އިންޑިއާގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްގަރު ކިޔާފައި ވާ ލަވައިގެ "ކިތްނީ އަޖީބް ރިޝްތޭހޭ ޔަހާން" ބޮލީވުޑްގެ ކުރީގެ މަޝްހޫރު ދެލޯބިވެރިން ކަމަށްވާ ކަރީނާ ކަޕޫރު އާއި ޝާހިދު ކަޕޫރާ ވަރަށް ގުޅެއެވެ.
ދެތަރިންވެސް މިހާރު ކައިވެންޏެއްކޮށް ދަރިން ލިބިފައިވީ ނަމަވެސް ކަރީނާ އާއި ޝާހިދުގެ "ލަވް ސްޓޯރީ" އަކީ އެޒަމާނުގައި އެންމެ ހިނގި ލޯބީގެ ވާހަކައެކެވެ. ހަ އަހަރު ދުވަސް ވަންދެން އެކުގައި އުޅުމަށް ފަހު ކަރީނާ އެ ގުޅުން ނިންމާލީ ޝާހިދުގެ ހިތް ކުދިކުދި ކުރުމަށް ފަހުއެވެ. ބަތަލާ ކަރީނާ އަކީ މިއަދުވެސް ބޮލީވުޑްގައި ނަން ހިނގާ މަޝްހޫރު ތަރިއެކެވެ. 23 ވަނަ އަހަރު ބޮލީވުޑްގައި ގުނަމުންދާ ކަރީނާ އެންމެ ފުރަތަަމަ ފިލްމަކީ 2000 ވަނަ އަހަރު ނެރުނު "ރެފިއުޖީ" އެވެ. ކެރިއަރުގެ ކުރީކޮޅު މާ ރަނގަޅު ހުށައެޅުންތަކެއް ބަތަލާ އަށް ނުލިބުނު ނަމަވެސް އޭނާ ކުޅޭ ރޯލުތަކުން ހުނަރު ދައްކައި ބޮލީވުޑްގައި ކުރިއަރަން ބަތަލާ މަސައްކަތް ކުރިއެވެ. އެގޮތުން 2003 ވަނަ އަހަރު ނެރުނު ފިލްމު "ޗަމޭލީ" އަކީ އޭނާގެ ކެރިއަރު މުޅިން ބަދަލުކޮށްލި ފިލްމެކެވެ. އެގޮތުގައި މިއަދުވެސް ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށްގެން ހުރި ބަތަލާ އަކީ މިއަދު ބޮލީވުޑްގައި އެންމެ އަގުބޮޑު ބަތަލާއެވެ.
2003 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "އިޝްގް ވިޝްގް" އަކީ އެކްޓަރު ޝާހިދު ކަޕޫރުގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ. އެ ފިލްމުން އެންމެ މޮޅު ޑެބިއު އެކްޓަރުގެ މަގާމު ހާސިލްކުރި ޝާހިދުގެ ދިރިއުޅުން ކަހަލަ ގޮތަކަށް މި ފިލްމުން ބަދަލުކޮށްލިއެވެ. މި ފިލްމުގައި ބަތަލާގެ ރޯލު ކުޅުނު ކަރީނާ އަށް ޝާހިދު ވަރަށް ކަމުދިޔައެވެ. ފިލްމުގެ ސެޓުން ދެމީހުން ދިމާވެ އެކުވެރިކަން ގާތް ގުޅުމަށް ބަދަލުވެ ދެ މީހުންގެ ދެމެދުގައި ލޯބި އުފެދުނެވެ. އަދި ރަސްމީކޮށް ދެތަރިން ހަމަ އެއަހަރު ލޯބީގެ ގޮތުން ގުޅުނެވެ. އެކްޓަރު ޝާހިދު ކަޕޫރާއި ބަތަލާ ކަރީނާ ކަޕޫރަކީ އޮފް ސްކްރީނުގައި ވެސް އަދި އޮން ސްކްރީނުގައި ވެސް އެންމެ ފުރިހަމަ ޖޯޑެވެ. ދެމީހުންގެ ކެމިސްޓްރީގެ ސަބަބުން ދެތަރިން އެކުގައި ކުޅުނު ހުރިހާ ފިލްމުތަކަކީ ވެސް ބޮޑު ހިޓުތަކެކެވެ.
ރޯމިއޯ ޖޫލިއަޓް ގޮތަކަށް ދެތަރިން އުޅުނު ނަމަވެސް އެ ގުޅުމަށް ނިމުމެއް އައީ 2007 ވަނަ އަހަރުއެވެ. މީގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޝާހިދު ބުނީ ކަރީނާ އާ އެންމެ ފުރަތަމަ ދިމާވި ދުވަހުވެސް އޭނާ އަށް ކަރީނާ ކަމުދިޔަ ކަމަށެވެ. ނަމަވެސް ގަޔާވާ ކަމަށް އެންމެ ފުރަތަމަ ބުނީ ކަރީނާ ކަމަށާއި ދެމީހުން ދިމާވިތާ ހަފްތާ އެއް ފަހުން ލޯބީގެ ގޮތުން ގުޅުނީ ކަމަށް ވެސް ޝާހިދު އޭރު ވަނީ ބުނެފައެވެ.
ދެތަރިން އެކުގައި ޖުމްލަ ފަސް ފިލްމު ކުޅުނުއިރު މި ހުރިހާ ފިލްމެއް ވެސް ބެލުންތެރިން ވަނީ ބަލައިގެންފައެވެ. އިމްތިޔާޒް އަލީ 2007 ވަނަ އަހަރު ގެނެސްދިން "ޖަބް ވީ މެޓް" އަކީ ދެތަރިން އެކުގައި ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމެވެ. މި ފިލްމުގެ ޝޫޓިން ކުރިއަށް ދިޔައިރު ވެސް ދެތަރިން އުޅުނީ ގުޅިގެން ކަމަށާއި ދެމީހުން ވަކިވީ ފިލްމުގެ ޝޫޓިންގެ މެދުތެރެއިންނެވެ. ނަމަވެސް ޑައިރެކްޓަަރާ އެއްބަސްވެފައިވާ ގޮތަށް ދެމީހުން ވަނީ މި ފިލްމު ކުޅެ ނިންމާފައެވެ. އަދި މި ފިލްމު އާންމުންގެ މެދުގައި މަގްބޫލުވަނީ ފިލްމުގައި ޝާހިދު އާއި ކަރީނާގެ ލޯބީގެ ވާހަކަ އާއި ފިލްމާ ގުޅޭތީ ކަމަށްވެސް ހަބަރުތައް ބުނެއެވެ. 2009 ވަނަ އަހަރު ނުކުތް ފިލްމު "އުޅްތާ ޕަންޖާބު" ގައި ކަރީނާ އާއި ޝާހިދު ހަރަކާތްތެރިވި ނަމަވެސް ދެމީހުން އެއްކޮށް ފެނިގެންދާ އެއްވެސް ސީނެއް ފިލްމަކު ނެތެވެ. މާނައަކީ މިދެތަރިން އެކުގައި އެންމެ ފަހުން ފިލްމެއް ކުޅުނީ 2007 ވަނަ އަހަރުގައެވެ.
2007 ވަނަ އަހަރު ފޭނުންގެ ހިތް ކުދިކުދި ކޮށްލުމަށް ފަހު ދެމީހުން ވަކިވެގެން ދިޔަ އިރު ޕިންކްވިލާ އިން ބުނީ ކަރީނާ އާއި ޝާހިދު ވަކިވީ ކަރީނާގެ މަންމަ ބަބީތާ އާއި ކަރިޝްމާ ކަޕޫރުގެ ސަބަބުން ކަމަށެވެ. ކަޕޫރު އާއިލާ އަކީ ބޮލީވުޑްގައި ބާރު އޮތްބަޔަކަށްވެ ޝާހިދު ކަހަލަ ތަރިއަކާ ކަރީނާ ގުޅެން އޭނާގެ އާއިލާ އިން ބޭނުން ނުވީ ކަމަށެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުގައި ކަރީނާ، ޝާހިދު ދޫކޮށްލީ އެކްޓަރު ސައިފް ފެނިގެންނެވެ. 2006 ވަނަ އަހަރު ކަރީނާ އާއި ސައިފް "އޯމްކަރާ" ކުޅުނު ފަހުން ކަރީނާ އަށް ސައިފް މާ ކަމުދިޔައީ ކަމަށް ބައެއް ހަބަރުތައް ބުނެއެވެ. އަދި ދެތަރިން 2008 ވަނަ އަހަރު ފެނިގެން ދިޔަ ފިލްމު "ތަޝާން" ގެ ސެޓުން ދެމީހުން ގުޅުނެވެ. އޭގެ ހަތަރު އަހަރުފަހުން 2012 ވަނަ އަހަރު ސައިފް އާއި ކަރީނާ ކައިވެނި ކުރިއެވެ. އެ ކައިވެންޏަށް މިހާރު ދެ ފިރިހެން ކުދިން ވެސް ވަނީ ލިބިފައެވެ.
ކަރީނާ އާ ވަކިވުމަށް ފަހު ޝާހިދުގެ ހިތްކުދިކުދިވެގެން ދިޔައިރު ކަރީނާގެ ފަހުން އޭނާ ގުޅުނު އެކަކާވެސް މާގިނަ ދުވަސްތަކެއް ވަންދެން ގުޅުމެއް ބާއްވާފައެއް ނުވެއެވެ. ބަތަލާ އަށްފަހު ޝާހިދު ޑޭޓްކުރި މީހުންތަކުގެ ތެރޭގައި ވިދްޔާ ބާލަން، ޕްރިޔަންކާ ޗޯޕްޅާ އަދި ސޮނާކްޝީ ސިންހާ ހިމެނެއެވެ. އިވެންޓެއްގެ ތެރެއިން ޝާހިދު އާއި އޭނާގެ މިހާރުގެ އަނބިމީހާ މިރާ ރާޖްޕުތް އާ ދިމާވި އިރު ދެމީހުންގެ ދެމެދުގައި އެއްވެސް ކަހަލަ ލޯބީގެ ގުޅުމެއް ނުހިނގައެވެ. ދެމީހުންގެ އާއިލާ އިން ވެސް ބޭނުންވެގެން ޝާހިދު އާއި މިރާ ކައިވެނި ކުރީ 2015 ވަނަ އަހަރުއެވެ. މިހާރު ދެމީހުންގެ ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ލިބިފައި ވާއިރު ޝާހިދު ބުނަނީ އޭނާ އަށް މިރާ ލިބުމަކީ ބޮޑު ނަސީބެއް ކަމަށެވެ.
ޝާހިދު ވެސް ކަރީނާ ވެސް ދެމީހުން ރުޅިވިފަހުން ފާޅުގައި މީޑިއާތަކުގައި އެކަކު އަނެކަކުގެ ވާހަކަ ދައްކާފައެއް ނުވެއެވެ. އަދި ދެތަރިން އޭގެ ފަހުން އެކުގައި ފިލްމެއް ވެސް ކުޅެފައެއް ނުވެއެވެ. ނަމަވެސް މި ލޯބި ހަގީގީ ދިރިއުޅުމުގައި ކާމިޔާބު ނުވިނަމަވެސް ފިލްމަކުން ނަމަވެސް މިދެތަރިން އެކުގައި އަލުން ފެނިގެންދާން ގިނަ ބަޔަކު އެދެއެވެ. ޝާހިދު އާއި ކަރީނާގެ ލޯބީގެ ވާހަކައަކީ އޭރު ނަން މަޝްހޫރު ވާހަކައެކެވެ. މިއީ ބޮލީވުޑްގެ ކުރީގެ ލޯބި ޖޯޑުތަކުގެ ތެރެއިން ކަރީނާ އާއި ޝާހިދުގެ ވާހަކައެވެ.