ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލައިގައި، އެކަމުގައި ބައިވެރިވި މީހުންނަށް ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުން ހެދަން ނިންމި ސަބަބު ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ހާމަކުރައްވައިފިއެވެ.

ދުވާފަރު ކައުންސިލުގެ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރުމަށް ފަހު ވަނީ މައްސަލައިގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައެވެ. އެހެންނަމަވެސް އެ އޮފީހުން ވަނީ އެ މައްސަލައިގައި ކައުންސިލް މެންބަރުންނަށް ދައުވާ ކުރުމުގެ ބަދަލުގައި އެ އޮފީހުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު މިކަމާ ގުޅިގެން ޕީޖީ ޝަމީމްގެ ބްލޮގްގައި ޝާއިރު ކުރެއްވި ލިޔުމެއްގައި ވަނީ ދައުވާކުރުމުގެ ބަދަލުގައި އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިކަން ދެނެގަތުމުގައި ބަލާނެ މިންގަނޑުތައް ހިމެނޭ ދެ ލިސްޓެއް ގާނުނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ އާންމު މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތަކީ ނަސޭހަތް ދިނުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތަކުގެ ލިސްޓާ އަދި އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ދައުވާކުރުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް އޮތް ލިސްޓެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަކީ ޕީޖީއަށް އޮތް އިހްތިޔާރެއްކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ އެފަދަ އެއްބަސްވުމެއް ހެދޭނީ، އެމީހަކު ކުރިކަމަށް އިއުތިރާފުވާ ކުށަކީ އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބު ހިމެނޭ ކުށަކަށް ނުވާކަމުގައި ވާނަމައެވެ.

ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލައަށް އަލިއަޅުވާލަމުން ޝަމީމް ވިދާޅުވީ އެ ކައުންސިލްގެ މައްސަލައިގައި ލިސްޓުގައި އޮތް 13 ކަންތަކުގެ ތެރެއިން ދައުވާކުރަން ބާރުއަޅާ ލިސްޓުން ފުރިހަމަވީ، އެންމެ 3 ކަންތައްކަމަށެވެ. އަދި ނަސޭހަތް ދިނުމަށް ބާރު އަޅާ ލިސްޓުގައި ހުރި ހުރިހާ ކަމެއް ފުރިހަމަވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލައަކީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ހުއްދަ ލިބޭ، އެކަމަށް ގާނޫނު ތަސަވުރު ކޮށްފައި އޮތް، ޝަރުތު ފުރިހަމަވާ މައްސަލައެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ ކުށުގެ ސަބަބުން ލިބުނު ގެއްލުމެއް ހަގީގަތުގައި ނެތް ކަމަށާ ކުށްކުރި މީހުންގެ ކުށުގެ ރެކޯޑެއްވެސް ނެތްކަަމށެވެ. އަދި އެމީހުންގެ މައްޗަށް އެހެން ޖިނާއީ ދައުވާއެއް ހުށަހެޅި ހިނގަމަކުން ނުދާކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ ކުށްކުރި މީހުންގެ އުމުރަށް ބަލާއިރު، މާ ހަގެއް ނޫންކަމަށެވެ. އިތުރަށް ޝަމީމް ވިދާޅުވީ ކުށްކުރި ހަމަ ކޮންމެ މީހަކު، ޒިންމާދާރުކަމާއެކު އައިލާއެއް ބަލަހައްޓަމުންދާކަމަށެވެ.

އެހެންނަމަވެސް އެމީހުން ފައިސާ ގެންގުޅުނީ ގަވާއިދާ ހިލާފަށްކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ އެހެންނަމަވެސް ގެއްލުނު ހުރިހާ ފައިސާއެއް އެމީހުން ވަނީ އަނބުރާ ދައްކާފަކަަމަށެވެ. އެހެންކަމުން ދައުލަތަށް މަދުވި ފައިސާއެއް އޮތް ކަމަކަށް ތަހުގީގަކުން ނުދައްކާކަމަށް ޝަމީމް ވިދާޅުވިއެވެ.