ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަކީ ޒުވާނުންގެ ލީޑަރު ކަމަށާ އޭނާ އެމްޑީޕީ އާ ގުޅުމަކީ އެ ޕާޓިއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ސޯލްޓް ކެފޭގައި ޖާބިރު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީ އާއި އެ މަނިކުފާނަށްވެސް ލިބިވަޑައިގެންނެވި ބޮޑު ހިތްވަރެއް އަދި ކުރިއެރުމެއް ކަމަށެވެ. އަދި މި އިންތިހާބު ކާމިޔާބުކުރުމަށް ކުރިއަށް އޮތްތަނުގައި ޖާބިރުގެ ހިއްސާ އާއި ބައިވެރިވުން ވަރަށް ބޮޑަށް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައި އިރުވެސް ޖާބިރަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ބޮޑަށް އެހީތެރިކަން ދެއްވި އަދި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. ޖާބިރުއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މިހާރު ޒުވާނުން ގަބޫލުކުރާ ގޮތުން ޖާބިރު އަކީ އެމީހުންގެ ލީޑަރެވެ. އެހެންކަމުން މިއީ ޖާބިރު އެ ޕާޓީ އާ ގުޅުމަށް އެންމެ އެކަށީގެންވާ ވަގުތުކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ކުރިއަށް އޮތް ތަނުގައިވެސް އިތުރު މަޖިލީސް މެންބަރުން އެމްޑީޕީ އާ ގުޅިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މި ކަމުގެ އިތުރު އެއްވެސް ތަފްސީލެއް ރައީސް އަދި ހިއްސާކުރައްވާފައެއް ނުވެއެވެ.