މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އަށް އަމިއްލަ ގޮތުން ހޮވިފައިވާ މެންބަރެއްގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މެންބަރުކަމުގެ ދައުރު ހަމަވަނީ އަމިއްލަ ގޮތުން ވާދަކޮށް، ހޮވިފައިވާ މެންބަރެއް ކަމުގައިވާ މުހައްމަދު ޝާފިއުގެއެވެ. ޝާފިއު އެމްއެމްސީގެ މެންބަރުކަމަށް ހޮވިފައި ވަނީ 2021 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭނާގެ މެންބަރު ކަމުގެ ދައުރު ހަމަވާނީ މި އަހަރު ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހަށެވެ.

އެމްއެމްސީ އަށް މެންބަރަކު އައްޔަން ކުރުމަށް ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ ކައުންސިލުގެ މީޑިއާގެ މެންބަރެއްގެ މަގާމު ސެޕްޓެމްބަރު 10، 2023 ވާ އާދީއްތަ ދުވަހަށް ހުސްވާތީ، އެ މަގާމަށް މެންބަރަކު ހޮވުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން މީޑިއާގެ މެންބަރުކަމަށް އެދޭ މީޑިއާތަކުން ޖުލައި 13، 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މިނިސްޓްރީގެ ވެބްސައިޓްގައި ވާ، ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެ ކިޔުންތައް ހުށަހެޅުމަށް މިނިސްޓްރީން އެދޭ ކަމަށެވެ.

ކައުންސިލް މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުމާ ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމެވެ.

މީގެ އިތުރުން މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަހްލާގް ރަނގަޅު މީހެއް ކަމުގައިވުމާ، ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ.