ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ވަރުގަދަ ފިލްމު "ބަޅިނދު" ރިލީޒްކުރާ ތާރީހު އިއުލާން ކޮށްފިއެވެ.

ޑާކްރެއިން އިން ބުނީ މި ފިލްމު އޮލިމްޕަސް ސިނަމާތަކަށް އަންނާނީ އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. ބަޅިނދުގެ ތަރިންނަކީ އާޝާ، ޖުމައިހު، ހުނޫ، ދޮން އައްޔަ، ނުޒުހަތު ޝުއައިބު، އައިޝާ، ޝަރަފް އަދި މަޖޫ އެވެ. މީގެ ކުރިން "ބަޅިނދު"ގެ ޓީޒާ އެއް ސޯޝަލް މީޑިއާއަށް ދޫކޮށްލިއިރު އެ ޓީޒާ ވަރަށް ތަފާތެވެ. އެ ޓީޒާ އިން ފެނިގެންދަނީ އަކަ ޖެހި ދޮލަގެކެވެ. އެއީ ތަށި ދުއްވަން ބޭނުންކުރާ އާލާތެކެވެ. މާލެ އަދި ހުޅުމާލޭގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ބިރުވެރި ފިލްމެކެވެ. ފިލްމުގެ ޓީޒާކޮޅުން ވެސް އެ ފިލްމަކީ ބިރުވެރި ފިލްމެއްކަން ހާމަވެގެން ދެއެވެ.

އޮލިމްޕަސް ބަންދުކޮށްފައި ހުންނަތާ ގާތްގަނޑަކަށް ތިން އަހަރުފަހުން މިއަހަރު އޮލިމްޕަސް ސިނަމާ ހުޅުވީ ޑާކްރެއިންގެ "ބީވީމާ" އިންނެވެ. އެ ފިލްމަށް އާންމުންގެ ބޮޑު ކާމިޔާބީއެއް ލިބިގެން ދިޔައިރު މި ފިލްމުގެ ލީޑު ތަރިންނަކީ އާޝާ، ޒިޔާން، އަޝްފާ އަދި ކޮޕީ އިއްސެއެވެ. ޑާކްރެއިންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ނޮވެމްބަރު" އަދި "ކައިވެނީގެ އަމާޒު" ހިމެނެއެވެ.

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ "ނޮވެމްބަރު" ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ.