ޒުލޭހާ އާ ހަތަރުކަޅި ހަމަކޮށްލި އިރު ނޫރާގެ ދެލޯ ބޮޑުވެގެން ދިޔައީ މަންމަ އެފަދަ ސުވާލެއް ކުރުމުންނެވެ. މަންމަ ކުރި ސުވާލަށް ޖަވާބު ދެމުން އޭނާ ދެއަތަށް ބޯ ހޫރާލިއެވެ. "މައި އެކަނި ބާއްވާފަ ކިހިނެއް ދެމީހުން އަންނާނީ... މުނާޒްވެސް އެބަ އޮތް ނިދާފަ... އަސްލު މި އައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންށޭ..."
މަންމަ ބުނާނޭ އެއްޗަކަށް ބެލުމެއް ނެތި ނޫރާ އޭނާގެ ފޯނުގެ ސްކްރީން އޮންކޮށްލުމަށް ފަހު އޭގެން އެއްޗެއް ހޯދަން ފެށިއެވެ. ނޫރާގެ ހަރަކާތްތައް ހުރި ގޮތުން އެހާ ހެނދުނާ ނޫރާ އެއައީ ކީއްވެކަން ޒުލޭހާއަށް ނަގައިގަންނަށް އެނގުނެވެ.
"ތި އުޅެނީ ޒޫނާއަށް ދިން ޗެކާ ބެހޭ ގޮތުން ވާހަކަ ދައްކަން ދޯ... މަންމަ އެކަމާ ރުޅި އައީހެން ހީވެގެން ދެރަ ވެފަތަ ތިހުރީ... އަސްލު ޒޫނާ އެ އުޅޭ ގޮތުން އެއީ ބޭކާރު ކަމެކޭ މަންމަ ބުނީ... ދަރިފުޅު ދޭ ހިތުން ދޭ އެއްޗެއް ދިނަސް މަންމަގެ މައްސަލައެއް ނެތޭ.."
ޗެކް މައްސަލައިގައި ރޭ ނޫރާއަށް ގުޅާފައި ކިޔުނު އެއްޗިހި ހަނދާންވުމުން ޒުލޭހާ ވާހަކަ ދެއްކީ ލޯތްބާ އެކު ނޫރާ ހިތްހަމަޖައްސާށެވެ. ނޫރާ ދެރަވެ މާޔޫސްވެފައި އެ ހުރީ އެކަމާ ކަމަށް ޒުލޭހާއަށް ހީވުމުން އޭނާއަށް އެ ޗެކް ޒޫނާއަށް ދިނަސް އެންމެ ރަނގަޅު ކަމަށް ބުންޏެވެ. ޒުލޭހާ ވާހަކަ ދައްކަމުން ދިޔަ އިރު ނޫރާ އިނީ ފޯނު ހާވާށެވެ. އޭނާއަށް މަންމަ ދައްކަމުން ދިޔަ ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނުދީ އިނުމުން އަނެއްކާވެސް ޒުލޭހާ ވާހަކަ ދެއްކިއެވެ.
"އެހެންވެ ދޯ ތި އައީ ވާހަކަ ދައްކަން.... މި ގަޑީ ޒޫނާ ވެސް ނިދާފަ އޮންނާނެ ކަން އިނގޭތީ ދޯ މި ގަޑީ ތި އައީ..."
ނޫރާ ފޯނު ހަވާމުން ގޮސް އޭނާގެ ހަރަކާތްތައް މަޑު ޖެހުނެވެ. އެއާއެކު ފޯނުގެ ސްކްރީނަށް އިރުކޮޅަކު ބަލަން އިނުމަށް ފަހު އެ ދެމީހުންގެ ދެމެދުގައި ހުރި ވަށް މޭޒު މަތީ ފޯން ބާއްވަމުން މަންމަ ގާތަށް ފޯނު ޖައްސާލީ އެ ސްކްރީނަށް ބަލާށޭ ބުނާ ފަދައަކުން ޒުލޭހާގެ މޫނަށް ބަލާލަމުންނެވެ.
ދެ ލޯ ހަނިކޮށްލަމުން ޒުލޭހާ އެ ފޯނު ނަގާ ސްކްރީނަށް ބަލާލީ ނޫރާ އެ ދައްކަން އުޅޭ އެއްޗެއް ބެލުމަށް ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ. ޒުލޭހާއަށް ފެނުނު މަންޒަރާ އެކު މާ ގިނަ އަރަކު އެ ފޯނު ހިފަހައްތައިގެން ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. ފޯނު މޭޒުމަތީ ބާއްވަމުން ނޫރާއާ ދިމާއަށް ބަލާލި އިރު ޒުލޭހާގެ މޫނު މަތިން ރުޅިވެރި ކަމުގެ ކުލަތައް ފާޅުވާން ފަށައިފިއެވެ.
"ކީއްކުރަން މަށަށް ތި ދައްކަނީކީ؟... މަށެއް ނޫޅެއް ތި ބަލާކަށް... ތި ދޭބަލަ ޒޫނާ އަށް ދައްކަން..." ފޫހި ވައްތަރެއް މޫނު މައްޗަށް ޖައްސަމުން ޒުލޭހާ ކުދި ކިޔަން ފެށިއެވެ.
"މިކަން ރަނގަޅަށް ބަލާބަލަ އެއަށް... މި ވާހަކަ ދެއްކޭނީ އޭރުން ދޯ..." ނޫރާ އަނެއްކާ ވެސް ފޯނު މަންމަ ގާތަށް ކޮއްޕާލިއެވެ. ފުސް މޫނު ހަދައިގެން ހުރެ ޒުލޭހާ ފުން ނަޒަރަކުން ނޫރާއާ ދިމާއަށް ބަލާލީ އޭނާގެ ދަރިފުޅު ދައްކަން ބޭނުންވެގެން އުޅޭ އެއްޗެއް އޭނާއަށް ނޭނގުނީމައެވެ.
ފޯނު ނަގާ އަނެއްކާ ވެސް ސްކްރީނަށް ޒުލޭހާ ބާލާލިއެވެ. ނޫރާ ދައްކަނ އެ އުލެނީ ކޮން އެޗެއްބާވައޭ ޒުލޭހާގެ ހިތަށް އރިއެވެ. އޭނާއަށް ކުރިން ފެނުނު މަންޒަރު ނޫން އިތުރު މަންޒަރެއް އެއަކުން ނުފެނުނެވެ. މި ފަހަރު ނޫރާ ކުރިއަށް ޖެހިލަމުން ފޯނުގެ ސްކްރީންގައި ދެ އިނގިލި ކުރި ޖައްސާލަމުން ސްކްރީން ޒޫމް ކޮށްލިއެވެ. އަދި އޭނާ މަންމައަށް ދައްކަން ބޭނުންވާ ތަންކޮޅު ކައިރިކޮށްލަމުން ބަލާލަން އެދުނެވެ.
މި ފަހަރު އެ ސްކްރީނަށް ބަލާލި ޒުލޭހާއަށް ކަމެއް ފާހަގަވިއެވެ. އެއާއެކު ދެލޯ ބޮޑުކޮށްލަމުން ހައިރާންކަމާއެކު ނޫރާގެ މޫނަށް ބަލާލިއެވެ. ޒުލޭހާގެ މޫނުމަތިން ފާޅުވަމުން ދިޔަ ހައިރާންކަމުގެ ނިވަލުގައި އެތައް ސުވާލެއް ފޮރުވިފައިވާ ކަން ދެނެގަންނަން ނޫރާއަށް އެނގުނެވެ. އެއާއެކު ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދޭންވީ ވަގުތު އައިސް ޖެހުނީކަން އެނގުމުން ފުންނޭވާއެއް އެތެރެކޮށްލަމުން މަންމަގެ މޫނަށް އޭނާ ބަލާލީ އެ ދުވަހުގެ ވާހަކަތައް ކިޔައިދޭން ހިތްވަރު ކުރަމުންނެވެ.
*** *** *** *** *** ***
ފޮތްތައް ހިފައިގެން ގެއިން ނިކުތް ނޫރާ ލިފްޓާ ދިމާއަށް ހިނގާފައި ދިޔައީ އޭނާގެ އިންތިޒާރުގައި ތިރީގައި ޒޫނާ އިންނާނެ ކަން އެނގޭތީއެވެ. ލިފްޓް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ހުއްޓާ މިޒޫ ގުޅަން ފެށުމުން ފޯން ނަގާ ނޫރާ ކަންފަތުގައި ޖަހާލިއެވެ. މިޒޫ ދައްކަމުން ދިޔަ ވާހަކައިން ނޫރާއަށް ލިބުނީ ހައިރާން ކަމެކެވެ. އެއީ ހަގީގަތެއް ބާވައޭ ނުވަތަ ހުވަފެނެއް ބާވައޭ އެ ވަގުތު ނޫރާ ހިތަށް އެރިއެވެ. އެގެއަށް އެބަ ދަން ކަމަށް ބުނެ ފޯން ކަނޑާ ނުލެވެނީސް އޭނާ ހުރި ފަންގިފިލާއަށް ލިފްޓް އައިސް އޭގެ ދޮރު ހުޅުވިއްޖެއެވެ.
ލިފްޓަށް އަރަން ކުރިއަށް އެޅި ފިޔަވަޅު މަޑުޖެހުނީ ލިފްޓް ތެރޭ ނުބައި ޒާތަކަށް ހެވި ދިލިފައި ހުރި އަޖޫ ފެނުމުންނެވެ. އަޖޫއަށް ފިލަން ގެއަށް ގޮސް ވަންނާކަށް ނޫރާއަކަށް ނުކެރުނެވެ. މަންމަ މި ވަގުތު ގޭގައި އުޅޭތީ އޭނާގެ ހަޔާތުގެ ޑްރާމާ މަންމައަށް އަންގާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާއަށް މަޖުބޫރުވީ އެ ލިފްޓަށް އަރާށެވެ. ހުޅުވިފައިވާ ލިފްޓްގެ ދޮރު ލެއްޕުނަ ނުދީ ހިފަހައްޓައިގެން ހުރި އަޖޫއާ ދިމާއަށް ވަށްކަޅިން ބަލާލަމުން ނޫރާ އެ ލިފްޓަށް އެރީ ޖެހިލުންވެ ހުރެއެވެ.
ތިރިއަށް ދާން ލިފްޓަށް ފިތާލަމުން ލިފްޓުގެ ކަނަކަށް ނޫރާ ވަދެ ހުރީ އަޖޫ އާއެކު ކުޑަ ގޮޅިއެއް ވަރުގެ ލިފްޓުތެރޭ ހުންނަން ޖެހުމުން އޭނާއަށް އިހްސާސްވަމުން ދިޔަ ހާސްކަމުން ދުރުވާން މަސައްކަތް ކުރަމުންނެވެ. މެއާ ލައި އޭނާ ހިފަހައްޓައިގެން ހުރި ފޮތްތައް ބާރުކޮށްލަމުން އިސް ޖަހައިގެން ހުރީ އަޖޫގެ މޫނަށް ބަލަން ބޭނުން ނުވާތީއެވެ. އެއާއެކު އެ ލިފްޓް ހުއްޓި ދޮރު ހުޅުވިއްޖެއެވެ. ތިރިއަށް އާދެވުނީ ކަމަށް ހީކޮށް ނޫރާ އެ ލިފްޓުން ނިކުންނަށް އުޅުނު އިރު އެއީ ގްރައުންޑް ފްލޯ ނޫން ކަން އެނގުމުން ލިފްޓު ހުރި ހިސާބު ބަލާލަން އޭނާ އަވަސްވެގަތެވެ.
އަށް ވަނަ ބުރި ކަމުން ނޫރާ ދެން ބަލާލީ އެ ލިފްޓްގެ ފިއްތައް ހުރި ދިމާއަށެވެ. އަޖޫ ހުރީ އެ އިމާރާތުގެ ހުރިހާ ބުރިއަކަށް ދީފައިވާ ނަންބަރުތަކަށް ފިތާފައެވެ. އެހެންކަމުން ނޫރާ ކުރިއަށް ފިޔަވަެއް އަޅާލީ އެ ނަންބަރުތައް ކެންސަލް ކުރަން ފިތްތަކަށް ފިތާށެވެ. ނަމަވެސް އޭނާ ކުރިއަށް ދިއްކުރި އަތް އެއިން ފިތެއްގައި ނުޖެހެނީ އަޖޫ އޭނާގެ އަތުގައި ހިފެހެއްޓިއެވެ.
ސިހުމެއް ލިބުނު ނަމަވެސް ނޫރާ އަޖޫއާ ދިމާއަށް ބަލައިވެސް ނުލައި މަސައްކަތް ކުރަމުން ދިޔައީ އަޖޫގެ ވަކިތަކުން ސަލާމަތް ވޭތޯ އެވެ. ނޫރާގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފަހައްޓައިގެން ހުރި އަޖޫ ނޫރާ ކައިރިއަށް ޖެހިލަމުން ކަނދުރާ ދަށަށް ގުދުވިއެވެ. ހާސްވެ ދާހިތްލަމުން ދިޔަ ނޫރާ ސަލާމަތްވާން ހަދާނެ ގޮތަކާ މެދު އޭރު ވިސްނަމުން ދިޔައެވެ.
އަނެއްކާވެސް އެ ލިފްޓްގެ ދޮރު ހުޅުވިއްޖެއެވެ. މިފަހަރު އެ ހުޅުވުނީ ހަތްވަން ފަންގިފިލާއަށެވެ. އެ ދޮރު ހުޅުވުމަށްފަހު ލެއްޕެން ދެން އަޖޫ ނޭވާ ހިފަހައްޓާލައިގެން ހުރީ ނޫރާ ހުށިޔާރުވެ އަޑުގަދަ ކޮށްފާނެތީއެވެ. ނަމަވެސް ނޫރާއަށް ހަޅޭއްލަވައިގަންނާކަށް ނުކެރުނެވެ. އެގޭގައި އުޅޭ ކޮންމެ ބަޔަކަށް ވެސް ނޫރާމެންގެ އާއިލާ އެނގޭނެއެވެ. އަދި އެއިން މީހަކަށް އަޖޫ އޭނާއަށް ކުރާ އުނދަގޫ އެނގިއްޖިއްޔާ އެ ވާހަކަ މަންމަ އާ ހަމައަށް ދާކަށް މާ ގިނަ އިރެއް ނުވާނެއެވެ. މަންމައަށް އަޖޫގެ ކަންތައް އަންގަން ބޭނުންނުވާތީ ނޫރާއަށް ހިމޭނުން ހުންނަން މަޖުބޫރު ވިއެވެ.
ލިފްޓް އަނެއްކާވެސް ތިރިއަށް ދާން ފެށުމުން ނޫރާގެ ކަންފަތް ދަށަށް ގުދުވެގެން އޮތް އަޖޫ ވާހަކަ ދެއްކިއެވެ. "އަދި ބުނެ ބަލަ އެއްފަހަރު... މަމި ހުރީ ކުރިމައްޗަށް އައިސް ސީދާ ނޫރާ ދުލުން އެ ވާހަކަ ބުނާ އަޑު އަހަން..."
ރުޅިވެރިކަމާއެކު އަޖޫގެ މޫނަށް ބަލާލަން ނޫރާ މޫނު އަނބުރާލިއެވެ. އެވަގުތު އަޖޫ ކުޑަށް ބޯ އަރިކޮށްލަމުން ނޫރާގެ މޫނަށް ބަލާލީ ވިހަ ހިނިތުންވުމަކާ އެކީގައެވެ. އެ މޫނު މަތިން ހިތާމައިގެ ކުލަވަރެއް ނޫރާއަކަށް ނުފެނުނެވެ. ފެންނަމުން ދިޔައީ ނުލަފާކަމާއި ނުބައިކަމެވެ.
"ބުނެފިން ދޯ ދެން މި ނިމުނީ އޭ... އަހަރެން އަޖޫއާ އެކީ އުޅޭކަށް ބޭނުމެއް ނޫނޭ..." ހިތްވަރުކޮށްފައި ނޫރާ ފޯނުން ބުނި ވާހަކަތައް އަނެއްކާވެސް ތަކުރާރުކޮށްލީ ސީދާ އަޖޫގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ. އެއާއެކު އޭނާގެ ތުންފަތްމައްޗަށް ވެރިވެފައިވާ ހިނިތުންވުން ފިަނޑުވެގެން ގޮސް ގެއްލިއްޖެއެވެ. މިހާރު އެ މޫނުމަތިން ފާޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
- ނުނިމޭ -