ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެޑިޓަރުންނަށް ހާއްސަކޮށްގެން އިންޑިއާގެ އެމިޓީ ޔުނިވާސިޓީ އިން އިންތިޒާމުކުރާ ތަމްރީން ޕްރޮގްރާމެއްގައި ދިވެހި ނޫސްވެރިން އިންޑިއާ އަށް ފުރައިފިއެވެ.

“އިން ސާވިސް ޓްރެއިނިން އޮފް އެޓިޑާސް އެންޑް ޖާނަލިސްޓް އޮފް މޯލްޑިވްސް” ގެ ނަމުގައި ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމަކީ އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމްގެ އެހީގައި ލިބުނު ފުރުސަތެއްކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ.

ނޫސްވެރިންނަށް އިތުރު ތަމްރީނާ ތަޖުރިބާ ހޯދާ ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި ރާއްޖޭގެ އެކި މީޑިއާތަކުން 20 ނޫސްވެރިން ވަނީ ބައިވެރިވެފައެވެ.

މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ނޮއިޑާ ގައި ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި ހަތާވީސް އޮންލައިން، ސޯސަލް، ހަފްތާ، އިހަވަންދޫ ޑޮޓް ކޮމް، އަދަދު އޮންލައިން، އާފަތިސް، އަރި އޮންލައިން، ވީޓީވީ، ޕަބްލިކް ސަރވިސް މީޑިއާ، މިނިވަން މީޑިއާ، އެސްއެސް ޓީވީ، ވަގުތު އޮންލައިން، ހޯރަ އޮންލައިން، ރާއްޖެ ޓީވީ އިން ނޫސްވެރިން ވަނީ ބައިވެރިވެފައެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި ޖާނަލިޒަމް އެތިކްސް، މީޑިއާ ދާއިރާގެ މުހިއްމު ގާނޫނުތައް، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް ކިޔަވައި ދޭނެއެވެ. މީގެ އިތުރުން ކޮންފްލިކްޓް ހާލަތްތަކުގައި ރިޕޯޓުކުރާނެ ގޮތާއި ކުއްލި ހާލަތްތަކުގައި ރިޕޯޓުކުރުމުގައި ސުލޫކީ މިންގަނޑު ހިފެހެއްޓުމާ، ސިޓިޒަން ޖާނަލިޒަމްގެ އިތުރުން ވީޑިއޯ ޖާނަލިޒަމް، މޯބައިލް ރިޕޯޓިން، ކޮމިއުނިޓީ ބްރޯޑްކާސްޓިން އަދި އިންވެސްޓިގޭޓިވް ޖާނަލިޒަމް ކިޔަވައިދާނެއެވެ.

މީގެ އިތުރުން އިންޑިއާގެ މަޝްހޫރު މީޑިއާ ހައުސްތަކަށް ޒިޔާރަތްކޮށް އެތަން ތަނުގައި މަސައްކަތް ކުރިއަށް ދާ ގޮތް ދައްކާލުމުގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކަށް ބައިވެރިން ޒިޔާރަތްކުރާނެއެވެ. އަދި މި ދަތުރުގެ ބައިވެރިން ޕްރެސް ކައުންސިލް އޮފް އިންޑިއާ، ޕްރަސާރް ބާރިތީ، ދޫދާޝަން ކެންދުރާ، ނޭޝަނަލް ކެޕިޓަލް ރީޖަންއަށް ބައިވެރިން ޒިޔާރަތްކުރުމަށް ހަމަޖެހިފައި ވާއިރު ނިއުދިއްލީގެ މުހިއްމު ތަންތަން ދައްކާލުންވެސް ކުރިއަށް ދާނެއެވެ.