ޖުމްހޫރީޕާޓީގެ މެޖެރޯޓީ އޮތް ށ. ނަރުދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުން ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކްސް ޕާޓީ (އެމްޑީޕީ) އަށް ސޮއިކޮށްފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ނަރުދޫ ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން 4 ގޮނޑި ޖުމްހޫރީ ޕާޓީން ކާމިޔާބު ކުރިއިރު ބާކީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީއިންނެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަރުދޫއަށް ވަޑައިގަތުމުން މި ހަތަރު ކައުންސިލަރުން އެމްޑީޕީއަށް ސޮއިކުރައްވާފައި ވާއިރު ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާވެސް ވަނީ މިއަދު އެމްޑީޕީއަށް ސޮއިކުރައްވާފައެވެ. އެމްޑީޕީއަށް މިއަދު ސޮއިކުރެއްވި ކައުންސިލް މެންބަރުންގެ ފޯމުތަކާ އެޕާޓީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

އެ ހަތަރު ކައުންސިލަރުން ސޮއިކުރެއްވުމުން މިހާރު ނަރުދޫގެ ކައުންސިލްގެ ހުރިހާ މެންބަރަކުންނަކީ އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ކައުންސިލަރުންނެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ސޯލިހް ރާއްޖޭގެ އެކި އަތޮޅުތަކަށް ދަތުރު ކުރައްވަމުން ގެންދަވާއިރު، އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މި ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުން އަލަށް އެމްޑީޕީ އާ ގިނަ އަދަދެއްގެ މެންބަރުން ގުޅެމުން އަންނައިރު ދާދި ފަހުން ތ. މަޑިފުށީ ކައުންސިލްގެ ރައީސް އާއި މ. މަޑުއްވަރީ ކައުންސިލްގެ ދެ މެންބަރުން ވެސް ވަނީ އެމްޑީޕީ އާ ގުޅިވަޑައިގެންފައެވެ.