ނިޔަފަތި ކެއުމަކީ ނުވަތަ ދަތުން ނިޔަފަތި ކެނޑުމަކީ ކުޑަ އިރުންސުރެއް ކަށީގައި ހިފާފައި ހުންނަ އާދައެކެވެ. ވަކި އުމުރެއްގައި ބައެއް މީހުންނަށް މިކަން ހުއްޓުނަސް އަނެއްބައި މީހުންނަށް މިކަން ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ގިނައިން ނިޔަފަތި ކަނީ އުމުރުން 17 އަހަރައި 35 އަހަރާ ދެމެދުގެ މީހުންނެވެ. އަދި ނިޔަފަތިކާ މީހުންގެ ތެރެއިންވެސް ފިރިހެނުންނަށްވުރެ ގިނައިން މިކަން ކުރަނީ އަންހެނުން ކަމަށް ވެއެވެ.
ނިޔަފަތި ކެއުމަކީ ބައެއް މީހުން ފޫހިވީމާ ނުވަތަ ކަމަކާ ކަންބޮޑުވާ ވަގުތުތަކުގައި އާންމުކޮށް ކުރާ ކަމެކެވެ. ބައެއް ކުދިންނާއި މީހުނަށް ނިޔަފަތި ކެއުމުން ހިތްހަމަޖެހުން ލިބެއެވެ. މީގެ އިތުރުން ހަޔާތުގަ ދިމާވާ ކަމެއްގެ ސަބަބުން އެކަމާ ވިސްނަމުން ގޮސް ނިޔަފަތިތައް ކެވޭ މީހުންވެސް އުޅުއެވެ. އަދި ކަމެއް ނުކޮށް އިންނަ ގަޑީ ހިޔާލުގައި ކުރެވޭކަންތަކުގެ ތޭރޭގައި މި އާދަ އަށަގަނެފައިވެއެވެ.
ސިއްހީ ގޮތުން ގެއްލުން!
ނިޔަފަތި ކާ މީހުންނަކީ ސްމާޓް އަދި ވަރަށް ޕާފެކްޝަނިސްޓުން ކަމަށް ދިރާސާތަކުން ދެއްކި ނަމަވެސް ހަގީގަތުގައި މިއީ އެކަމުގެ ސަބަބުން ސިއްހަތަށް ވެސް އެތައް ގެއްލުމެއް ހުރި ކަމެކެވެ.
ނިޔަފަތި ކެއުމުގެ ސަބަބުން ތަފާތު ޖަރާސީމުތައް އުފެދި ހަށިގަނޑުގައި ތަފާތު އިންފެކްޝަންތައް އުފައްދައިދެއެވެ. މިގޮތުން އެންޓެރޯބެކްޓީރިއޭސިއާ ޖަރާސީމަކީ އިންސާނާގެ ހަށިގަނޑަށް ފެތުރިގެން ގޮސްދާނެ ބެކްޓީރިއާއެކެވެ. އާންމު ގޮތެއްގައި މި ބެކްޓީރިއާއަކީ އިންސާނާގެ ހަމުގައްޔާއި ގަސްގަހުގައްޔާއި ވެލިގަނޑުގައްޔާއި ފެން އަދި ޖަނަވާރުންގެ ގައިގައި ދިރިއުޅޭ ބެކްޓީރިއާއެކެވެ.
ނިޔަފަތި ކެއުމުގެ ތެރެއިން މިފަދަ ބެކްޓީރާއެއް ހުރިތަނެއްގައި އިނގިލި ޖެހި އަނގައަށް އިނގިލި ލެވިއްޖެނަމަ މިބެކްޓީރިއާ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ފެތުރުމުގެ ފުރުސަތު ބޮޑެވެ. މި ބެކްޓީރިއޭސިއާގެ ސަބަބުން ލޮލުގައި އަދި ހަމުގައި އިންފެކްޝަން އުފެދެއެވެ. މީގެ އިތުރުން ލޭގައި ބެކްޓީރިއާ އިންފެކްޓް ވުމާއި، ނިއުމޯނިއާއި ހީނުކުރާހާ ފަދަ ތަފާތު ސިއްހީ ބޮޑެތި މައްސަލަތަކާއި ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
ހަމައެއާއެކު ނިޔަފަތި ކެއުމަކީ ތިމާގެ ދަތްޕިލާގެ ބައްޓަމަށް ބަދަލު އަންނަ އަންނަ ކަމެކެވެ.
ހުއްޓާނީ ކިހިނެތް؟
ނަޔަފަތި ކެއުމަށް އޮތް އެންމެ ރަގަޅު ހައްލަކީ އަބަދުވެސް ކުރުކޮށް ޝޭޕަށް ނިޔަފަތި ކަޑާފައި ބެހެއްޓުމެވެ. އަބަދުވެސް ކުރުކޮށް ނިޔަފަތި ކަނޑާފައި ބަހައްޓާނަމަ އަނގައިން ކަނޑާނެ އެއްޗެއް ނޯންނާނެއެވެ.
މީގެ އިތުރުން ނިޔަފަތި ކެއުން ހުއްޓުމަށް އަބަދު ވެސް އަނގައިތެރެ ބިޒީކޮށް ބަހައްޓާށެވެ. ޗުވިންގަމްއެއް ނޫނީ ސިއްހަތަށް ގެއްލުން ނުލިބޭ ނަޓްސްއެއް ކެއުމުގައި ވަގުތު ހޭދަ ކުރާށެވެ. ހަމައެހެންމެ އަބަދުވެސް އަތުގައި ސްޓްރެސް ބޯލް، ގަލަން ފަދަ ތަކެތި ގުންގުޅޭށެވެ. އޭރުން އަތުން އަބަދުވެސް ކޮންމެވެސް މަސައްކަތެއް ކުރަން ޖެހުމުގެ ސަބަބުން ނިޔަފަތި ކެއުމަށް ލިބޭ ފުރުސަތު ކުޑަވެގެންދާނެއެވެ.