ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި ކަސްރަތުކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ވަރަށް ގިނަ މީހުން ހާއްސަ އިސްކަމެއް މިހާރުދޭ ކަމެކެވެ. ދުޅެހެޔޮ ދިރިއުޅުމެއް ހާސިލްކުރުމުގެ މަސައްކަތް ގިނަ މީހުން ފަށާފައިވަނީ ކޮވިޑް-19 އާ ގުޅިގެން އައި ލޮކްޑައުންގެ ތެރޭގައެވެ.
ނަމަވެސް ސިއްހަތަށް ފައިދާހުރި ކާނާ ކެއުމުގައި ވަރަށް ގިނަ މީހުން ވަނީ ހަކުރު ބޭނުންކުރުން މުޅިން ހުއްޓާލާފައެވެ. ތަޖުރިބާކާރު ޑައިޓިޝަނުން ބުނަނީ މިއީ ރަނގަޅު ގޮތެއް ނޫންކަމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް، ވަކި މިންވަރަކަށް ހަށިގަނޑަށް ހަކުރު ބޭނުންވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުން ވަނީ ހަކުރު ކެއުން މުޅިން މަދުކުރަން ހިޔާރުކޮށްފަ އެވެ. އެހެން ނޫންނަމަ ސިއްހީ އެހެން މައްސަލަތައް ވެސް ކުރިމަތިވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ހަރުކަށި ޑައިޓަކަށް އަމަލުކުރާ މީހުން އެއްގޮތަކަށްވެސް ހަކުރު ބޭނުމެއް ނުކުރެއެވެ. ރިފައިންޑް ހަކުރު (އާންމުކޮށް ލިބެން ހުންނަ އާދައިގެ ހަކުރު)ގެ ބަދަލުގައި ފޮނި ރަހަ ހުންނަ މޭވާތައް ޑައިޓުގައި ބޭނުންކުރުމަށް ޑައިޓީޝަނުން ލަފާދެއެވެ.
އާންމުކޮށް ދިވެހިންނަކީ ފޮނި ކާއެއްޗިއްސަށް ލޯބިކުރާ ބަޔަކަށް ވީއިރު، އެކަހަލަ އެއްޗެއް ކާހިތްވުމުން ގިނަ ފަހަރަށް އިހުތިޔާރު ކުރެވެނީ ސިއްހަތަށް އެހާ ފައިދާ ނުވާ ކަހަލަ އެއްޗިއްސެވެ. އޭގެ ބަދަލުގައި، ސިއްހަތަށް ފައިދާހުރި ފޮނި ކާއެއްޗެހިން 'ސްވީޓް ކްރޭވިންގްސް' ފުއްދާލާނަމަ، އޭގެން ކުރާ ފައިދާ މާ ބޮޑުވާނެއެވެ.
ކަދުރު
ނިއުޓްރިޝަނުން މުއްސަނދި، މި މޭވާއިން ހަށިގަނޑުގައި ހަކަތަ އުފައްދައިދެއެވެ. ކަރުދަރަކީ ދަގަނޑު، ފައިބަރު، ޕޮޓޭސިއަމް، ކޮޕަރ، މެގްނީޒިއަމް އަދި ވިޓަމިން ބީ6 އިން މުއްސަނދި ވެފައިވާ އެއްޗެކެވެ. ދުވާލެއްގެ މައްޗަށް 3-4 ކަދުރު ކެއުން ރަނގަޅުކަމަށް ޑައިޓީޝަނުން ބުނެއެވެ.
ރެއިސިން
ރެއިސިންއަކީ އެންޓިއޮކްސިޑެންޓްސް، ދަގަނޑު، ކެލްސިއަމް އަދި ބޯރޯން ކިސްމިސް އިން މުއްސަނދި އެއްޗެކެވެ. މިއީ ވަރުބަލިވުމާއި އަނގަ ހިކުން ފަދަ މައްސަލަތައް ކުރިމަތިވާ މީހުންނަށް ވަރަށް ރަނގަޅު އެހީއެކެވެ. ކޮންމެ ދުވަހަކު އަތުގެ މުށެއް ވަރަށް ރެއިސިން ކެއުން ރަނގަޅެވެ.
ސެސަމޭ
ސެސަމޭއަކީ ވަރަށް ގިނަ ގޮތްގޮތުން ހަށިގަނޑަށް ފައިދާތައް ލިބޭ އެއްޗެކެވެ. އެގޮތުން އިސްތަށި ފޭބުމައި، އެނީމިއާ، ކަށިތައް، އިސްތަށި ނުރަވުން، ޕީރިއަޑް މައްސަލަތައް އަދި ބަނޑުލުން ފަދަ މައްސަލަތަކަށް ސެސަމޭއިން ހައްލުލިބިގެންދެއެވެ. ކެއުމުގައި ގަވައިދުން ސެސަމޭ ބޭނުންކުރާނަމަ، ލޭގެ ހަކުރު ކޮންޓްރޯލްކޮށް، އާތްރައިޓިސްގެ ސަބަބުން ވާ ތަދުތައް ލުއިކޮށް، ކޮލެސްޓްރޯލް ދަށްކޮށްދެއެވެ.
ޑާކް ޗޮކްލެޓް
ރޯ ކަކާއޯ އަކީ ހިތާއި ހޯމޯންތަކުގެ އިތުރުން ހަންގަނޑާއި އިސްތަށިގަނޑަށް ވެސް ފައިދާހުރި އެންޓިއޮކްސިޑެންޓްތައް ލިއްބައިދޭ އެއް ވަސީލަތެވެ. ޑާކް ޗޮކްލެޓަކީ ދަގަނޑު، މެގްނީޒިއަމް، ޒިންކް، ކޮޕަރ އަދި ފޮސްފަރަސް ފަދަ މުހިންމު މިނަރަލްތަކުން ފުރިފައިވާ ޗޮކްލެޓެކެވެ. މި މިނަރަލްތަކުން އިމިއުނިޓީ ފަދަ ކަންކަމަށް އެހީތެރިވެދީ، ކަށިތަކާއި ދަތްތައް ދުޅަހެޔޮސިއްހަތެއްގައި ބެހެއްޓުމަށް އެހީތެރިވެދީ، ނިދުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވެދެއެވެ. ތަޖުރިބާކާރުން ބުނަނީ އިރުޝާދުކޮށްފައިވާ "ޑޯޒް" އަކީ ގާތްގަނޑަކަށް 1-2 އައުންސް ނުވަތަ 30-60 ގްރާމް ކަމަށެވެ. އެއަށްވުރެ ގިނައިން ކާނަމަ، ކެލޮރީޒް މާ ގިނަ ވެދާނެއެވެ.
ފިގް
ކެލްސިއަމް އާއި ޕޮޓޭސިއަމް އެކުލެވިގެންވާ މި މޭވާއަކީ ކަށިތަކާއި އިސްތަށިގަނޑުގެ މައްސަލަތައް ހުންނަ މީހުންނަށް ރަނގަޅު ޗޮއިސްއެކެވެ. މީގެ އިތުރުން ބަލީގެ މީހުންނަށް ވެސް މި މޭވާއިން ހަކަތަ ފޯރުކޮށްދެއެވެ. އާންމުކޮށް އަންޖީރުގެ ނަމުން ނަން ދީފައިވާ މި މޭވާއަކީ މުލްބެރީ އާއިލާއަށް ނިސްބަތްވާ އެއްޗެކެވެ. މިއީ ވަރަށް ފައިދާހުރި މޭވާއެކެވެ. މީގެ ފައިބަރ، ޕޮޓޭސިއަމް، އެންޓިއޮކްސިޑެންޓް މާއްދާއަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް، ހަޖަމުކުރުމަށް އެހީތެރިވެދީ، ބަރުދަން ލުއިކޮށްދިނުމާއި، ބަނޑުހައިހޫނުކަމުން ދުރުކޮށްދީ، ދަރިމައިވުމުގެ މައްސަލަތައް ލުއިކޮށްދީ، ގުނަވަންތައް ވަރުގަދަ ކުރުމަށްވެސް އެހީތެރިވެދެއެވެ. ދުވާލެއްގެ މައްޗަށް 2-4 ފިގް ކެއުމުން ފުދެއެވެ.