ސްޓާޕްލަސް އިން ދައްކަމުން އަންނަ ޑްރާމާ ސިލްސިލާ "ގުމް ހޭ ކިސީކޭ ޕިޔާރު މޭ" ގެ ސެޓުގައި ޝޫޓްކުރަމުން ދަނިކޮށް އަލިފާން ރޯވެއްޖެއެވެ.
އިއްޔެ ހިނގި މިހާދިސާ ހިނގަން މެދުވެރިވީ ޑްރާމާގެ އެޕިސޯޑެއްގައި ގޭގައި އަލިފާން ރޯވާ މަންޒަރު ޝޫޓްކުރަން އުޅުމުގެ ތެރޭގައެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ނުވެ އުޅެނިކޮށް އެތަނުގައި ހުޅު ހިފާ އެއްކޮށް އަލިފާން ރޯވެ މުޅި ސެޓު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ. އަލިފާނުގެ ހާދިސާ ހިނގި ނަމަވެސް އެއްވެސް އެކްޓަރަކަށް ގެއްލުމެއް ނުވެ ވަނީ ސަލާމަތްވެފައެވެ. ނީލް ބަޓް، އައިޝާ ސިންގް އަދި އައިޝްވާރިޔާ ޝަރްމާ ބަޓް ލީޑު ރޯލުން ފެނިގެންދާ މި ޑްރާމާ ސިލްސިލާގެ ސެޓުގައި އަލިފާން ރޯވީ ސެޓުގައި ޑްރާމާގެ އެކްޓަރުންގެ އިތުރުން ކްރޫ މެންބަރުންވެސް ތިއްބާއެވެ.
އަލިފާނުގެ ހުޅު ބޮޑުވާން ފެށުމުން ޑްރާމާގެ މޭކަޕް އާޓިސްޓުންގެ މޭކަޕް ސާމާނުވެސް އެތަނުގައި ބެހެއްޓުމަށްފަހު އެ ތަނުން ނުކުމެވުނެވެ. ނަމަވެސް ސެޓުގައި އެއްވެސް އެއްޗެއް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. ސެޓުގައި އަލިފާން ރޯވަމުން ދިޔަ މަންޒަރު ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާއިރު އެ ވީޑިއޯ އިން ފެންނަނީ ޑްރާމާގެ ބަތަލާ އައިޝާ ރޮމުން ރޮމުން އެތަނުން ސަލާމަތްވެގެން ނުކުންނަ މަންޒަރެވެ. ރިޕޯޓްތައް ބުނާގޮތުގައި އަލިފާނުގެ ހާދިސާ ހިނގިއިރު އެތަނުގައި 2000 އަށް ވުރެ ގިނަ މީހުން ތިއްބެވެ. އެ އެންމެންވެސް ވަނީ އެ ހާދިސާއިން މާބޮޑު ހާނިއްކައެއްނުވެ ސަލާމަތްވެފައެވެ.
ދެހާސް ވިހި ވަނަ އަހަރުން ފެށިގެން ސްޓާޕްލަސް އިން ދައްކަމުން އަންނަ މި ޑްރާމާ އަކީ ތިނެސްކަން ލޯބީގެ ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ ޑްރާމާ އެކެވެ. ޑްރާމާގެ މެއިން ކެރެކްޓަރުން ކަމަށްވާ ނީލް އާއި އައިޝްވާރިޔާ އާއި އުޅެނީ ހަގީގީ ދިރިއުޅުމުގައި ކައިވެނިކޮށްގެންނެވެ.