މާލެ އިން ބަނގުރަލާއި މަނާ ބޭސްތަކާއެކު ބަންގްލަދޭޝްގެ 6 މީހުން ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ވަނީ ޖަހައިފައެވެ.

މި މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި އަދި މަނާ ބޭސް ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ދައުވާއެވެ. އަދި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރި ކުރި ކަމުގެ ދައުވާވެސް ވަނީ މި މީހުންގެ މައްޗަށް އުފުލާފައެވެ.

މި މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ނެރުނު އަމުރުގައި ވަނީ ފުލުހެއްގެ ބަޔާނުން އެ މީހުން ތިބި ކޮޓަރިން ބަނގުރާ ކަަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފުޅިތަކާއި، ގިނަ އަދަދެއްގެ ބޭސް ގުޅަތައް ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ އަމުރުގައި ވަނީ މި އެންމެންނަކީވެސް އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ކަމަށެވެ. ފުލުހުންގެ ހެކި ބަހާއި ލިބުނު މައުލޫމާތަށް ބަލާ އެ އަމުރުގައި ވަނީ ތުހުމަތެއް ވުޖޫދުވާ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.