ޕާސްކިތާންގެ ގާނޫނުއަސާސީ ބުނާގޮތުން އާންމު އިންތިހާބުގެ ކުރިން ހިންގަމުންދާ ސަރުކާރުގެ ބާރުތައް ވަގުތީ ސަރުކާރަކާ ހަވާލުކުރަން ޖެހޭތީ އެކަން ގާނޫނު ބުނާ މުއްދަތަށް ވުރެ ކުރިން ކުރަން ނިންމައިފިއެވެ.

އެގޮތުން ވަގުތީ ސަރުކާރާ ޞާރުތައް ހަވާލުކުރަން މިހާރު ނިންމާފައި ވަނީ އަންނަ އޯގަސްޓް މަހުގެ 8 ގައެވެ. މިއީ ގާނޫނު ބުނާ ތާރީހަށް ވުރެ 4 ދުވަސް އަވަސް ތާރީހެކެވެ.

އާންމު އިންތިހާބު ބާއްވަން ވަގުތީ ސަރުކާރަށް 60 ދުވަހުގެ މުހުލަތެއް ލިބެއެވެ. ނަމަވެސް ގާނޫނު ބުނާ ތާރީހަށް ވުރެ އަވަހަށް ވަގުތީ ސަރުކާރާ ހަވާލު ކުރުމުން ޖުމްލަ 90 ދުވަސް ލިބޭ ކަމަށް ހަބަރުތައް ބުނެއެވެ.

ވަގުތީ ސަރުކާރުގެ ޒިންމާ އަކީ އަލަށް ހޮވޭ ސަރުކާރަށް ވެރިކަން ހަވާލު ކުރުމަށްޓަކައި އާންމު އިންތިހާބެއް ބޭއްވުމެވެ.

ސިޔާސީ ހަމަނުޖެހުމާއި ތަޅާފޮޅުން ބޮޑު އަދި އިގްތިސޯދީ ގޮތުން ބަގުރޫޓުވެފައި ވާ ޕާކިސްތާންގެ މިހާރުގެ ސަރުކާރަކި ކޯލިޝަން ސަރުކާރެކެވެ. އަންނަ އިންތިހާބުގައި ވެސް ކޯލިޝަނުން ބައިވެރިވާ އިރު، ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަނީ، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ އިންތިހާބު ކާމިޔާބު ކުރައްވާނީ ހުސްވި އޭޕްރީލް 2022 ގައި އިތުބާރު ނެތް ކަމަށް ފާސްކޮށް ވެރިކަމުން ދުރުކުރި ބޮޑުވަޒީރު އިމްރާން ހާން ކަމަށެވެ.

އިމްރާނަށް ޕާކިސްތާންގައި ބޮޑު ތާއީދެއް އޮތް އިރު އޭނާ ކުރިމަތި ލިޔަ ނުދޭން އެކި ދައުވާތައް އުފުލަމުން ދާ އިރު، އޭގެ ތެރޭގައި ވެރިކަމުގައި ހުންނަވައި ނަހަމަ ހަދިޔާ ހޯއްދެވުމާއި ސަރުކާރުގެ މުދާ ވިއްކެވުމާއި އަމިއްލަ މަންފާއަށް ވިޔަފާރީގެ މުއާމަލާތްތައް ހިންގަވާފައި ވާ ކަމުގެ ތުހުމަތުތައް ވަނީ ކޮށްފައެވެ.