ހދ. ކުމުންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތާއި ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަރަކްޗާގެ ފަރާތުން މި އެއްބްސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގުއެވެ.

ހދ. ކުމުންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 45،760 ކިއުބިކް މީޓަރު ސަރަހައްދެއްގައި އައު ހާބާ ބޭސިން ފުންކުރުމާ، 300 މީޓަރު ސަރަހައްދެއްގައި ބޭރު ތޮށިލުމާ، 40 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރު ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

މީގެ އިތުރުން 330 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމާ، މޫރިން ބޮއިސް ހަރުކުރުމާ، މިހާރު ހުރި އެއްގަމުތޮށީގެ 154 މީޓަރު ސަރަހައްދެއް މަރާމާތުކުރުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން 11 މީޓަރު ފުޅާ 11 މީޓަރު ދިގު ރޭމްޕެއް ހެދުމާ، 120 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރިޓް ޖެޓީއެއް ހެދުމާ، ބަނދަރު ބައްތި ހަރުކުރުމާ، 537.62 މީޓަރުގެ ކާބް ހަރުކުރުމާ، 5252.30 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭމެންޓް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީ އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 570 ދުވަސް ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރުއުގެ ޖުމްލަ އަގަކީ 66.08 މިލިއަން ރުފިޔާއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމަށް ފަހު ކަމަށެވެ.

ރ.ކިނޮޅަސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން 19780 ކޮޑިމީޓަރު ބިން ހިއްކުމާއި، ރަށުގެ އިރު އަދި ހުޅަނގު ފަރާތު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން 320 މީޓަރާ 330 މީޓަރުގެ ޖިއޯ-ބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ 12.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.