ދުނިޔޭގެ ފުޓްބޯޅަ ފެޑެރޭޝަން ފީފާއިން މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑް އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީއަށް ދީފައެވެ.
މެސީއަށް މި އެވޯޑް ހަވާލުކޮށްފައިވަނީ ރޭ ފީފާއިން ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މިދިޔަ އަހަރު އޮތް ވޯލްޑްކަޕްގައި އާޖެންޓީނާއަށް ތަށި ހޯދައިދިނުމުގައި މުހިންމު ރޯލެއް އަދާކުރި މެސީއާ އެންމެ ގާތުން މި އެވޯޑަށް ވާދަކުރީ ފްރާންސްގެ ދެކުޅުންތެރިން ކަމަށްވާ ކިލިއަން މަމްބާޕޭއާއި ކަރީމް ބެންޒީމާއެވެ. ފްރާންސްއަކީ ވޯލްޑްކަޕްގެ ރަނަރަޕް ޓީމެވެ.
ފީފާގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހަތް ވަނަ ފަހަރަށް ހާސިލްކުރި މެސީ ބުނީ މި ކާމިޔާބީއާ މެދު އުފާ ކުރާ ކަމަށާއި ވޭތުވެދިޔަ އަހަރަކީ އޭނާގެ ކެރިއަރުގައި އައި ވަރަށް މުހިންމު އަހަރެއް ކަމަށެވެ. އަދި އޭނާގެ ޓީމާ ނުލާ މި އެވޯޑް ނުލިބޭނެ ކަމަށް ވެސް ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ މެސީ ބުންޏެވެ. މެސީ ބުނީ އޭނާ އެންމެ ގިނަ ދުވަހު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދިއްޖެ ކަމަށާއި މިފަދަ ނަސީބެއް ލިބޭނީ މަދު ބަޔަކަށް ކަމަށެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗަކަށް ހޮވިފައިވަނީ އާޖެންޓީނާއަށް ވޯލްޑްކަޕް ހޯދައިދިން ލައިނަލް ސްކަލޯނީއެވެ. އަދި އަހަރުގެ އެންމެ މޮޅު ފިރިހެން ގޯލު ކީޕަރަކަށް ހޮވިފައިވަނީ އާޖެންޓީނާގެ ކީޕަރު އެމީ މާޓީނޭޒްއެވެ. މާޓީނޭޒް ވަނީ ވޯލްޑްކަޕް މުބާރާތުގައި ވެސް އެންމެ މޮޅު ކީޕަރުގެ ޝަރަފު ހޯދާފައެވެ. ފީފާ 2022 އެވޯޑް ހަފްލާގައި ބެސްޓް ފޭން އެވޯޑް ލިބުނީ އާޖެންޓީނާގެ ސަޕޯޓަރުންނަށެވެ.
2022 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއަކަށް ހޮވުނީ ބާސަލޯނާގެ އެލިކްސިސް ޕުޓެލާސްއެވެ.