ހެދުންތަކެއް ވަގަށް ނަގައި ހެދުންތަކެއްގެ ޑިޒައިނު ކޮޕީކުރި ކަމުގެ ތުހުމަތު ޓީވީ ތަރި ޕްރިޔަންކާ ޗާހާރް ޗޯދަރީ އަށް ކޮށްފިއެވެ.
ބިގްބޮސް އިން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޕްރިޔަންކާގެ މައްޗަށް ސީރީއަސް ތުހުމަތުތަކެއް ކުރީ ޕްރިޔަންކާގެ ކުރީގެ ފްލެޓްމޭޓް، ޑިޒައިންރު އިޝީތާ ގުޕްތާއެވެ. އިޝިތާ ބުނީ އޭނާގެ އަތުން ގިނަ އަދަދެއްގެ ހެދުން ޕްރިޔަންކާ ވަގަށް ނެގި ކަމަށާއި އަދި އޭނާގެ އަމިއްލަ ޑިޒައިންތަކެއް ވަގަށް ނަގައި އެ ޑިޒައިނުން ހެދުން ފެހި ކަމަށެވެ.
އިޝިތާ ކުރި ޓްވީޓުގައި ބުނީ ޕްރިޔަންކާ އުޅެނީ އޭނާ އަށް ވާންކަމަށާއި އެހެންވެ އޭނާގެ ހެދުން ވަގަށް ނަގައި އޭނާގެ ޑިޒައިންތައް ކޮޕީކުރާ ކަމަށެވެ. 30 ހާސް ޕައުންޑުގެ އަންނައުނު އޭނާ ވަގަށް ނެގި އިރު އެއްވެސް އެއްޗެއް ނުބުނާ ކަމަށާއި ނަމަވެސް ކެތްނުވެގެން އެންމެފަހުން ބުނީ ކަމަށެވެ. ނަމަވެސް އިޝިތާގެ އެ ޓްވީޓް އޭނާ ވަނީ ފަހުން ޑިލީޓްކޮށްލާފައެވެ. އޭނާ ބުނީ މުމްބާއީ ފުލުހުންނަށް އެ މައްސަލަ ހުށައަޅަން ނިންމާފައިވާ ކަމަށެވެ. މިވަގުތު ހުރީ އިންޑިއާއިން ބޭރުގައި ކަމަށާއި އެނބުރި ގައުމަށް ގޮސް އެ މައްސަލަ ފުލުހަށް ހުށައަޅާނެ ކަމަށްވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.