"މަޑުމަޑުން އަހަރެންގެ ދިރިއުޅުމުގައި ތިބި މީހުން އަހަރެންގެ ކައިރިން ދުރަށް ދިޔަ. މަޑުމަޑުން އެންމެންގެ މަތިން އަހަރެން ފޫހިވެ އެންމެންނަށް ކުރާ އިތުބާރު ގެއްލުނު. މި ކަހަލަ އިހުސާސެއް ދުވަހަކުވެސް ކުރިންތަ؟ އެންމެ ގާތުގައި އުޅޭ މީހުންނަށް އެންމެން ވެސް އިތުބާރު ކުރާނެ. އިތުބާރާ ނުލައި ދިރިއުޅުމެއް ނޫޅެވޭ. އެއީ އަހަރެންނަށް ވީ ގޮތް،" މަޝްހޫރު "ޓައިމް" މެގަޒިންގެ ބޭރުގަނޑަށް އެރި ފުރަތަމަ އިންޑިއާ އަށް ނިސްބަތްވާ ބަތަލާ ޕަރްވީން ބާބީ އޭނާގެ އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.
1954 ވަނަ އަހަރު އުފަންވި ޕަރްވީން ބާބީ އަކީ ބޮލީވުޑްގައި ވަރަށް ގަދައަށް ފިޔަޖަހާލި ބަތަލާއެއް ވެސް މެއެވެ. އިންޑިއާގެ ފިލްމީ ތަރިންގެ ހެދުން އެޅުމުގެ ވައްޓާފާޅި ހުޅަނގުގެ ފެޝަންތަކަށް ބަދަލުކޮށްލި ހުނަރުވެރި ބަތަލާ ޕަރްވީން އަކީ އޭނާގެ މަސައްކަތުގެ މާހައުލުގައި ކިތަންމެ ކާމިޔާބު މީހެއް ނަމަވެސް އަމިއްލަ ދިރިއުޅުމުގައި ވަރަށް އެކަނިވެރިކޮށް ދިރިއުޅުނު މީހެކެވެ.
މުސްލިމް އާއިލާއަކަށް އުފަންވި ޕަރްވީން ބާބީ އަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިފުޅުވެސް މެއެވެ. މައިންބަފައިންގެ އުމުރުން ވަރަށް ދުވަސްވީ ފަހުން ދެމަފިރިންނަށް ޕަރްވީން ލިބުމުގެ ސަބަބުން މައިންބަފައިންނާއި ޕަރްވީން އެހާ ގާތެއް ނޫނެވެ. މަތީ ތައުލީމް ހާސިލްކުރުމަށް އެހެން ސިޓީ އަކަށް ދާން މައިންބަފައިންގެ ގާތު ބުނެ ޕަރްވީން ފައިތިލަ ސާބިތުކޮށްލީ ބޮލީވުޑްގައެވެ.
ނަވާރަސަތޭކަ ހަތްދިހަ ތިންވަނަ އަހަރު "ޗަރިތްރާ" އިން ފިލްމީ ދުނިޔެއަށް ލޯ ހުޅުވައިލި ޕަރްވީން މަޝްހޫރުވެގެން ދިޔައީ 1975 ވަނަ އަަހަރު އޭނާ ކުޅުނު ފިލްމު "ދީވާރް" އިންނެވެ. "ބޯލްޑް އެންޑް ބިއުޓިފުލް" ގެ ލަގަބު ލިބުނު ޕަރްވީން ވަނީ ފިލްމީ އިންޑަސްޓްރީގައި ނުވަ އަހަރު ދުވަސް ވަންދެން މަސައްކަތް ކޮށްފައެވެ. ބޮލީވުޑްގައި ނަން މަޝްހޫރުވުމަށް ފަހު ޕަރްވީން އެންމެ އިސްކަމެއް ދިނީ އޭނާގެ ހަޔާތަށް ބައިވެރިއަކު ހޯދުމަށެވެ. އުމުރުން ދުވަސްވުމުން ދަރިން ހޯދަން ބޭނުންނުވެ އުމުރުގެ ކުރީ ކޮޅު މީހަކާ ގުޅި ދަރިން ހޯދަން އޭނާ ބޭނުންވިއެވެ. އެގޮތުން ޕަރްވީން ވަނީ ނަން މަޝްހޫރު ތިން ތަރިއަކާ ލޯބީގެ ގޮތުން ގުޅިގައެވެ. އެއީ ޑެނީ ޑެންޒޮޕާ، ކަބީރް ބޭދީ އަދި ޑައިރެކްޓަރު މަހޭޝް ބަޓް އެވެ. މަހޭޝް ބަޓް އަކީ ކުޅަދާނަ ބަތަލާ އާލިއާ ބަޓްގެ ބައްޕަވެސް މެއެވެ. މި ތިން މީހުންވެސް ޕަރްވީން ސިފަކުރީ އެމީހުންގެ ހަޔާތަށް އައި ބިރުވެރި ލޯބި ހުވަފެނެއްގެ ގޮތުގައެވެ.
މި ތިން މީހުންނަށް ވެސް ޕަރްވީން އާއެކު ކައިވެންޏަކާ ހަމައަށް ނުދެވުނީ އޭނާގެ އުޅުން ހުރި ގޮތުން ކަމަށް އެމީހުން ބުނެފައި ވެއެވެ. ޕަރްވީން އަށް ނަފްސާނީ މައްސަލަތަކެއް ދިމާވެ، ސްކިޓްސަފްރޭނިއާގެ ޝިކާރައަކަށް ވެގެން ދިޔައެވެ. ނަމަވެސް އެ މައްސަލަ ހުރިކަމަށް ޕަރްވީން އެއްބަހެއް ނުވިއެވެ. އޭރުވެސް އޭނާ ބުނަމުން ދިޔައީ އޭނާ އަކީ ސިކުނޑި ސަލާމަތުން ހުރި މީހެއް ކަމަށާއި ބޮލީވުޑުން އޭނާ ދުރުކުރަން މަސައްކަތް ކޮށް، އޭނާ އަގުވަށްޓާލަން އުޅެނީ ކަމަށެވެ. މީހުން އެގޮތަށް ގަބޫލު ކުރުމުން ޕަރްވީން ދައްކާ ވާހަކަ އަޑުނާހާނެ ކަމަށާއި އަސްލު ފިލްމު އިންޑަސްޓްރީގެ ބޮޑުންގެ ބޭނުމަކީ އެމީހުން ކުރި ކުށްތައް ފޮރުވުން ކަމަށް ވެސް ޕަރްވީން ބުނެފައި ވެއެވެ. އޭނާގެ އެ ސްޓޭޓްމަންޓާއެކު ބޮލީވުޑްގެ ގިނަ ރަހުމަތްތެރިންތަކެއް އޭނާ އާ ދުރަށް ދިޔައެވެ. އާއިލާ އާއި ގާތް މީހުންވެސް އޭނާ އާ ދުރަށް ދިޔައެވެ. އަނެއްކާވެސް ޕަރްވީން އެކަނިވެރި ވިއެވެ. އޭގެ ސަބަބުން ޕަރްވީން ވަނީ 1983 ވަނަ އަހަރު ފިލްމީ ދާއިރާ އާ އަލްވަދާއު ކިޔާފައެވެ.
ނުވަ އަހަރު ދުވަސްވީ ފިލްމީ ކެރިއަރުގައި ޕަރްވީން ވަނީ 19 ފިލްމަށް ވުރެ ގިނަ ފިލްމު ކުޅެފައެވެ. އޭނާ ކުޅުނު އައިކޮނިކް ފިލްމުތަކުގެ ތެރޭގައި "ނަމަކް ހަލާލް"، "ކާލިއާ"، "ޝާން" އަދި "ދީވާރް" ހިމެނެއެވެ.
ޕަރްވީން އާއި ޑެނީ ޑެންޒޮންގްޕާގެ ގުޅުމުގެ ވާހަކަ
ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި އެކްޓަރު ޑެނީ ބުނީ ޕަރްވީން އާ އޭނާ ލޯބީގެ ގޮތުން ގުޅުނުއިރު ޕަރްވީންގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ހަތަރު އަހަރު ދުވަސް ވަންދެން އެކުގައި އުޅުނުއިރު އެ ދުވަސްތަކަކީ އޭނާގެ ހަޔާތުގައި ވަރަށް އުފާވެރި އަދި ބިރުވެރި ދުވަސްކޮޅެއް ކަމަށް ބުންޏެވެ. ރަށްޓެހިވިތާ ދެ އަހަރުދުވަސް ވީއިރު ޕަރްވީންގެ ކިބައިން އާދަޔާ ހިލާފު ކަންތައްތަކެއް ފެނިގެން ދިޔަ ކަމަށާއި އެއީ ސްކިޓްސަފްރޭނިއާ ކަމަށް ދެނެގަނެވުނު ކަމަށެވެ. ދެމީހުންވެސް ދުރުވީ އެކަކު އަނެކަކާ ވާހަކަ ދައްކައިގެން ދެމީހުން އެއްބަސްވެގެން ކަމަށާއި ރުޅިވުމަށްފަހު ވެސް ދެމީހުން ނިންމީ އެކުވެރިއެއްގެ ހައިސިއްޔަތުން އެކަކު އަނެކަކުގެ ދިރިއުޅުމުގައި ހުރުމަށް ކަމަށްވެސް ޑެނީ ބުންޏެވެ. އޭނާ ބުނީ އޭނާ އާ ރުޅިވުމަށް ފަހު ޕަރްވީން، އެކްޓަރު ކަބީރު ބޭދީ އާއެކު ޑޭޓުތަކަށް ދާން ފެށުމުން އޭނާވެސް ހަޔާތުގައި ކުރިއަށްދާން ނިންމާ މޮޑެލް ކިމް ޔަޝްޕާލް އާ ލޯބީގެ ގޮތުން ގުޅުނީ ކަމަށެވެ. ކިމް އާއެކު އުޅެންފެށުމުން ޕަރްވީން އަށް އެކަން ހަޖަމުނުވެ އޭނާއަށް ގުޅާ އުނދަގޫ ކުރަން ފެށިކަމަށް ޑެނީ ބުންޏެވެ.
"ޕަރްވީން ގުޅާފައި ބުނެފާނެ މިރޭ ކާން އަންނާށޭ. އެކަމަކު އަހަރެން ނުދަން. އަހަރެން އޭރު އުޅެނީ ކިމް އާއެކު. ކިމްގެ ޝޫޓްތައް ނިންމާލުމަށް ފަހު އޭނާ ގޮވައިގެން ގެއަށް އަންނައިރު ޕަރްވީން އިނދެދާނެ އަހަރެންގެ ގޭގައި ފިލްމު ބަލަން. އަހަރެން ބުނިން ޕަރްވީން ގާތު އެކަންތައްތައް ހުއްޓަން. އެކަމު އޭނަ ބުނަނީ އަހަރެމެން މިއީ ރަހުމަތްތެރިން ކަމަށް. އަހަރެންނަށް ގޮތް ހުސްވި،" ޑެނީ ބުންޏެވެ.
ކަބީރް ބޭދީ އާއި ޕަރްވީންގެ ވާހަކަ
ޕަރްވީން އާއި ކަބީރް ގެ ލޯބީގެ ވާހަކައަކީ އޭރު އެންމެ މަޝްހޫރުވެގެން ދިޔަ ވާހަކައެވެ. ހަތްދިހައިގެ އަހަރުތަކުގައި ދެމީހުން ލޯބީގެ ގޮތުން ގުޅުނުއިރު ކަބީރް، ޕަރްވީން ސިފަކޮށްފައި ވަނީ ވިސްނުންތޫނު ނާޒުކު އަންހެނެއްގެ ގޮތުގައެވެ. ޕަރްވީން އާ ގުޅުނު އިރު ކަބީރް އަކީ މީހެއްގެ ފިރިއެއްވެސް މެއެވެ. ބޭރުގެ މީޑިއާތަކަށް މިދިޔަ އަހަރު ކަބީރް ދިން އިންޓަވިއުއެއްގައި ބުނީ ޕަރްވީން އަކީ ކޮންމެ މީހެއް ދެކެ ވެސް އިންތިހާ އަށް ލޯބިވާ މީހެއް ކަމަށާއި އޭނާއަށް ދިމާވީ ވަރަށް ހިތްދަތި ގޮތެއް ކަމަށެވެ. ޕަރްވީން އޭނާ އަށް ވަރަށް ލޯބި ދިން ކަމަށާއި އޭނާގެ ލޯބީގައި ޖެހި އަނބިމީހާ އާ ވަކިވެސް ވި ކަމަށެވެ.
"އަހަރެން އެންމެ ކާމިޔާބު ދުވަސްވަރު އަހަރެންނަށް އެނގުނީ އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުރިކަން. އެއީ ވަރަށް ދަތި ވަގުތުތަކެއް،" ކަބީރު ބުންޏެވެ.
ކަބީރު ލިޔެ ނެރުނު ފޮތް ކަމުގައިވާ "ސްޓޯރީޒް އައި މަސްޓް ޓެލް" ގައި ކަބީރު ބުނީ ޕަރްވީން އަށް އެހީވާން ދާ ކޮންމެ ފަހަރަކު އޭނާ ދުރުކޮށްލާ ކަމަށާއި އޭނާ އާއެކު ހަގީގަތުގައި ވެސް އުޅެން ބޭނުންވި ކަމަށެވެ. ނަމަވެސް އޭނާ ތަހައްމަލުކުރަމުން ދިޔަ ބަލިމަޑުކަމުން އަރައިގަންނަން އެއްވެސް އެހީއެއް ނުދެވުނު ކަމަށެވެ. އަނބިމީހާ ގާތުން ވަރިވެގެން ޕަރްވީން ގާތަށް ދިޔުމުން ޕަރްވީން އޭނާ ދޫކޮށް ދިޔަ ކަމަށާއި އޭގެ ސަބަބުން ވެސް އޭނާއަށް ނަފްސާނީ ގޮތުން އެތައް މައްސަލަތަކެއް ކުރިމަތިވި ކަމެވެ. ޕަރްވީން މަރުވެގެން ވަޅުލަންދެން ވެސް އެތަނުގައި ހުރިކަމަށާއި އެ ވަގުތުކޮޅަކީ އޭނާއަށް ވަރަށް ހިތްދަތި ވަގުތުކޮޅެއް ކަމަށް ވެސް ކަބީރް ވަނީ ބުނެފައެވެ.
މަހޭޝް ބަޓް އާއި ޕަރްވީންގެ ވާހަކަ
މަހޭޝް ބަޓް އާއި ޕަރްވީންގެ ލޯބީގެ ވާހަކަ ފެށުނީ 1977 ވަނަ އަހަރުގައެވެ. ކަބީރް ބޭދީގެ ލޯތްބަށް އަލްވަދާއު ކިޔުމަށް ފަހު ޕަރްވީން މަހޭޝް ބަޓްގެ އަތުގައި ހިފީ ކައިވެންޏަކާ ހަމައަށް ދިޔުމުގެ އަމާޒުގައެވެ. މަހޭޝްގެ ފަރާތުން އޭނާއަށް އަޅާލުމާއި ލޯބި ލިބުނެވެ. މަހޭޝް ދެކެ ލޯބިވިއިރު ޕަރްވީން ހުރީ ފިލްމީ ކެރިއަރުގެ އެންމެ އުހުގައެވެ. އޭރު މަހޭޝް ބަޓްގެ އަންބެއް ހުރި ނަމަވެސް މަހޭޝް ބޭނުންވީ އެދުވަސްވަރު ޕަރްވީން އާއެކު އެގޭގައި ދިރިއުޅޭށެވެ. އަނބިމީހާ ވަރިކުރުމަށް ފަހު ޕަރްވީން އާއެކު ދިރިއުޅެމުން އައި މަހޭޝް، ޕަރްވީން އާ ގުޅޭގޮތުން މީޑިއާގައި އޭރު ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް 1979 ވަނަ އަހަރު މަހޭޝް އަށް ވަނީ ޕަރްވީންގެ ކިބައިން އާދަޔާ ހިލާފުކަމެއް ފެނިފައެވެ.
"އަހަރެން ގެއަށް ވަންއިރު ޕަރްވީން އިން ފިލްމު ކޮސްޓިއުމެއް ލައިގެން ކޮޓަރީގެ ކަނެއްގައި. އޭރު އޭނާ އަތުގައި ވަޅިއެއް އޮތް. ޕަރްވީނަށް އަހަރެން ފެނުމާއެކު އަޑުމަޑުކުރަން ބުނި. ޕަރްވީން ބުނީ ކޮންމެވެސް ބަޔަކު އޭނާ މަރާލަން އުޅޭ ވާހަކަ،" މަހޭޝް ބުންޏެވެ.
އެ ދުވަހަކީ ޕަރްވީންގެ އެފަދަ ކަމެއް އޭނާއަށް ފެނުނު ފުރަތަމަ ދުވަސް ކަމަށް މަހޭޝް ބުންޏެވެ. އޭގެ ފަހުން އެފަދަ އެޕިސޯޑުތައް ގިނަވާން ފެށި ކަމަށާއި އޭގެ ސަބަބުން ޕަރްވީން ބޮޑު ބަލިމަޑުކަމެއްގެ ތެރެއަށް ވަން ކަމަށެވެ. ފަރުވާ ހޯދުމަށް ޑޮކްޓަރަށް ދެއްކި ކަމަށާއި އެމީހުން ބޭނުންވީ އެޕިސޯޑުތަކުން ސަލާމަތް ކުރަން ޕަރްވީން އަށް އިލެކްޓްރިކް ޝޮކް ދޭން ކަމަށް ބުންޏެވެ. ނަމަވެސް އެކަމަށް އެއްބަސް ނުވާ ކަމަށް މަހޭޝް ވަނީ ބުނެފައެވެ. އޭނާ ބުނީ ޕަރްވީންގެ ސިއްހީ ހާލަތު ޓޮޕް ޕްރައޯރިޓީ އަށް ވި ކަމަށާއި އެކި ހޮސްޕިޓަލުތަކުން އޭނާ އަށް ފަރުވާދެވޭނެ ގޮތެއް އޮތްތޯ ބެލިކަމަށެވެ. ނަމަވެސް އެކަންތައްތަކަށް ދަތިކަމެއް ކުރިމަތިވީ ޕަރްވީންގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް ވެސް މަހޭޝް ވަނީ ބުނެފައެވެ.
ޕަރްވީންގެ ހިތްހަމަޖެހުމަށް ވިސްނުމަށް ފަހު މަހޭޝް ބަޓް އޭނާ ގޮވައިގެން ބެންގަލޯރަށް ދިޔައެވެ. ނަމަވެސް އެދެމީހުންގެ ގުޅުންވެސް މާގިނަ ދުވަހަކު ކުރިއަށް ނުގެންދެވުނެވެ. ރިޕޯޓްތައް ބުނާގޮތުގައި ހަމަ އެއަހަރު މަހޭޝް ބަޓް ޕަރްވީންގެ ގާތުން ދުރުވެ އޭނާގެ ކުރީގެ އަނބިމީހާގެ ގާތަށް ދިޔައެވެ. މަހޭޝް ބަޓް ވަނީ ޕަރްވީން ބާބީ އާ އޭނާގެ ލޯބީގެ ސަފްހާތަކަށް ބިނާކޮށް ދެ ފިލްމެއް އުފައްދާފައެވެ. އެއީ 1982 ވަނަ އަހަރު ނުކުތް ފިލްމު "އަރްތު" އާއި 2006 ވަނަ އަހަރު ނުކުތް ފިލްމު "ވޯ ލަމްހޭ" އެވެ.
ބަތަލާ ޕަރްވީން ބާބީ މަރުވެފައި އޮއްވާ ފެނުނީ 2005 ވަނަ އަހަރުއެވެ. އޭނާ މަރުވިއިރު އޭނާ ދިރިއުޅެމުން އައީ އެކަނިވެރި ދިރިއުޅުމެކެވެ. އޭނާ މަރުވެފައި އޮތްކަން މީހުންނަށް ނޭނގި ދިޔަތާ ދުވަސް ކޮޅެއްފަހުން ޝައްކުކުރެވުނީ ވެސް ޕަރްވީންގެ ގޭގެ ދޮރު މަތީގައި ނޫސްކަރުދާހާއި ކިރު ނުނަގާ ހުންނަތާ ތިން ދުވަސް ވީ ފަހުން އަވަށްޓެރިއަކަށް އެކަން ފާހަގަ ކުރެވިގެންނެވެ. [އިންޑިއާގައި ގޭގެއަށް ނޫހަކާއި ކިރު ފުޅިއެއް ގެންދިޔުމަކީ އާދައެކެވެ.] އެހެންކަމުން ޕަރްވީން މަރުވި ސީދާ ވަގުތެއް އެކަކަށް ވެސް އެނގިފައެއް ނުވެއެވެ. ފުލުހުން ގޮސް ގޭގެ ދޮރު ވައްޓާލައި އެގެއަށް ވަންއިރު ޕަރްވީން އޮތީ މަރުވެ ހަރު ދަނޑި އަރާފައެވެ. އޭނާގެ ފައިގެ ބޮޑުވައި އިނގިލި ވެސް އޮތީ އެއްކޮށް ކަޅުވެ ބުރިވާން ކައިރިވެފައެވެ. ޕަރްވީން މަރުވިއިރު އެންމެ ފުރަތަމަ މީޑިއާތަކުގައި އެކަން ރިޕޯޓްކުރީ ޕަރްވީން މަރުވީ އަމިއްލައަށް ކަމަށް ބުނެއެވެ.
ނަމަވެސް ޕަރްވީންގެ ހަށިގަނޑު ކޫޕާ ހޮސްޕިޓަލަށް ގެންގޮސް ޕޯސްޓް މޯޓަމް ހެދުމުން ހާމަވީ ޕަރްވީން މަރުވީ ކާއެއްޗެއް ނުކައި އޮވެ ބަނޑަށް ކަމަށެވެ. އަދި ފުލުހުންނަށް އޭނާ ފެނުނު އިރު އޭނާ މަރުވެފައި އޮންނަތާ ތިން ދުވަސް ވެއްޖެ ކަމަށް ވެސް ބުންޏެވެ. ޕަރްވީން މަރުވުމުން އޭނާގެ ހަށިގަނޑާ ހަވާލުވާން އެކަކުވެސް ނުދެއެވެ. އެންމެފަހުން މަހޭޝް ބަޓަށް ކެތްނުވެ އޭނާގެ ހަށިގަނޑާ ހަވާލުވެ ޕަރްވީންގެ ޖަނާޒާ ކުރިއަށް ގެންދިޔައެވެ. އަމިއްލަ ޖީބުން ހަރަދުކޮށްގެން ޕަރްވީން ވަނީ ވަޅުލާފައެވެ. ނުވަދިހައިގެ ފަހުކޮޅު ޕަރްވީން ކްރިސްޓިއަނަކަށް ބަދަލުވި ނަމަވެސް އޭނާގެ އާއިލާ އަކީ މުސްލިމް އާއިލާ އެއް ކަމުން އޭނާ ވަޅުލީކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕަރްވީން ބާބީ އެންމެ ބޭނުންވި ދުވަހު އޭނާގެ ހުރިހާ ލޯބިވެރިންވެސް އޭނާ ދޫކޮށް ދިޔައީ ކަމަށް ބުނެ އާންމުން ވަނީ ވަރަށް ވާހަކަ ދައްކާފައެވެ. އެމީހުން ބުނަނީ ޕަރްވީންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ބޮލީވުޑުން ކަމަށެވެ. ގަސްތުގައި މީހަކު އެ ހާލަށް ދޫކޮށްލީ ހަމަ އެމީހުން ކަމަށް ބުނެއެވެ. ބައެއް މީހުން ބުނާގޮތުގައި ޕަރްވީންގެ މަރުގެ ފަހަތުގައި މަހޭޝް ބަޓްގެ އަތެއްވެސް ވެއެވެ. ޕަރްވީންގެ މަރަށް 18 އަހަރު ވެގެން ދިޔައިރު މިއަދުވެސް އޭނާގެ ވާހަކަތައް ދައްކާ މީހުން މަދެއް ނޫނެވެ. އުމުރުން 50 އަހަރުގައި ޕަރްވީން މަރުވެގެން ދިޔައިރު އޭނާ ވަކިވެ ދިޔައީ ފޭނުން ރޮއްވާލުމަށް ފަހުއެވެ. މިއީ ބޮލީވުޑްގެ އަޑިނޭނގޭ މަރުތަކުން ޕަރްވީން ބާބީގެ މަރުގެ ވާހަކައެވެ.