ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ އާޖެންޓީނާގެ ލައިނަލް މެސީ އޭނާގެ އާއިލާއާއެކު ސައުދީ އަރަބިއްޔާއަށް މި ހަފްތާގައި ދިޔައީ ކްލަބްގެ ހުއްދައާ ނުލާ ކަމަށް ބުނެ ޕީއެސްޖީއިން އޭނާ ސަސްޕެންޑް ކޮށްފިއެވެ.
ޕީއެސްޖީން މެސީ ސަސްޕެންޑް ކޮށްފައި ވަނީ ދެ ހަފްތާގެ މުއްދަތަކަށެވެ. އަދި މި ދެހަފްތާގައި މެސީއަށް ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވުން ވެސް ވަނީ މަނާކޮށްފައެވެ.
މެސީ ސައުދީއަށް ދިޔައީ މިދިޔަ އާދިއްތަ ދުވަހު ޕީއެސްޖީން ލީގުގައި ލޮރިއެންޓާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުއެވެ. މިމެޗުގެ 90 މިނެޓަށް މެސީ ކުޅުނު ނަމަވެސް އެމެޗުން ޕީއެސްޖީވީ ބައްޔެވެ.
މިދިޔަ އަހަރު އޮތް ފީފާ ވޯލްޑްކަޕް މުބާރާތް އާޖެންޓީނާއަށް ހޯދައިދިނުމުގައިި އިސްރޯލެއް އަދާ ކުރި މެސީ ސައުދީއަށް ދިއުމުގެ ކުރިން ކްލަބްގެ ހުއްދަ ހޯދަން އެދުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް ވިޔަފާރީގެ ބޭނުމަށް ކުރާ މިދަތުރު ދިއުން ކްލަބުން މަނާކުރި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އާޖެންޓީނާގެ ކެޕްޓަން މެސީއަކީ ސައުދީ އަރަބިއްޔާގެ ފަތުރުވެރިކަމުގެ ބްރޭންޑް އެމްބެސެޑަރެކެވެ. އަދި އޭނާއާ މި ހަފްތާގައި އާއިލާއާއެކު ކުރި ދަތުރަކީ މިކަމުގެ މަސްއޫލިއްޔަތުގެ ތެރެއިން ކުރި ދަތުރެއް ކަމަށް ބެލެވެއެވެ.
މިމައްސަލައިގައި ޕީއެސްޖީން މެސީ ޖޫރިމަނާވެސް ކޮށްފައިވާ އިރު މިކަމުގެ ސަބަބުން އަންނަ ސީޒަންގައި ޕީއެސްޖީގެ ޖާޒީގައި މެސީ ނުފެނުމަކީ އެކަށީގެންވާކަމެވެ. މީގެ ދެ އަހަރު ކުރިން ޕީއެސްޖީއަށް ބަދަލުވި މެސީއާ ކްލަބާއި ދެމެދު ހަދާފައިވާ އެއްބަސްވުން މިއަހަރު ހަމަވާ އިރު މި އެއްބަސްވުމުގެ މުއްދަތު އިތުރު ކުރާނެ ކަމުގެ އިޝާރާތެއް މެސީ ނުދެއެވެ.