކުރިއަށް ތަނުގައި ކަންތައްވެގެންދާނީީ މިހެންނެވެ. އަބީނަވްގެ މަރުގެ ހާދިސާއަށް ފަހު އަކްޝަރާ އަށް މަޖުބޫރުވަނީ ދަރިފުޅަށް ބައްޕަ އެއްގެ ލޯބި ދިނުމަށެވެ. އެކަން ކޮށްދިނުމަށް އަބީރުގެ އަސްލު ބައްޕަ އަބީމަންޔޫ އާދެއެވެ. އެ ހިސާބުން އަކްޝަރާ ބަލިވެއިންކަން ހާމަވެއެވެ. ނަމަވެސް އެއީ އޭނާގެ ފިރިމީހާ އަބީނަވްގެ ދަރިއަކަށެވެ. އަބީމަންޔޫ އާއި އަކްޝަރާ އަލުން ގުޅެއެވެ. އަކްޝަރާގެ ބަނޑުގައިވާ ދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭނީ އަބީމަންޔޫއެވެ. އަބިނަވް، އަބީމަންޔޫގެ ދަރިފުޅު އަބީރް އަށް ބައްޕައެއްގެ ލޯބި ދިން ފަދައިންނެވެ.