ތެލެސީމިއާ ބަލި ތަހައްމަލުކުރާ ކުދިންނާއި މީހުންނަށް ބޭނުންވާ ޑެސްފަރަލް އިންޖިކްޝަން ރާއްޖެއިން ހުސްވެ، އާއިލާތަކުން ޝަކުވާކުރަން ފަށައިފިއެވެ.
ޑެސްފަރަލްއަކީ ލޭއެޅުމަށްފަހު ތެލިސީމިއާ ކުދިންގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ވަކި މިންގަނޑެއްގައި ހިފަހެއްޓުމަށް ބޭނުންކުރާ ބޭހެކެވެ.
މި ބޭސް ރާއްޖެއިން ހުސްވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި އެކު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު ލަވަކިޔުންތެރިޔާ މާއިން ރަޝީދު، ކުރި ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، މާލޭގައި މިވަގުތު ހުރި ޑެސްފަރޯލްގެ މުއްދަތު މިދިޔަ މަހު ހަމަވެފައި ކަމަށާއި ދެން އެންމެ އަވަހަށް ވެސް ޑެސްފަރޯލްގެ ސްޓޮކެއް ރާއްޖެއަށް ލިބޭނީ އަންނަ މަހުގެ 15 ގައި ކަމަށެވެ.
މާއިން ވަނީ ޑެސްފަރޯލަކީ ލިބެންޖެހޭ ބޭހަކަށް ވިޔަސް އެ ބޭސް ނުލިބުމުން ދެން އެ ނުގުޅާ ހުންނަންވީތޯ ސުވާލު އުފައްދާފައެވެ. އަދި ބޭސް ހުސްވެފައި ވަނީ ރަނގަޅަށް ބަލަންޖެހޭ ވަރަށް ނުބެލިގެންތޯ ވެސް މާއިން ވަނީ ސުވާލު އުފައްދާފައެވެ.
ދަގަނޑުގެ މާއްދާއާ ގުޅޭ ފަރުވާދިނުމުގެ އެހީގެ 13 ވަނަ މާއްދާގެ ސްކްރީންޝޮޓެއް ވެސް މާއިން ވަނީ ހިއްސާކޮށްފައެވެ. އެ މާއްދާގައި ބުނާގޮތުން ތެލެސީމިއާ ކުދިންގެ ލޭގައި ޖަމާވަމުންދާ ދަގަނޑުގެ މާއްދާތައް އެ ކުދިންގެ ހަށިގަނޑުގައި ދަގަނޑު ހުންނަން ޖެހޭ ވަރަށް ވުރެ އިތުރަށް ޖަމާވިޔަ ނުދިނުމަށްޓަކައި، އެ ކުދިންނަށް ގަވާއިދުން ދޭންޖެހޭ ފަރުވާ ދައުލަތުގެ ހަރަދުގައި ސެންޓަރުތަކުން ހަމަޖައްސައިދޭން ވާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ލިބެންހުރި ޑެސްފަރަލްއަކީ ފާއިތުވި މަހު މުއްދަތު ހަމަވެފައިވާ ބޭހެކެވެ.
މި މައްސަލާ ގުޅިގެން ހެލްތް މިނިސްޓްރީންގެ ބަހެއް އަދި ނުލިބެއެވެ.
ދޭތެރެ ދޭތެރެއިން މުހިންމު ބޭސްތައް ރާއްޖެއިން ހުސްވާ ކަމުގެ ޝަކުވާތައް ލިބެއެވެ.
ރާއްޖޭގައި ތެލެސީމިއާ ހާލަތު ދެނެގަތުމަށް 1988 ވަނަ އަހަރުން ފެށިގެން ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) ގެންދަނީ އެތައް ޕްރޮގްރާމެއް ހިންގަމުންނެވެ. ރިސޯޓުތަކާއި އާންމުން ދިރިއުޅޭ ރަށްރަށުގައިވެސް ލޭ ހޯދުމަސް ގިނަ ޕްރޮގްރާމް ތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ތެލަސީމިއާގެ ހާލްތު ރާއްޖޭގައި ރަނގަޅު ކުރުމަށް ޝީ އިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ޝީ އިން ޑީއެންއޭ ޓެސްޓް ކުރުމުގެ ހިދުމަތް ދޭން ފަށާފައި ވަނީ 2005 ވަނަ އަހަރެވެ.
ރާއްޖޭގައި އެންމެ ފުރަމަތަ ތެލަސީމިއާ ބަލި ފާހަގަވި ހިސާބުން ފެށިގެން މިކަމަށް ހައްލެއް ހޯދުމަށް ރާއްޖޭގެ ސަރުކާރާއި އަމިއްލަ ޖަމިއްޔާ ތަކުން ތަފާތު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ތެލަސީމިއާ ކުދިންނަށް ދާއިމީކޮށް ބޭނުންވާ ބޭސް ލިބޭނެ ގޮތް އަދި ލޭއެޅޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައި ވާއިރު ތެލަސީމިއާ ކޮންޓްރޯލް ކުރުމަށްޓަކައި މިކަމާ ގުޅޭ ހާއްސަ ގާނޫނެއް ވެސް 2012 ވަނަ އަހަރު ވަނީ ފާސްކޮށްފައެވެ. އެ ގާނޫނުގެ ދަށުން ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ކައިވެނި ކުރަން ބޭނުންވާ ދެ މީހުން ތެލަސީމިއާ އަށް ޓެސްޓް ކުރަން ޖެހެއެވެ.