މި މަހު 3 ވަނަ ދުވަހު ކުލަގަދަ ހަފްލާ އަކާއެކު ޕްރިމިއާކުރި ޑައިރެކްޓަރު އަލީ ސީޒަންގެ "ލޯބިވެވިއްޖެ" ގެ ވަދާއީ ޝޯ އަންނަ މަހުގެ 2 ވަނަ ދުވަހު އޮންނާނެ ކަމަށް ބުނެފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު ޝާނިޒް އަލީ "ދަ ޕްރެސް" އަށް ބުނީ މި ފިލްމުގެ ވަދާއީ ދެ ޝޯ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރެއާއި ދެވަނަ ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ. އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ މި ފިލްމުގެ މިހާތަނަށް ގިނަ ޝޯތަކެއް ހައުސްފުލް ކަމާއެކު ދައްކާފައިވާއިރު މި ފިލްމުވަނީ އަތޮޅު ތަކުގެ ތިން ރަށެއްގައި ވެސް ދައްކާފައެވެ. ހަމައެއާއެކު މި ފިލްމު ބެލުމަށް އިންޑިއާގެ މަޝްހޫރު އެކްޓަރު އަފްތާބް ޝިވްދަސަނީ ވެސް ވަނީ ރާއްޖެ އައިސްފައެވެ. އަފްތާބް މި ފިލްމު ބެލުމަށްފަހު ފިލްމަށް ވަރަށް ބޮޑަށް ތައުރީފްކުރިއިރު އޭނާ ފިލްމު ބަލަން ދިޔަރޭ ވަނީ "ލޯބިވެވިއްޖެ"ގެ ދެވަނަ ބައެއް އަންނާނެކަން އިއުލާންކޮށް ކުރު ޓީޒާކޮޅެއް ވެސް ދައްކާލާފައެވެ.

ޝާނިޒް ބުނީ އަންނަ މަހުގެ 2 ވަނަ ދުވަހު އޮލިމްޕަހުގައި ފިލްމުގެ ވަދާއީ ޝޯ އެޅުވިނަމަވެސް އަތޮޅުތަކުގެ އިތުރުން ރިސޯޓްތަކުގައި ވެސް މި ފިލްމު އަޅުވަން ބޭނުންނަމަ 7458800 ގުޅުމަށެވެ. އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މި ފިލްމުގެ ލީޑު ބަތަލާއިންނަކީ މަރިޔަމް އައްޒަ އަދި އާމިނަތު ރިޝްފާއެވެ. ފިލްމުގެ ބަތަލަކީ ސީޒަންއެވެ.

ސީޒަންގެ "ލޯބިވެވިއްޖެ" އަކީ މި އަހަރު އޮލިމްޕަހުގައި އެޅުވި ތިން ވަނަ ފިލްމެވެ. 2020 ވަނަ އަހަރުގެ ސެމްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ގދ. ތިނަދޫގައި ޝޫޓިން ފެށި މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ތިނަދޫގެ އިތުރުން މާލެ، ކޮލަމްބޯ އަދި ނުއަރަލިޔާ ގައެވެ. ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދިޔައީ އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮން އައްޔަ)، އަހްމަދު ނިމާލް، އަބްދުﷲ ޝާފިއު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) ހިމެނެއެވެ.