މި ދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ބައެއްގެ ސަމާލުކަން ހޯދި ޕީއެސްޖީ ގެ ކުޅުންތެރިޔާ އަޝްރަފް ހަކީމީ އަށް ކޮށްފައިވާ ރޭޕްގެ ތުހުމަތުތައް އޭނާގެ ވަކީލު ދޮގުކޮށްފިއެވެ.
ހަކީމީ އާ ދެކޮޅަށް އުމުރުން 24 އަހަރުގެ އަންހެނަކު ހުށަހަޅާފައިވާ ރޭޕްގެ މައްސަލައެއް ފްރާންސްގެ ޕްރޮސިކުއުޓަރު އޮފީހުން ތަހުގީގު ކުރަމުން އަންނައިރު ބޭރުގެ މީޑިއާތަކުން ވަނީ މި އަންހެން މީހާއަކީ ހަކީމީ އާ އިންސްޓަގްރާމުން ދިމާވި އަންހެނެއް ކަމަށް ބުނެފައެވެ. އަދި ހަކީމީގެ އަނބިމީހާ އާއި ދެ ކުދިން ދުބާއީގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް މިދިޔަ މަހު 25 ވަނަ ދުވަހު ޕެރިހުގައި ހުންނަ ހަކީމީގެ ގެއަށް އެ އަންހެން މީހާ ގެންގޮސް ރޭޕް ކުރަން މަސައްކަތް ކޮށްފައި ވާކަމަށް ވެސް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.
މި މައްސަލަ އެ އަންހެންމީހާގެ ފަރާތުން ޕޮލިހަށް ރިޕޯޓްކުރި ނަމަވެސް އޭނާ ހަކީމީ އާ ދެކޮޅަށް ދައުވާކުރަން ބޭނުން ނުވާކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކި ފްރާންސްގެ ޕްރޮސިކުއުޓަރު އޮފީހުން ވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.
ފްރާންސްގެ ނޮންޓްރޭ ޕްރޮސެކިއުޓަރު އޮފީހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ހަކީމީގެ ވަކީލު ވަނީ އޭނާއާ ދެކޮޅަށް ކޮށްފައި ވަނީ އެއްވެސް އަސްލެއްނެތް ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފައެވެ. އަދި މި މައްސަލަ ކުރިއަށް ގެންދިއުމަށް ހަކީމީގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކަމާ ގުޅޭ ހުރިހާ އިދާރާއަކަށް ދެމުން ދާނެކަމަށް އޭނާގެ ވަކީލު ވަނީ ބުނެފައެވެ. މީގެ އިތުރުން ހަކީމީގެ ވަކީލު ވަނީ މި މައްސަލައިގައި ހަކީމީ އަށް އިންސާފު ލިބިގެންދާނެކަމާ މެދު އެއްވެސް ޝައްކެތް ނެތްކަމަށް ބުނެފައެވެ.
މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ފްރާންސްގެ ނޮންޓްރޭ ޕްރޮސެކިއުޓަރު އޮފީހުން ހާމަކޮށްފައި ނުވާއިރު ހަކީމީ އާއި އޭނާ ކުޅެމުންދާ ޕީއެސްޖީގެ ބަހެއްވެސް އަދި ލިބިފައެއް ނުވެއެވެ.