މާލެސިޓީ ކައުންސިލްގެ ފަރާތުން އަޟްހާ އީދުގެ މުނާސަބަތުގައި ކަތިލުމަށް ހަމަޖެހިފައިވާ 100 ބަކަރި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ބަކަރި ފޯރުކޮށްދިނުމަށް އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މެއި29، 2023 ވަނަ ދުވަހު މައުލޫމާތު ސާފުކުރުމަށްފަހު ޖޫން04، 2023 ވަނަ ދުވަހު އަގު ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މިފަހަރު މާލެ ސިޓީ ކައުންސިލުން 100 ބަކަރި ކަތިލާ ބެހުމަށް ނިންމާފައިވާއިރު ކައުންސިލުން ބުނީ މަސް ބެހުމުގައި ކުޑަކުދިންގެ ހިޔާ ކަހަލަ ތަންތަނަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާކަމަށެވެ. އަދި މިކަމަށް ބޭނުންވާ ސްޕޮންސާ ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މިދިޔަ ބޮޑު އީދުގައިވެސް ކައުންސިލުން ވަނީ އުރީދޫ އާ ގުޅިގެން އުޟްހިޔާ ކަތިލުމުގެ މަސައްކަތް ކޮށްފައެވެ.