އަމިއްލަ ދިފާއުގައި ވާހަކަ ނުދެއްކުނު މީހަކަށް ރައްޔިތުންގެ ހައްގުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ބަންޑާރަނައިބު އިބްރާހީމް ރިފްއަތު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީ ވެވަޑައިގަތުމަށް މަޖިލީހަށް ވަޑައިނުގަތުމުން ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައި ވާއިރު މޮސްޓާ ވިދާޅުވީ ގާނޫނު އަސާސީގައި އޮތީ ރިފްއަތު ގެންނަން ނޫން ކަމަށާއި، އޮތީ ބަންޑާރަނައިބު ގެންނަން ކަމަށެވެ.

ރައްޔިތުން އިންތިހާބު ކޮށްފައިވާ މެންބަރުންނަށް ޖަވާބުދާރީ ވުމަށް ވަޑައިނުގަންނަވާ ބޭފުޅަކަށް ގައުމުގެ ދިފާއުގައި ވަކާލާތު ނުކުރެއްވޭނެކަން ފާހަގަ ކުރައްވަމުން މޮސްޓާ ވިދާޅުވީ ބަންޑާރަނައިބުގެ މަގާމުގައި ހުންނަވާކަމަށް ވާނަމަ މަޖިލީހަށް ވަޑައިގެން ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

މީގެ ކުރިންވެސް އަމިއްލަ ޖީބަށް ފައިދާވާ ގޮތަށް ރިފްއަތު ލަފާދެއްވާފައި ވާކަމަށް ތުހުމަތު ކުރައްވަމުން މޮސްޓާ ވަނީ ރިފްއަތު އަކީ 'ގާނޫނަކީ ކޯއްޗެއް އެގިވަޑައިގަންނަވާ' ބޭފުޅެއްތޯ ވެސް ސުވާލު އުފައްދަވާފައެވެ. އިތުރަށް މޮސްޓާ ވަނީ ބަންޑާރަނައިބުގެ މަގާމުން ރިފްއަތު އިސްތިއުފާ ދެއްވުމަށްވެސް ގޮވާލައްވާފައި ވެއެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން، އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު އޮންނާނެއެވެ.