އެންވަޔަރަމަންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު، ލަބީގް މުހައްމަދު މާހިދު ވަކިކޮށްފިއެވެ.

ލަބީގް ވަކިކުރިކަން އަންގާ، ރައީސް އޮފީހުން ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ ފޮނުއްވި ސިޓީގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެ މަގާމަށް އައްޔަންކުރި ލަބީގް މިއަދު ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ މަގާމުގައި ލަބީގް ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ފާހަގަކޮށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަންއާ ވަކިން ވާދަކުރައްވަން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވުމާއެކު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ ގާސިމާއެކު ސިޔާސީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ލަބީގްވެސް ގެންދަވަނީ ސޯޝަލް މީޑިއާގައި ގާސިމާއި ޖޭޕީއަށް ތާއީދު އޮތްކަން ހާމަކުރައްވަމުންނެވެ.

ލަބީގް ވަކިކޮށްފައިވަނީ ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނޭ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަކިކުރަމުންގެންދަވާ ދަނޑިވަޅެއްގައެވެ.

ޖޭޕީގެ އެ ނިންމެވުމާއެކު ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދަނީ ޖޭޕީ ދޫކޮށް ރައީސް ސޯލިހަށް ތާއީދު ކުރައްވަމުންނެވެ. އެގޮތުން ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އިމިގްރޭޝަން ކޮމާންޑަރު އަހްމަދު މުހައްމަދު (ހަނަފީ) އަދި ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަދި ފިލްމީ ތަރި ވަލީދާ ވަލީދު ވަނީ ޖޭޕީ ދޫކޮށް ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަވާފައެވެ.