އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "އެއާ ސާވިސް ވޯލްޑް ކޮންގްރެސް2024" ބާއްވާ ރަސްމީ ފަރާތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކަމަށް އިއުލާން ކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ އެމެރެކާގެ ސެންފްރެންސިސްކޯ ގައި 17 ޖުލައި އިން 19 ޖުލައި 2023 އަށް ކުރިއަށްގެންދިޔަ މިއަހަރުގެ ކޮންގްރެސް އިވެންޓެއްގެ ތެރެއިންނެވެ. ކޮންގްރެސްގެ ބައިވެރިން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމަށާއި ދިވެހި ރާއްޖޭގެ އެވިއޭޝަން އިންޑަސްޓްރީ ބަލާލުމަށް އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު ވަނީ ކޮންގްރެސްގެ ބައިވެރިންނަށް ދައުވަތު ދެއްވާފައެވެ.

މި ކޮންގްރެސް ރާއްޖޭގައި ހޮސްޓް ކުރުމާ ގުޅޭ ގޮތުން ޝުޖާއު ވިދާޅުވީ، އޭވިއޭޝަން ދާއިރާގެ ކުރިއެރުމަށް ކުރާ މަސައްކަތަށް މި މުހިންމު ހަރަކާތުން އަލިއަޅުވާލެވިގެންދާނެ ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގައި އިންފްރާސްޓްރަކްޗާ ބަދަލުކޮށް އޮޕަރޭޝަނަލް ކެޕޭސިޓީ ފުޅާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2023 ގެ ތެރެއިން، އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު

މިއީ އޭވިއޭޝަން ދާއިރާއިން، ބައިނަލްއަގްވާމީ، މިފަދަ ޝަރަފްވެރި އަދި ބޮޑު ހަރަކާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. އަންނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އޭވިއޭޝަން ދާއިރާގެ މަންދޫބުންގެ މެދުގައި މަޝްވަރާތައް ކޮށް، ދުނިޔޭގެ ވައިގެ ހިދުމަތުގެ ކުރިއެރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް މަގު ފަހި ވެގެންދާނެއެވެ.

މި ކަމާ ގުޅިގެން އެމްއޭސީއެލް އިން ބުނީ އަންނަ އަހަރު ރާއްޖޭގައި ބާއްވާ ކޮންގްރެސްގެ ތެރެއިން، ކޮންގްރެސްގެ ބައިވެރިންނަށް ވައިގެ ހިދުމަތްދިނުމުގެ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތުފަހިވެގެން ދިއުމުގެ އިތުރުން، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކައި ގުޅުން ބަދަހިކުރުމަށްވެސް މަގުފަހިވެގެން ދާނެ ކަމަށެވެ.

އަދި މި މުއާމަލާތްތަކުގެ ސަބަބުން، ރާއްޖޭގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުތަކަށް ދަތުރު ކުރާނެ އެއާލައިންތައް އިތުރުކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދަށް އަދި މުޅި ވައިގެ ހިދުމަތް ކުރިއެރުމަށް އާ ވިސްނުންތަކާއި، އީޖާދީ ގޮތްތައް ހޯދުމުގެ މަގުތައް ފަހިވެގެން ދާނެއެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 އަށް މަންދޫބުންނަށް މަރުހަބާދެންނެވުމަށާއި، މި ކޮންގްރެސް އަކީ ކާމިޔާބު ކޮންގްރެސް އަކަށް ހެދުމަށްއެމްއޭސީއެލް އިން ތައްޔާރުވަމުންދާއިރު ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖުލައި މަހުއެވެ.