"އެންމެ ކުޑައިރުވެސް އަޑުއަހަނީ ވަން ޑިރެކްޝަންގެ ލަވަތައް. މިހާރުވެސް އަޑުއަހަން. ހާދަ ރީއްޗޭ އެމީހުންގެ ލަވަތައް،" ވަން ޑިރެކްޝަން ބޭންޑާ ގުޅޭގޮތުން ސުވާލު ކޮށްލުމުން ކޮންމެ މީހަކުވެސް ބުނަނީ މިހެންނެވެ.
2010 ވަނަ އަހަރު އެކްސް ފެކްޓާ އިން އުފަންވި ވަން ޑިރެކްޝަން ބޭންޑަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް ނަން މަޝްހޫރުވި ބޭންޑެކެވެ. ހެރީ ސްޓައިލްސް، ލުއީ ޓޮމް ލިންސަން، ޒޭން މާލިކް، ނައިލް ހޯރަން އަދި ލިއަމް ޕޭން ވެސް އެކްސް ފެކްޓާ ލަވަ މުބާރާތައް ދިޔައީ ވަކިވަކިންނެވެ. ނަމަވެސް ޖަޖުން މި ބައިވެރިން އެއްކޮށްލުމަށް ފަހު ގްރޫޕެއް ހެދިއެވެ. އެހިސާބުން ވަން ޑިރެކްޝަން ބޭންޑު ފެށިގެން ދިޔައެވެ. އުމުރުން ވަރަށް ހަގު އިރު އެހާ ބޮޑު މަޝްހޫރުކަމެއް މިތަރިންނަށް ލިބިގެން ދިޔައިރު ޒުވާން އަންހެން ކުދިންގެ ހިތްތައް މި ބޭންޑުގެ މެންބަރުން ފަތަހަކުރަމުން ދިޔައެވެ.
ފަސް އަހަރުދުވަހުގެ ތެރޭގައި ފަސް ލަވަ އަލްބަމް މި ބޭންޑުން ނެރުނުއިރު 529 އަށް ވުރެ ގިނަ ކޮންސެޓް މި ބޭންޑުން އެކި ގައުމުތަކުގައި ދީފައި ވެއެވެ. މި ބޭންޑުގެ ލަވަތަކަކީ މިއަދުވެސް ގިނަ ބަޔަކު ޖަހާ ލަވަތަކެވެ. މާލޭގެ ބައެއް ރެސްޓޯރަންޓުތަކުގައި ވެސް މި ބޭންޑުގެ ލަވަތައް ޖަހާފައި ހުރެއެވެ.
"އަބަދުވެސް ހިތުގައި ވަން ޑިރެކްޝަން އޮވޭ. އެ މީހުން ވަކިވިނަމަވެސް އެއީ ހަމަ އެއްވަނަ. ކުރީ ދުވަހު ހުޅުމާލޭ ސްޓޭކް ޝެކް އަށް ދިޔައިރު ވެސް އެތަނުގައި ޖަހާފައި ހުރީ އެ ބޭންޑުގެ ލަވައެއް،" ފާތިމަތު ބުންޏެވެ.
މި ބޭންޑުް ގެ މެންބަރެއް ކަމަށްވާ ޒޭން މާލިކް 2015 ވަނަ އަހަރުގެ މާޗް މަހު ބޭންޑުން ވަކިވި ނަމަވެސް ބާކީ ތިބި ހަތަރު މެންބަރުން ދިޔައީ އެކި ގައުމުތަކުގައި ޝޯ ދެމުންނެވެ. އޭގެ ފަހުން ހަމަ އެ އަހަރު އެ ގްރޫޕުން ބްރޭކެއް ނަގަން ގަސްތުކޮށް އެކަން އިއުލާން ކުރުމުން ފޭނުން މުޅިން މާޔޫސްވިއެވެ. ނަމަވެސް ފޭނުންގެ ހިތަށް ހަމަޖެހުން ލިބުނީ އެ ބޭންޑުން ވަކިނުވާނެ ކަމަށްބުނެ އެނބުރި މާ ވަރުގަދަކޮށް އަންނާނެ ކަމަށް ބުނުމުންނެވެ. ނަމަވެސް އޭގެ ފަހުން މިހާރު އަށް އަހަރު ފާއިތުވީއެވެ. ވަން ޑިރެކްޝަންގެ ހަބަރެއް ނެތެވެ. އެކަމަކު އެ ބޭންޑުގެ ވަކި ވަކި ހުރިހާ މެންބަރުން މިހާރު އަމިއްލަ އަށް ލަވަ ހަދައި ވަކިން ޓުއާ ދެއެވެ. ނަމަވެސް ފޭނުން ބޭނުން ވަނީ މި ބައިވެރިން ފަހު ފަހަރަށް ނަމަވެސް ސްޓޭޖް މަތިން ފެނިލުމަށެވެ. ބަކެޓް ލިސްޓުގައި ވާ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ.
މަޝްހޫރު ކޮމީޑިއަން ޖޭމްސް ކޯޑެންގެ އެންމެ ފަހު ޓޯކް ޝޯ އަށް މި ބައިވެރިން އެއްތަން ވާނެ ކަމަށް ފޭނުން ގަބޫލުކުރިނަމަވެސް އެ ހުވަފެންވެސް ވެގެން ދިޔައީ ބިލާހަކަށެވެ. ޖޭމްސް އަކީ އެ ބޭންޑުގެ މެންބަރުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ތަރިއެކެވެ. ބޭންޑުގެ މެންބަރުން އެއްކޮށް އާންމުންނާ ހަމައަށް ގެނެވޭނީ ހަމައެކަނި ޖޭމްސް އަށް ކަމަށްވެސް ގިނަ ބަޔަކު ބުންޏެވެ. އެކަމާ ގުޅޭގޮތުން ޖޭމްސް ބުނީ ވަން ޑިރެކްޝަން އަކީ ގިނަ ޒުވާނުންގެ ހިތުގައި ހަރުލާފައި އޮންނަ ނަމެއް ކަމަށާއި ޓޯކް ޝޯއެއްގެ ދިހަވަރަކަށް މިނެޓަށް ބޭންޑު ރީޔޫނިއަނެއް ހަދައި ގެނައުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫންކަމަށެވެ. އެ ބޭންޑުން ރީޔޫނިއަނެއް ހަދާނަމަ ހަދާނީ ބޮޑު ޓުއާއަކާ އެއްކޮށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އެކި މީޑިއާ ޕްލެޓްފޯމްތަކުން ވެސް ބޭންޑުގެ މެންބަރުންނަށް ވަން ޑިރެކްޝަން އެނބުރި އައުމާ ގުޅޭގޮތުން އެކި މުނާސަބަތުތަކުގައި ވެސް ވަނީ ސުވާލު ކޮށްފައެވެ. އެންމެން ވެސް ބުނަނީ ވަން ޑިރެކްޝަން އަދި އެނބުރި އަންނާނެ ކަމަށެވެ. ނޭނގެނީ ތާރީހު ކަމަށެވެ.
ވަން ޑިރެކްޝަން އިން ރީތި ގިނަ ލަވަތަކެއް ގެނެސްދީފައި ވާއިރު އެންމެ ގިނަ މީހުން ސްޓްރީމް ކޮށްފައި ވަނީ "ނައިޓް ޗޭންޖަސް" އެވެ. ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ކަމުދަނީ "ސްޓޯރީ އޮފް މައި ލައިފް" އެވެ. ތިން ވަނަ އަށް "ޑްރޭގް މީ ޑައުން" ލަވަ ކަމުދާއިރު ހަތަރުވަނަ އަށް ގިނަ މީހުންނަށް ކަމުދަނީ "ވަޓް މޭކްސް ޔޫ ބިއުޓިފުލް" އެވެ. ފަސް ވަނަ އަށް ގިނަ މީހުންނަށް ކަމުދަނީ "ޕާފެކްޓް" އެވެ. ކިޔުންތެރިންނަށް ވަން ޑިރެކްޝަނުން އެންމެ ކަމުދާ ލަވައަކީ ކޮން ލަވައެއްކަން ބުނެލަބަލާށެވެ.