ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އެކު ތިއްބެވި މެންބަރުންނަށް ފިޔަވަޅު އަޅުއްވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ކާމިޔާބު ނުވާނެކަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް އެނގިވަޑައިގަންނަވާ ކަމަށް، މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މުދަލާއި ހިދުމަތުގެ އަގު ބޮޑުވަމުންދާތީ އެކަން ކޮންޓްރޯލް ކުރަން ގޮވާލާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.

މިގޮތުން އަލީ އާޒިމް ވިދާޅުވީ ސަރުކާރުން ކުރާ އިސްރާފުތަކާއި ކޮރަޕްޝަން އިތުރުވާ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި ދައްކަވާ ކޮންމެ ފަހަރަކު އެއީ ސަރުކާރަށް ޖެއްސުން ކުރަން ދައްކާ ވާހަކައެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާކަމަށެވެ. އަދި އެ ފަދަ ވާހަކަތައް ދައްކާތީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕާ، ޕާޓީގެ ފަރާތުން ފިޔަވަޅު އެޅުމުގެ ވިސްނުންވެސް ގެންގުޅެމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

މެންބަރުންނަށް ފިޔަވަޅު އަޅައި މުގައްރިރު ކަމުން ވަކިކޮށް ކޮމިޓީތައް ބަދަލުކުރުން ފަދަ ފިޔަވަޅުތައް ނާޅާނެ ކަމުގެ ޔަގީންކަން އެބައޮތްކަން ފާހަގަކޮށް އާޒިމް ވިދާޅުވީ އެފަދަ ފިޔަވަޅެއް އަޅައިފިނަމަ ރައީސް ސޯލިހްއަށް ދެވަނަ ދައުރެއް ނުލިބޭނެކަން ޕާޓީގެ ޗެއާޕާސަންއަށް އެގިވަޑައިގަންނަވާކަމަށެވެ.

އެމްޑީޕީން ދެވަނަ ދައުރެއް ހޯދާނަމަ ރައީސް ސޯލިހް ވެ ވަޑައިގެންނެެވި ވައުދުތައް ފުއްދަވަން ޖެހޭކަން ފާހަގަކޮށް އާޒިމް ވިދާޅުވީ މުޅި ޕާޓީ އެއްކޮށް ކުރިއަށް ދެވެން އޮތީ މެންބަރުންގެ ވާހަކަތައްވެސް އަޑުއަހައިގެންކަމަށެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު 'ފުކުރެއްގެ ދިރުން'އަށް ތާއިދުކޮށް، ވިޕާ ޚިލާފަށް ވޯޓު ދެއްވާ އަދި ޕާލަމެންޓްރީ ގްރޫޕްގެ ގަވާއިދަށް އަމަލުނުކުރާ މެންބަރުންނާ މެދު ފިޔަވަޅު އަޅުމަށް ޕާޓީގެ ސެކްރެޓޭރިއަޓަށް ވަނީ ފޮނުވާފައެވެ.