ދިވެހި ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތިން މަޝްރޫއަކަށް އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 2.73 މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަމަޖެހުނު މި ފައިސާއިން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ)ގެ ދަށުން ކުރިއަށް ގެންދާ ދ. ގައްދޫގައި "ސްޕޯޓްސް ކޮމްޕްލެކްސް" ގާއިމުކުރުމުގެ މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ލ. ގަން އިހައްދޫ ސްކޫލް، ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ގދ. ތިނަދޫ އަބޫބަކުރު ސްކޫލުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް (އައިއީއެސް) ޔުނިޓްތަކުގެ މަސައްކަތް އަވަސްކުރުމަށް މި ފައިސާއިން ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެހީގެ ދަށުން ތ. ވޭމަންޑޫގައި 100 މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާ ނިންމުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިންޑިއަން ހައިކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހައިމްޕެކްޓް ޕްރޮޖެކްޓްތަކަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ތަރައްގީގެ ގުޅުމުގެ މުހިންމު ބައެެއް ކަމަށެވެ. މި މަޝްރޫއުތަކަކީ ރަށްރަށުގެ މުޖުތަމައުތަކުގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކެއް ކަމަށް އިންޑިއަން ހައިކޮމިޝަނުންވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ ބަޔާނުގައިވަނީ ހައިމްޕެކްޓް ޕްރޮޖެކްޓްތަކަކީ ސިޓީ އަދި ލޯކަލް ކައުންސިލްތަކުން ހިންގާ މަޝްރޫއުތަކަކަށްވާއިރު މި މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުން އިންތިހާބުކުރާ މަންދޫބުންގެ ގާބިލުކަން އިތުރުވެގެންދާނެކަމަށެވެ. އަދި މި މަޝްރޫއުތަކުގެ ސަބަބުން ދިވެހި ސަރުކާރުން ކުރިއަށްގެންދާ ލާމަރުކަޒުކުރުމުގެ މަސައްކަތަށް އެއްބާރުލުން ލިބިގެންދާނެކަމަށް މި ބަޔާނުގައިވަނީ ބުނެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ 18 މަޝްރޫއެއް ހިންގުމަށް އިންޑިއާއިންވަނީ 106 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައެވެ.