ފްރާންސްގެ ޕިއެސްޖީއަށް ކުޅޭ އެގައުމުގެ ތަޖުރިބާކާރު ފޯވަޑް ކިލިއަން އެމްބާޕޭ ސައުދީގެ އަލް ހިލާލަށް ވިއްކާލަން ތައްޔާރަށް އޮތް ކަމުގެ އިޝާރާތެއް ޕީއެސްޖީން ކޮށްފިއެވެ.

2017 ވަނަ އަހަރު ފްރާންސްގެ މޮނޯކޯއިން ޕީއެސްޖީއަށް ބަދަލުވި އެމްބާޕޭއާއި ޕީއެސްޖީއާ ދެމެދު ހަދާފައިވާ އެއްބަސްވުން މިއަންނަ ސީޒަންގައި ހަމަވާ އިރު އިތުރު އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ކުޅުންތެރިޔާ ވަނީ ދެކޮޅު ހަދާފައެވެ. އަދި އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރުމުން އަންނަ ސީޒަންގައި މުއްދަތު ހަމަވުމުން އެމްބާޕޭ ބޭނުން ކްލަބަކަށް ހިލޭ އޭނާއަށް ދެވޭނެއެވެ. ޕީއެސްޖީން ގަބޫލުކުރަނީ އެމްބާޕޭ މިހާރު ވަނީ 2024 އަހަރު ހިލޭ ސްޕެއންގެ ރިއާލް މެޑްރިޑްއަށް ދާން އެކްލަބާއެކު އެއްބަސްވެފައެވެ.

އެހެން ކަމުން ޕީއެސްޖީން ވަނީ އެ ކްލަބްގެ ޕްރީ-ސީޒަންއަށް ގެންދާ ސްކޮޑުން އެމްބާޕޭ އުނިކޮށް އޭނާ މި ޓްރާންސްފާ ވިންޑޯގައި ވިއްކާލަން ބޭނުންވާ ކަން އިއުލާނުކޮށްފައެވެ.

މި ވިންޑޯގައި އެމްބާޕޭ ވިއްކާ ނުލެވިއްޖެނަމަ އަންނަ ސީޒަންގައި ސްކޮޑުން ބާކީ ކުރުމުގެ ވިސްމުނެއް ވެސް ޕީއެސްޖީގެ އެބަހުރި/ފޮޓޯ:ޓްރާންސްފާ ލައިވް

ފްރާންސްގެ ގައުމީ ޓީމުގެ ކެޕްޓަން ގަންނަން ގިނަ ކްލަބްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު މީގެ ތެރޭގައި ސްޕެއިން ބާސަލޯނާ، އިންގްލޭންޑްގެ ޗެލްސީ އަދި ޓޮޓެންހަމް ހިމެނެއެވެ. އެހެން ނަމަވެސް މިހާތަނަށް ޕީއެސްޖީއަށް ހުށަހެޅުމެއް އައިސްފައިވަނީ ސައުދީގެ އަލް ހިލާލްގެ ފަރާތުން އެކަންޏެވެ.

މިގޮތުން، ދުނިޔޭގެ ރެކޯޑެއް ކަމަށްވާ 300 މިލިއަން ޔޫރޯއަށް އަލް ހިލާލްއިން އެމްބާޕޭ ގަންނަން ހުށަހަޅާފައިވާ އިރު ޕީއެސްޖީން ވަނީ ކުޅުންތެރިޔާއެކު މަޝްވަރާތައް ކުރުމަށް އަލް ހިލާލްއަށް ހުއްދަ ދީފައެވެ.

އަލް ހިލާލްއިން އެމްބާޕޭއަށް ހުށަހަޅަނީ އާދިޔާ ހިލާފު ފައިދާ ހުރި ކޮންޓްރެކްޓެއް

އުމުރުން 24 އަހަރުގެ އެމްބާޕޭއަކީ މިވަގުތު ޔޫރަޕްގައި ކުޅޭ އެންމެ މޮޅު އެއް ފޯވަޑަށް ވާ އިރު ޔޫރަޕްގެ ފުޓްބޯޅައާ ދުރަށް ސައުދީގެ ލީގަށް ދިއުން ވަނީ ހަމަ ގައިމުވެސް ޒުވާން ކުޅުންތެރިޔާއަށް ވެއްޓުމަކަށެވެ. އެހެން ނަމަވެސް އަލް ހިލާލްގެ 'އޮފާ' އަކީ ދޫކޮށްލަން ފަސޭހަވާނެ 'އޮފާއެއް' ނޫނެވެ.

އެކްލަބުން އެމްބާޕޭ ސޮއިކުރަން ބޭނުންވަނީ އެންމެ ސީޒަނަކަށް 700 މިިލިއަން ޔޫރޯގެ މުސާރަކަށެވެ. މީގެ މާނައަކީ އެކްލަބުން އޮތީ ކުޅުންތެރިޔާއަށް ދުވާލެއްގެ މައްޗަށް 1.9 މިލިއަން ޔޫރޯ ދޭން ވެސް ތައްޔާރަށެވެ. އަދި އެމްބާޕޭ ބޭނުން ނަމަ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮތް އިރު އެއް ސީޒަނަށް ވެސް އަލް ހިލާލަށް ކުޅެ އެކްލަބް ދޫކޮށްލިޔަސް އެކްލަބަށް ޝަކުވާއެއް ނެތެވެ. އެއީ އެމްބާޕޭ ފަދަ ކުޅުންތެރިއަކު އެންމެ ސީޒަނަކަށް ވެސް އަލް ހިލާލްއަށް ކުޅުން ވާނީ ކްލަބަށް އެތަށް ގިނަ ފައިދާއެއް ލިބޭނެ ކަމަކަށެވެ.

އަލް ހިލާލްގެ ހުށަހެޅުން އެމްބާޕޭ ގަބޫލުކުރާނެ ކަމުގެ އިޝާރާތެއް އަދި ނުދޭ އިރު ޕީއެސްޖީން ބޭނުންވަނީ ކޮންމެ ގޮތެއް ހަދާފައި ވެސް ފްރާންސްގެ ކުޅުންތެރިޔާ ވިއްކާލާށެވެ.