އިންޑިއާގެ ހަރްޔާނާގެ ނޫހްގައި ބަޖްރަންގް ދާލް އާއި ވިޝްވާ ހިންދޫ ޕަރިޝަދު (ވީއެޗްޕީ) އިން ހޯމަ ދުވަހު ބޭއްވި ހިނގާލުމުގައި ހިނގި ހަމަނުޖެހުންތަކުގައި ތިން މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެ ގިނަ އަދަދެއްގެ ވެހިކަލްތަކުގައި ރޯކޮށްލައިފިއެވެ.

އެ ސަރަހައްދުގެ ހަމަނުޖެހުމާ ގުޅިގެން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލައި، އެއްވެ އުޅުން މަނާކުރުމުގެ އަމުރެއްވެސް ވަނީ ނެރެފައެވެ.

ބޭރުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ގުރުގުރާމް ކައިރީގައި އޮންނަ ނޫހް ކައިރީގައި ހުންނަ ފައްޅިއެއްގައި ހިޔާވަހިކަން ހޯދި ގާތްގަނޑަކަށް 2،500 ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ފުލުހުން ވަނީ ސަލާމަތް ކޮށްފައެވެ. އެ ފައްޅީގައި ތާށިވެފައި ތިބި މީހުން ދީނީ ހިނގާލުމުގައި ބައިވެރިވާން އައި އިރު ހަމަނުޖެހުންތައް ފެށުނެވެ.

"މިއަދުގެ ހާދިސާއަކީ ހިތާމަވެރި ހާދިސާއެއް، ދައުލަތުގެ އަމަން އަމާންކަން ދެމެހެއްޓުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަން. ކުށްވެރިން އެއްވެސް އަގެއްގައި ދޫކޮށްނުލާނެ، އެމީހުންނާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ" ޗީފް މިނިސްޓަރު މަނޯހަރު ލާލް ހައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ހަމަނުޖެހުންތައް ފެތުރެން ފެށުމާއެކު އައިއެންއެލްޑީގެ އަބޭ ޗޯޓާލާ ވަނީ ނޫހްގެ އަމަން އަމާންކަމަށް ބުރޫ އަރާފާނެ ކަމުގެ ބިރު ހީވެފައިވާ ހާލަތުގައިވެސް ހަރްޔާނާގެ ބީޖޭޕީ-ޖޭޖޭޕީ ކޯލިޝަން ސަރުކާރުން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ތުހުމަތު ކޮށްފައެވެ.

މަގުމަތީގައި ކާރެއް ފުރޮޅާލައި އާންމުން ހަމަނުޖެހުން ހިންގަނީ

ހަރްޔާނާ ފުލުހުން ބުނީ ގުރުގުރާމް އަދި ފަރީދާބާދު ޑިސްޓްރިކްޓްގެ ސްކޫލްތަކާއި ކޮލެޖްތަކާއި ތައުލީމީ މަރުކަޒުތައް އަންގާރަ ދުވަހު ބަންދު ކުރާނެ ކަމަށެވެ. ހަރްޔާނާ ބޯޑް އޮފް ސްކޫލް އެޑިއުކޭޝަން، ބިވާނީއިން އަންގާރަ ދުވަހާއި ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގްރޭޑް 10 އަދި 12 ގެ ބޯޑު އިމްތިހާނު ވެސް ހަމަނުޖެހުންތަކާ ގުޅިގެން ވަނީ ކެންސަލް ކޮށްފައެވެ.

މި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ކާރުތަކުގައި ރޯކޮށްލާފައި ވާ އިރު، ހަމަނުޖެހުން މަގުތަކަށް ފެތުރި ޗައިކަލުތަކާއި އެނޫންވެސް އާންމު ވެހިކަލްތަކުގައި ވެސް ވަނީ ރޯކޮށްލާފައެވެ.

މިހާދިސާ ހިނގަން މެދުވެރި ވި ސަބަބު އަދި މުޅިން ސާފެއް ނުވެއެވެ.