ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދައިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވަމުން ދާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

މި މަހުގެ 15 ވަނަ ދުވަހު ބާއްވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވަމުން ދާކަމުގެ ކަންބޮޑުވުންތަކާ އެކު އެމްއެންޕީ އިން ބުނީ މި އިންތިހާބު އިންސާފުވެރި ކަމާއެކު ކުރިއަށްދާނެ ކަމަށް ގަބޫލު ނުކުރާކަމަށެވެ.

އިންތިހަބާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރަމުން އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ އެ ދާއިރާގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ހުރިހާ މިނިސްޓްރީ އަކާއި ސަރުކާރުގެ ކުންފުނިތައް ބޭނުންކުރަމުންދާ ކަމަށެވެ. އަދި އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުންފުނިތަކުގެ މުވައްޒަފުންނާއި އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރަމުންދާކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އިންތިހާބުގައި ވޯޓު ހޯދުމަށް ޒުވާނުންނަށް ގަނޫނާއި ގަވައިދާ ހިލާފު ތަކެތި ދެމުންދާކަމަށް ތުހުމަތުކޮށް ނާޒިމް ވިދާޅުވީ އެމްޑީޕީ އައުލަބިއްޔަތު އޮންނަ ކައުންސިލްތަކާ ގުޅިގެން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ވަރަށް ބޮަޑަށް މަސައްކަތްކުރަމުންދާ ކަަމަށެވެ. މި ގޮތުން އިންތިހާބާ ދިމާކޮށް މާފުށިން ގޯތި ދޫކުރަން ނިންމުމާ ގުޅީ ބިން ހިއްކުން ފަދަ މަޝްރޫއުތަކަކީ ސަރުކާރުން ކުރަމުންދާ 'ދޯހަޅި' ކަންތައްތަކެއްގެ ގޮތުގައި ނާޒިމްވަނީ ސިފަކުރައްވާފައެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ފޯރިގަދަވެފައިވާއިރު މި އިންތިހާބުގައި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އާއި، އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ އިތުރުން އެމްއެންޕީއިން ވާދަކުރެއެވެ. މި ގޮތުން އެމްޑީޕީގެ ފަރާތުން އިންތިހާބުގައި އިބްރާހީމް ޝާޒު ވާދަކުރާ އިރު، ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ދަނިކޮށް މި ދިޔަ ފެބްރުއަރީމަހު ނިޔާވި އިބްރާހީމް ރިޒާގެ ކޮއްކޯ ހުސައިން ރިޒާއަށެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރަނީ އަލީ އާރިޕެވެ.