ދުޅަހެޔޮ ހަށިގަނޑެެއް ބޭނުން ނުވާނީ ކާކު ހެއްޔެވެ. ނަމަވެސް ބިޒީ ޝެޑިއުލެއްގައި މަސައްކަތް ކުރަން ޖެހުމާއި، ހަށިގަނޑަށް އަންނަ ބައެއް ބަދަލުތަކާއި ސިއްހީ ބައެއް ކަންކަމުން ފިޓްކޮށް ހުރުމަށް ޖިމަށް ދާން ބޭނުން ނުވާ ކިތަންމެ ބަޔަކު އަހަރެމެންގެ ތެރޭގައި އުޅެއެވެ. އެއްބަޔަކު ބުނާ ގޮތުގައި ޖިމަށް ގޮސް ހަދާ ވޯކް އައުޓްތަކަކީ އުނަގަނޑުގައި ރިހޭ ރިހުމާއި، ކަކުލުގައި އަޅާ ވޭންތަކާ އެކު ވާނެ ކަމެއް ނޫނެވެ. އެހެންކަމުން ޖިމަށް ބޮޑު ހަރަދެއް ކޮށްގެން ދިއުން ވާނީ ބޭކާރު ކަމަކަށެވެ.

މިކަމަ ގުޅޭ ގޮތުން ރާއްޖޭގައި ހިންގަމުންދާ އަންހެނުންނަށް ހާއްސަ ޖިމެއް ކަމަށް ވާ "ވީރު" ޖިމްގައި ފިޓްނަސް އިންސްޓަރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މަރިޔަމް ޝީނާޒް، އާންމު ނަމުން ނަމަ ޝީން 'ދަ ޕްރެސް' އަށް ދިން ހާއްސަ އިންޓަވިއުގައި ވަނީ މުހިއްމު ވާހަތަކެއް ހިއްސާ ކޮށްފައެވެ.

އަމިއްލަ މީހާ ދެކެ ފޫހިވެފައި ހުންނަ ހުރުމަށް ބަދަލު އައިސް އަނެއްކާ ވެސް އަމިއްލަ ނަފްސު ދެކެ ލޯބި ވާން ދަސްވި ދަތުރުގެ ވާހަކަ ހިއްސާ ކުރަމުން ޝީން ބުނީ، ކަސްރަތަކީ ހަމައެކަނި ހަށިގަނޑު ހިއްކާލުމަށް އެކަނި ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އެއީ ފިސިކަލީ އަދި މެންޓަލީ ވެސް މީހާއަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމެކެވެ. މޫޑް ރަނގަޅަށް ބެހެއްޓުމަށާއި އަމިއްލަ ނަފްސު ދެކެ ލޯބި ވުމަށް މަސައްކަތް ކުރާ މީހަކަށް ކަސްރަތަކީ ކުރަން ވަރަށް ރަނގަޅު ކަމެއް ކަަމަށް ޝީން ބުނެއެވެ. އަދި ތިމާގެ ކޮންފިޑެންސް އިތުރުވެ، ޕޮސިޓިވް މައިންޑް ސެޓެއްގައި ހުރުމަށް ކަސްރަތު ހިޔާރު ކުރުމަކީ ވެސް ރަނގަޅު ކަމެއްގެ ގޮތުގައި ޝީން ވަނީ ފާހަގަ ކޮށްފައެވެ.

ޝީން ކަސްރަތު ކުރަނީ

އޭނާ ފިޓްނަސްގެ ދާއިރާއަށް ވަނީ ދަރިފުޅު ވިހައިގެން ހަށިގަނޑަށް އައި ބަދަލާއި، ވިހެއުމަށް ފަހު ހަށިގަނޑުގައި ހުރި ބައެއް ރިހުންތަކުން ލުޔެއް ހޯދުމަށް ކަމަށް ޝީން ބުނެއެވެ. އެގޮތުން ވިހައިގެން ނިކުތް އިރު އޭނާ ހުރީ ވަރަށް ބޮޑަށް ފަލަވެފައި ކަމުން ބައެއް މީހުންގެ މަލާމަތާ ވެސް ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ބުނެއެވެ.

މީގެ އިތުރުން ތިރި ތަނެއްގައި އޮވެފައި ތެދުވަން ޖެހުމުން އުނަގަނޑަށް އަރަން ފެށި ތަދެއްގެ ސަބަބުން ވަރަށް ވޭނުގައި އުޅުނު ކަމަށް ޝީން ބުނެއެވެ. އެ ވޭނުން ލުޔެއް ލިބޭތޯ އެންމެ ފުރަތަމަ އަމިއްލައަށް ކަސްރަތު ކުރަން ފެށި ޝީންގެ ހަށިގަނޑަށް ލުއިވެ، ރިހުން ކުޑަވަމުން ދިޔަ ކަން އޭނާއަށް ފާހަގަވިއެވެ. އެހިސާބުން ހިތްވަރާއެކު ކަސްރަތު ކުރީ ހަމައެކަނި "ރީތި" ވުމުގެ ބޭނުމުގައި ނޫން ކަމަށް އޭނާ ބުނެއެވެ. ދިރިއުޅުމުގައި ކުރިމަތިވި އެތައް ގޮންޖެހުންތަކެއްގެ ސަބަބުން ކުރިމަތިވަމުން ދިޔަ ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ކަންކަމުން ލުޔެއް ލިބިގެން ދިޔައީ ވެސް އަޅުކަން ކުރުމާއެކު ގަވާއިދުން ކަސްރަތު ކުރުމުން ކަމަށް ޝީން ބުނެއެވެ.

ވީރު ޖިމްގައި ކްލަޔަންޓަކާއެކު ޝީން މަސައްކަތް ކުރަނީ
"އެއްދުވަހަކު މީހަކު ހާދަ ހުތުރޭ ހާދަ ފަލައޭ ބުނި. އެކަމަކު ޝިން ކަސްރަތު ކުރަނީކީ އެއްވެސް މީހަކަށް ދެއްކުމުގެ ގޮތަކުން ނޫން. އެ ކަމަށް ހިތްޖެހި އަމިއްލަ ބޮޑީ ރީތިކޮށް ފިޓްކޮށް ބަހައްޓަން ކަސްރަތު ކުރަން ފެށީ. އޭގެ ސަބަބުން އުފަލާއި ހިތްހަމަޖެހުން ލިބެނީ ވެސް އަމިއްލަ ސެލްފަށް"
ޝީން

އަމިއްލަ މީހާ ފިޓްވުމަށް މަސައްކަތް ފަށައި އެ ދަތުރުގެ ނަތީޖާ ވަރަށް ކާމިޔާބެވެ. ފަލަވެ ހަށިގަނޑަށް އައި ބަދަލުތަކާއެކު ކޮންފިޑެންސް ގެއްލެމުން ދިޔަ ޝީންގެ ހަށިގަނޑަށް އަންނަން ފެށި ބަދަލުތައް ފެނި މީހުންގެ ފަރާތުން ތައުރީފް އޮއްސަން ފެށިއެވެ. އެގޮތުން "ހާދަ ރީއްޗޭ މިހާރު. ކީއްހޭ ކުރަނީ." އަހާ މީހުން ގިނަވި ކަމަށާއި އެކަމުން އޭނާއަށް ހިތްވަރާއި މި ދާއިރާއިން ކުރިއަށް ދިއުމުގެ އަޒުމް ވަރުގަދަ ވެގެން ދިޔަ ކަމަށް ޝީން ބުނެއެވެ.

އެހިސާބުން މިއީ ކުރެވިދާނެ ކަމެއް ކަމަށް ހީކޮށް ފިޓްނަސް ދާއިރާއިން މީހުންނަށް ތަމްރީން ދިނުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލު ކުރެވުނެވެ. ނަމަވެސް ތުއްތު ކުއްޖެއް އޮތުމުން ވަގުތު ހޯދައިގެން އެ ކަަމުގެ ތެރޭގައި އެ ދުވަސްވަރު އުޅުމަކީ ދަތި ކަމަކަށް ވާނެތީ އެ ހިޔާލު އޭރު ދޫކޮށްލީއެވެ.

ނަމަވެސް އަމިއްލަ މީހާ ފިޓްވުމަށް ކުރި މަސައްކަތަށް ފަހު ދެން އޭނާ ބޭނުންވީ އޭނާ ކަހަލަ އަންހެނުންނަށް އެހީވާށެވެ. އެގޮތުން ކައިރީގައި އުޅުނު ރައްޓެހިންނާއި އާއިލާ މީހުން ވެސް ފިޓްނަސްގެ ތެރެއަށް ވައްދައިގެން އެމީހުން ބޭނުންވާ ގޮތަށް ހަށިގަނޑު މެއިންޓެއިންކޮށް ބެހެއްޓުމަށް ޝީން މަސައްކަތް ކޮށް އެކަން ކާމިޔާބު ވެސް ކުރިއެވެ. އެއަށްފަހު މި ދާއިރާއިން ޓްރެއިނިންތައް ފުރިހަމަ ކުރުމަށް ފަހު "ވީރު" ހުޅުވައި އެތަނުގެ ވެރިޔާ ޒައި ދިން ފުރުސަތާ އެކު ޝީން އެ ޖިމްގައި އިންސްޓަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށިއެވެ.

ވީރު ޖިމްގެ ފިޓްނަސް ޓްރެއިނާ ޝީން

ޝީން ފުރިހަމަކޮށްފައިވާ ޓްރެއިނިންތައް:

  • އިންޓަނޭޝަނަލް ސްޕޯޓްސް ސައިންސަސް އެސޯސިއޭޝަނުން ޕާސަނަލް ޓްރެއިނާ ސެޓްފިކެޓް
  • ޕްރީ ޕޯސްޓް ނާޓަލް ފިޓްނަސް ޓަރެއިނިން
  • އޮބީސިޓީ އެންޑް ވެއިޓް މެނޭޖްމަންޓް އެކްސަސައިޒް ސްޕެޝަލިސްޓް

ވީރުގައި މިހާރު ޝީން މަސައްކަތް ކުރާތާ ދޮޅު އަހަރު ވެއްޖެއެވެ. މިއަދާ ހަމައަށް އައި އިރު، ވެސް އޭނާ ކައިރިއަށް އަންނަ ކްލަޔަންޓުން އިތުރުވަމުންދާ ކަން ޝީން އުފަލާއެކު ފާހަގަ ކުރެއެވެ. މިހާރުވެސް 27 ކްލަޔަންޓުންނަށް އޭނާ ޓްރެއިނިން ދެމުން އަންނަ އިރު، ކޮންމެ ދުވަހަކު 9 ގަޑި އިރު ޑިއުޓީ ނަގަން ޖެހެއެވެ. ޑިއުޓީ ނަގާ ވަގުތުތަކުގައި ޖިމަށް އަންނަ މީހުންނަށް އިރުޝާދުތައް ދީ އެމީހުންނަށް އެހީތެރިވުމުގައި އޭނާ އުޅޭ ކަމަށް ބުނެއެވެ.

ޝިން ވެއިޓް ލިފްޓް ކުރަނީ

ވީރުން އޭނާއާ ދިމާވާ ބައެއް މީހުން އަބަދުވެސް ޝީންގެ ހަށިގަނޑު ފެނި ވަރަށް ތައުރީފް ކުރާ ކަމަށް އޭނާ ބުނެއެވެ. އަދި ޝީން ހެން ހަށިގަނޑު ބަހައްޓަން ބޭނުންވާ ކަމަށް ބުނާތީ ވަރަށް އުފާވާ ކަމަށް ވެސް އޭނާ ބުނެއެވެ. އެއިން ކޮންމެ ތައުރީފެއް ވެސް ހެޔޮ ހިތުން ބަލައިގަނެ، ކްލަޔަންޓުންނަށް ބޭނުންވާ އިރުޝާދު ދީ އެމީހުންނާ ވަރަށް ގާތްކޮށް ލޯތްބާއެކު ވާހަކަ ދައްކާ ޝީން އަކީ ވަރަށް އެކުވެރި މީހުންނާ ގުޅޭ، މަޖާ މިޒާޖެއްގެ މީހެއް ކަމަށް މީހުން ބުނެއެވެ. އަދި ޝީން ބަހައްޓާ އޯގާތެރިކަމާއި، ޖިމްގައި ބައެއް ފަހަރު ހަދާ ވޯކް އައުޓްތައް ނުހެދޭނޭ ހިތަށް އަރާ ވަގުތުތަކުގައި ވެސް ދޭ ހިތްވަރުގެ ބަސްތަކަކީ ބައެއް ކްލަޔަންޓުން ފާހަގަ ކުރާ ކަންކަމެވެ.

ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ޖިމަށް ދަނީ ހިކެން ނޫނީ މަސްލް ބިލްޑް ކުރާށެވެ. އަސްލު އެއީ ހަގީގަތެއް ނޫން ކަމަށް ބުނެ އޭނާ ވަނީ ޖިމަށް ދިއުމާއި ފިޓްކޮށް ހުރުމަށް މީހުން ކުރާ މަސައްކަތް ތަކަކީ ގިނަ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށް ބުނެފައެވެ. އެ ގޮތުން ބައެއް މީހުން ލިބިފައި ހުންނަ އިންޖަރީއަކާ ހެދި ނުވަތަ ހަށިގަނޑުގެ ބައެއް ގުނަވަންތަކުގައި އަޅާ ވޭނެއްގެ ސަބަބުން ޖިމަށް ދިއުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ބުނާ ބުނުމަށް ވެސްް އޭނާ ވަނީ ރައްދު ދީފައެވެ.

ވީރު ޖިމްގައި ކްލަޔަންޓަކާއެކު ޝީން މަސައްކަތް ކުރަނީ

ހުޅުހުޅުގައި ރިއްސާ މީހުންނާއި، އިންޖަރީވެފައި ތިބޭ މީހުންނާއި، ގޭސްޓްރިކް، އާތްރައިޓިސް ފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ވެސް ޖިމްމަށް އައިސް ވޯކްއައުޓް ހެދިދާނެ ކަމަށް އޭނާ ބުނެއެވެ. ޓްރެއިނާއެއްގެ ގޮތުގައި މަސައްކަތް ކުރާ އިރު ކްލަޔަންޓުން ނަގާ އިރު، އެ ހުރިހާ ކަންކަމެއް ބަލާ ކަމަށް ޝީން ބުނެއެވެ. ވޯކްއައުޓްތައް ހަދާ އިރު އެމީހެއްގެ އިންޖަރީސް އާއި ބަލިތަކަށް ފޯކަސް ކޮށްގެން މަސައްކަތް ކުރާ ކަމަށާއި އަދި ރިހުންތައް ރަނގަޅުވެ، މީހާގެ މޫޑް ރަނގަޅުވެ، އުފާވެރިކަން މީހާއަށް ގެނެސްދޭނެ ކަމަށް ޝީން ބުނެއެވެ.

ޝިންގެ އާއިލާ އަކީ ވެސް ފިޓްނަސްއަށް ވަރަށް ލޯބި ކުރާ އާއިލާއެއް ކަމަށާއި އެންމެންވެސް ކަސްރަތު ކުރުމަށް ބާރު އަޅާ ކަމަށް އޭނާ ބުނެއެވެ. އެހެންކަމުން މި ދާއިރާއިން ކުރިއަށް ދިއުމުގައި އާއިލާގެ އެއްބާރުލުމާއި އެހީތެރިކަން އޭނާ ފާހަގަ ކުރެއެވެ. މީގެ އިތުރުން މި މަސައްކަތަށް އޭނާ ވެއްދުމަށް އެންމެ ބޮޑު ބާރެއް އެޅީ ވީރުގެ ވެރިޔާ ޒައި އެވެ. ޒައިގެ ފަރާތުން ލިބުނު އެއްބާރުލުމަކީ މިއަދާ ހަމައަށް ޝީން މި ދާއިރާއިން ކުރިއަށް ދިއުމަށް ރޯވި ހުޅުކޮޅެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.

ޝީން ކަސްރަތު ކުރަނީ

ޒައިއާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ޝީން ބުނީ، އަންހެނުން ބާރުވެރި ކުރުވުމަށާއި އަންހެނުން ކުރިއެރުވުމަށް ޒައި ކުރާ މަސައްކަތަަކީ ފާހަގަކޮށްލަން ޖެހޭ ނަމޫނާ މަސައްކަތެއް ކަމަށެވެ. އަދި އޭނާއަށް އެ ޖިމްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނީތީ ހާއްސަ ޝުކުރެއް ޒައިއަށް އަދާކުރަން ބޭނުންވާ ކަމަށް އޭނާ ބުނެއެވެ. މީގެ އިތުރުން ވެސް ފިޓްނަސްގެ ދާއިރާގައި އުޅޭ އަޗޫ އާއި މައުގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަން ފާހަގަކޮށް ޝީންގެ ޝުކުރުގެ ލިސްޓުން އެ ދެމީހުންގެ ނަން ވެސް ވަނީ ހިމަނާފައެވެ.

"ވީރު" އަކީ ވެސް ވަރަށް ފްރެންޑްލީ މާހައުލެއް ކަމަށާއި އެތަނުގައި މަސައްކަތް ކުރަނީ އޭނާ ކުރާ ހިތުން ކަމަށް ބުނެއެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި ތަނުގައި މަސައްކަތް ކުރާ މީހުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނުގެން ގުޅޭ ކަމަކީ އެތަނަށް އޭނާގެ ހިތް ލެނބިގެން ދިޔަ ކަމެއް ގޮތުގައި ޝީން ބުނެއެވެ.

ކުރިއަށް އޮތްތަނުގައި މިދާއިރާއިން އަދިވެސް ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމަށް ޝީން ބޭނުން ވެއެވެ. އިތުރު ތަމްރީންތައް ހަދަން ބޭނުންވާ ކަމަށާއި މި ދާއިރާގައި އޭނާ މަސައްކަތް ކުރަނީ އެއްވެސް ފޫހިކަމެއް ނެތި ކަމަށް ބުނެއެވެ. އަދި ކްލަޔަންޓުން ލިބޭ އިރު، ފަލަކޮށް ހުންނަ މީހަކު ހިއްކާލަން ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ އުފަލެއް ކަމަށް ފާހަގަ ކުރެއެވެ.

ވީރު ޖިމްގެ ފިޓްނަސް ޓްރައިނާ މަރިޔަމް ޝީނާޒް (ޝީން)

ޖިމްގައި އަމިއްލަ ހަށިގަނޑު ވެސް މެއިންޓެއިން ކުރުމަށް ކަސްރަތު ކުރުމުގެ އިތުރުން އޭނާ ކޮންމެ ދުވަހަކު ދުވަން ދެއެވެ. ކޮންމެ ދުވަހަކު 10ކޭ ނުވަތަ 12ކޭ ހަމަކޮށް ދުވެނުލައިފިިއްޔާ ހިތްހަމަވެސް ނުޖެހެއެވެ. ރޯދަ މަހުވެސް އެ އާދައަށް ބަދަލެއް ނުގެނެސް ކޮންމެ ދުވަހެއްގެ ހަވީރު އޭނާ ހޭދަ ކުރަނީ ދުވުމުގައެވެ. ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ކެއުމުގައި އޭނާ ހާއްސަ ކަމެއް ދެނީ ޕްރޮޓީންސް އަދި ފައިބާ ގިނަ މާއްދާތައް ބޭނުން ކުރުމަށް ކަމަށް ޝީން ބުނެއެވެ.

މި ދާއިރާއަކީ ރަނގަޅު އާމްދަނީއެއް ލިބޭނެ ދާއިރާއެއް ކަމަށް ޝީން ބުނެއެވެ. މި މަސައްކަތް ކުރާ ހިތްވާ އެތައް އަންހެނުންނެއް އުޅޭ ކަމަކީ އުފާކުރާ ކަމެއް ކަމަށާއި ހިތްވަރާއެކު އެމީހަކު ކުރަން ބޭނުން ކަމެއް ކުރަން މަސައްކަތް ކޮށްފި ނަމަ ކުރިއަށް ދެވިދާނެ ކަމަށް ޝީން ބުނެއެވެ. ދަރިން ތިބެ، ގޭގައި ކުރަންޖެހޭ މަސައްކަތް ކުރާ އަންހެންކަށް ވެސް ޓައިމް މެނޭޖްކޮށްގެން އުޅެން ދަސްވެއްޖިއްޔާ ކޮންމެ މަސައްކަތެއް ވެސް އާމްދަނީ ހޯދުމަށް ކުރެވިދާނެ ކަމަށް ޝީން ގަބޫލު ކުރެއެވެ. އަދި މަސައްކަތެއްގައި ކުރިއަރައިގެން ދިއުމަށް ބޭނުންވާނެ އެންމެ ބޮޑު އެއް ކަމަކީ ރިވެތި އަހްލާގާއި އުޅުން ކަމަށް ޝީން ފާހަގަ ކުރެއެވެ.