ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އިބްރާހީމް ޝާޒްގެ ކެމްޕެއިން ލޯންޗުކޮށްފިއެވެ.
ޝާޒްގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ ގުޅީގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަމުން ޝާޒް ބުނީ ދާއިރާގެ ތަރައްގީގައި ވަކި ޕާޓީއަކަށް ބެލުމެއް ނޯންނާނެ ކަމަށެވެ. އަދި އޭނާއަކީ ހުރިހާ ރައްޔިތުންނަށް އެމްޑީޕީގެ ތަރައްގީ ފޯރުކޮށްދޭން ނިކުންނަ 'އެޖެންޓެއް' ކަމަށެވެ. ޝާޒް އިތުރްށް ބުނީ އޭނާ އެ ދާއިރާއަށް ކުރިމަތިލަނީ މަޖިލީހުގެ ގޮނޑި ހޫނުކުރުމަށް ނޫން ކަމަށެވެ.
މީގެ އިތުރުން ޝާޒް ވަނީ ގުރައިދޫ އާއި މާފުއްޓަށް ބޭނުންވާ ކަންކަން ވަރަށް ސާފުކޮށް އެމގޭކަމަށާ އެ އަތޮޅުގެ ރަށްތަކަށް އޮތް އެންމެ ބޮޑު ދަތިކަމަކީ ބިމުގެ ދަތިކަން ކަމަށް ފާހަގަ ކޮށްފައެވެ. ނަމަވެސް ގުޅި، ގުރައިދޫ އަދި މާފުށީގައި ބިމުގެ ދަތިކަން މިހާރު ހައްލުވެފައި ވާކަން ފާހަގަކޮށް ޝާޒް ބުނީ އެއިން ކޮންމެ ރަށެއްގައި 'ޕިކްނިކް އައިލެންޑެއް' އެބައޮތް ކަމަށެވެ. އަދި މިކަމުން ދޭހަވެގެން ދަނީ މި ސަރުކާރުން ތަރައްގީ ގެނައުމުގައި ވަކި ރަށެއް ތަފާތު ނުކުރާކަން ކަމުގައި ޝާޒް ބުނެއެވެ.
އިތުރަށް ޝާޒް ބުނީ އެމްޑީޕީގެ ޓިކެޓުގައި ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ، ރައްޔިތުންނަށް އެމްޑީޕީގެ ތަރައްގީ ފޯރުކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން އެ ދާއިރާގެ ރައްޔިތުން ތަރައްގީއަށް އެދޭނަމަ ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް އޭނާ އިންތިހާބުކޮށް ދިނުމަށް ރައްޔިތުންގެ ކިބައިން ޝާޒް އެދެއެވެ.