އިމިގްރޭޝަންގެ ހިދުމަތް ދެމުން އަންނަ 'އިމުގަ' ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފޯނުން ޕާސްޕޯޓަށް އެދެވޭނެ ގޮތަށް ފަރުމާ ކޮށްފިއެވެ.

މީގެ ކުރިން ޕާސްޕޯޓަށް އެދި ހުށަހަޅަން ޖެހެނީ، ފޯމު ފުރައިގެން އެ ސްކޭން ކޮށް ޑައުންލޯޑް ކޮށްގެންނެވެ. ޕާސްޕޯޓް ހެދުމަށް ގެނައި ބަދަލާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ މިއީ ކަރުދާސް ބޭނުންކުރާ މިންވަރު މަދުކޮށް، ފަސޭހަކަމާ އެކު މީހުންނަށް ހިދުމަތް ދިނުމަށް ގެނައި ބަދަލެއް ކަަމަށެވެ.

މިގޮތުން އިމުގަ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ދެން، ޕާސްޕޯޓަށް އެދި ހުށަހަޅާ ފޯމު ޕްރިންޓުކޮށް ސްކޭން ކުރަން ނުޖެހޭ ގޮތަށް އިމުގަ ޕޯޓަލްއަށް ވަނީ ބަދަލު ގެނެސްފައެވެ. އިމިގްރޭޝަނުން ބުނީ ޕާސްޕޯޓު ހެއްދުމަށް އިމުގަ ޕޯޓަލްއަށް ވަދެ މިހާރު ފޯނު މެދުވެރިކޮށް އެޕްލިކޭޝަން ފުރާލެވޭނެ ކަމަށެވެ.

އިމުގަ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ގެނައި ބަދަލާއއެކު މީގެ ކުރިން ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓް ހައްދަން އެދޭއިރު ދިމާވާ މައްސަލަތައް ހައްލުކުރެވި ފޯމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްކުރެވި، ޕޯޓަލް ތެރެއިން އެޕްލައި ކުރެވި ސްޓޭޓަސް ވެސް ވަގުތު ބަލާލެވޭނެއެވެ.

އިމިގްރޭޝަނުން ވަނީ މިދިޔަ އަހަރުގެ ރޯދަ މަސް ނިމެންދެން އުމުރާ އަށް ދާ މީހުންނަށް، ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުސަތު ދީފައެވެ.