ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ފެނަށް ޖެހިފައިވާ ގދ. ހޯނޑެއްދޫ އަށް ފެނަކަ ކޯޕަރޭޝަނުން 20 ޓަނުގެ ފެން ހަދިޔާ ކޮށްފިއެވެ.

ފެނަކައިން އިއްޔެ ހޯނޑެއްދޫ އަށް 20 ޓަނުގެ ފެން ހަދިޔާ ކޮށްފައި ވަނީ މިއަހަރުގެ މާޗް މަހުން ފެށިގެން އެ ރަށަށް ބޯފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެ ފެނަކައިގެ އެހީއަށް އެދުމުންވެސް ފެނުގެ މައްސަލައެއް ހައްލެއް ލިބިފައި ނުވާތީ ހޯނޑެއްދޫ ކައުންސިލުން ބޯފެން ފޯރުކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައި ވަނިކޮށެވެ.

ފެން ހަދިޔާ ކުރަން ހުޅުވާލުމުން ހެޔޮ އެދޭ ފަރާތްތަކުން ފެން ހަދިޔާ ކޮށްފައިވާއިރު ހޯނޑެއްދޫ ކައުންސިލުން ބުނީ އެ ފެންތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. މީގެ އިތުރުން އެ ރަށު ކައުންސިލުން ބުނީ އިއްޔެ ފެނަކައިން ހަދިޔާކުރި 20 ޓަނު ފެނާއެކު، ފެނުގެ މައްސަލައަށް މިހާރު ހައްލެއް ލިބިފައިވާ ކަމަށެވެ.

ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ އެ ރަށުގެ ގޭގެ އާއި އާންމު ފެންތާނގީތަކުން ފެން ހުސްވުމުން ދެން ބޭނުން ކުރީ ފެނަކައިގެ ބެލުމުގެ ދަށުގައި ހުރި ވާރޭ ފެން ސްޓޯރޭޖްގައި ހުރި ފެންކަމަށެވެ. އަދި ރޯދަމަހު ކުރީކޮޅު އެ ސްޓޯރޭޖުންވެސް ފެން ހުސްވުމާ ގުޅިގެން ދެން ފަހުން ކައްކަން ބޭނުން ކުރީ މިސްކިތު ވަޅުން ފެން ނަގައިގެން ކަމަށެވެ.