ގައުމުގައި ސުލްޙަމަސަލަސްކަން ގާއިމުކުރުމަކީ ޔުނީފޯމުގައި ތިބޭ ބަޔަކު އެކަނި ކުރަންޖެހޭ މަސައްކަތެއްކަމަށް ދެކިގެން ނުވާނެކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ރޭ ބޭއްވި 35ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ގައުމުގައި ތަރައްގީއާ އަމާންކަމާ ތަހުޒީބު ބޭނުންވާނަމަ ކޮންމެ މީހެއްގެވެސް ވާޖިބެއް އޮންނަކަން ގަބޫލުކޮށް ގައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް އެންމެން މަސައްކަތް ކުރަންޖެހޭނެ ކަމެށެވެ.

ގައުމެއްގައި ފުލުހުންގެ ހިދުމަތް މުހިންމުވާނެ މިންވަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ގައުމެއްގައި ދިރިއުޅޭ ރައްޔިތަކަށް އެންމެ ބޭނުންވާނީ އަމާންކަމާ، ހުރިހާ ރައްޔިތުން ހިމާޔަތްކުރެވިފައިވާ ވެއްޓެއް ގާއިމުވެފައި އޮތުންކަމުގައެވެ. އަދި އެކަން ކުރުމުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރަނީ ފުލުހުން ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ނައިބް ރައީސް ވިދާޅުވީ މިއަދު ޒުވާނުން އިސްކަންދޭންވީ ގައުމަށް ހިދުމަތްކުރަންކަމަށާއި، ގައުމަށް ހިދުމަތްކުރުމަކީ ފަހުރެއްކަމަށް ހަދަންޖެހޭކަމަށެވެ. އަދި އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން މަސައްކަތްތައް ބައްޓަންކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

ފުލުހުންގެ ކެޕޭސިޓީ އިތުރުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން ނައިބް ރައީސް ވިދާޅުވީ ޒަމާނީ ވަސީލަތްތައް ހޯދައި ޒަމާނާ އެެއްގޮތަށް ފުލުހުންގެ ހިދުމަތް ތަރައްޤީކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރައްވާ މަސައްކަތްޕުޅަށް ޝުކުރުއަދާކުރައްވާފައެވެ.

މި އަހަރު ބޭއްވި 35 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިގް ކޯހުގައި ބައިވެރިވި 220 މީހުންގެ ތެރެއިން ކޯހުން ކަނޑައަޅާފައިވާ މިންގަޑަށް 192 މީހަކު ފާސްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 37 އަންހެނުންނާ 155 ފިރިހެނުންނެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ސެޓްފިކެޓާއި ޕްލާކް ހަވާލުކޮށްދެއްވާފައެވެ.