ވެރިކަމުގައި ތިބެ މަގުމައްޗަށް ނިކުންނަށް ޖެހުނު ދުވަސް މާޒީވެގެން ގޮސްފި ކަމަށާ އަދި ހުރިހާ ސިޔާސީ ލީޑަރުން ޖަލުގައި ތިއްބެވި ދުވަސްވެސް މާޒީވެ ހިނގައްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކ. އަތޮޅުގެ ތިން ރަށަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ގުޅިއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި، ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ފޯރުވި ދުވަސްވެސް މާޒީވެގެން ގޮސްފި ކަމަށެވެ. އެތައް ހުރަސްތަކަށް ފަހު ގައުމު މިހާރު އަމާން ބަނދަރަކަށް އާދެވިފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ގައުމު ހަލަބޮލިކަމެއްގެ ތެރޭގައި އޮއްވާ ގައުމު ތަރައްގީ ނުވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ސަރުކާރާ ހަވާލުވެ ވަޑައިގެންނެވި އިރު އެންމެ އުނދަގޫފުޅު ކަމަކަށް ވީ އަސާސީ ހިދުމަތްތައް ލިބެން ނެތުން ކަމަށާއި ވަޑައިގަންނަވާ ކޮންމެ ރަށަކުން އިވިވަޑައިގަތީ އެ ވާހަކަތައް ކަމަށެވެ. އެ ގޮތުން އިވި ވަޑައިގަތީ ސިއްހީ ހިދުމަތް ނުލިބޭ ވާހަކަ އާއި ތައުލީމް ރަށުން ނުލިބޭ ވާހަކަ އާއި ބަނދަރުގެ ވާހަކައިގެ އިތުރުން ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ ވާހަކަ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ދައުލަތުގައި ފައިސާ ހުރި ނަމަވެސް އެއްވެސް ސަރުކާރަކަށް މި ހިދުމަތް ގާއިމްކޮށް ނުދެވުނު ކަމަށާ، ނަމަވެސް މި ސަރުކާރުން އެންމެ އިސްކަމެއް ދިނީ އަސާސީ ހިދުމަތްތައް ގާއިމްކުރުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ވައުދުވެވަަޑައިގެންނެވި ކަންތައްތަކުގެ 90 ޕަސެންޓް ފުރިހަމަ ކުރެވިފައި ވާކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ އާ ފަސް އަހަރަށް ތައްޔާރު ވެފައި ކަމަށެވެ.